ރާއްޖެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރު ގަދަވުމާ ގުޅިގެން ކުރިއަށްއޮތް 2 ދުވަހު އުތުރާއި މެދު ރާއްޖެތެރެ ސަރަހައްދަށް އާންމުކޮށް ވައިބާރުވެ ކަނޑުތައް ވަރަށް ގަދަވެ ވިއްސާރަކުރާނެ ކަމަށް މޫސުމާބެހޭ ގައުމީ އިދާރާ (މެޓް އޮފީހުން) ބުނެފި އެވެ.
އެ އިދާރާއިންބުނީ އާންމު ގޮތެއްގައި ގަޑިއަކު 15 މޭލާއި 25 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި ވިލާގަނޑުގައި ގަޑިއަކު 45 މޭލާއި 55 މޭލާ ދެމެދުގެ ބާރުމިނުގައި ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށެވެ.
ބޭއޮފް ބެންގޯލް ސަރަހައްދުގައި ދަނީ ކޮޅިގަނޑެއް އުފެދެމުންނެވެ. އެހެންކަމުން ކުރިއަށްއޮތް 2 ދުވަހުވެސް ރާއްޖެއަށް މޫސުން ވަރަށް ބޮޑަށް ގޯސްވާނެއެވެ. މި ކޮޅިގަނޑު މިއަދު އިތުރަށް ބާރުގަދަވެގެންދާނެކަމަށް ބެލެވޭކަމަށް އެއިދާރާއިން ބުނެއެވެ. އަދި އެއަށްފަހުގައި މި ކޮޅިގަނޑު ބޭއޮފް ބެންގޯލްގެ މެދުތެރެއަށް ދަތުރުކުރާނެކަމަށް ލަފާކުރެވެނީ މިމަހުގެ 24 ވަނަ ދުވަހުއެވެ.
އަދި ދިޔަވަރު ބޮޑުވާ ވަގުތު ތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރުކުރުން އެކަށީގެންވާކަމަށްވެސް އެ އިދާރާއިން ބުނެ އެވެ.
މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް އެ އިދާރާއިންވަނީ މިއަދު ހެނދުނު 8:30 ން 12:30 އަށް ހއ އަތޮޅުން ފެށިގެން ބ އަތޮޅަށް ރީނދޫ އެލާޓް ނެރެފަ އެވެ. އަދި ބ އަތޮޅުން ފެށިގެން ވ އަތޮޅަށް އޮރެންޖު އެލާޓް ނެރެފަ އެވެ.
ހުރިހާ ފަރާތްތަކުން، ހާއްސަކޮށް ކަނޑުދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އިލްތިމާސްކުރާ ކަމަށާއި ގަދަވަޔާއި ބޯކޮށް ވާރެވެހުމުގެ ސަބަބުން ކުރުމަތިވެދާނެ ނުރައްކާތަކުން ސަލާމަތްވުމަށާއި ލިބިދާނެ ގެއްލުންތައް ކުޑަކުރުމަށް ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށްވެސް އެ އިދާރާއިންވަނީ އެދިފަ އެވެ.