twitterviber whatsapp telegramfacebookyoutube instagram
18th October 2024

މޫސުން ގޯސްވުމުން އޮރެންޖް އިންޒާރުގެ މުއްދަތު ދެވަނަ ފަހަރަށް އިތުރުކޮށްފި

ނަބީލާ އިސްމާޢީލް
May 23, 2024

ވިލާގަނޑުގައި 60 މޭލަށް ވައިގަދަވާނެކަމަށް ލަފާކޮށް މޫސުމާބެހޭ ގައުމީ އިދާރާ (މެޓް) އޮފީހުން ހއ އަތޮޅުން ފެށިގެން ވ އަތޮޅަށް މިއަދު ހެނދުނު 8:00 ން 11:00 އަށް ނެރެފައިއޮތް އޮރެންޖް އިންޒާރު މުއްދަތު އިތުރުކޮށްފި އެވެ.

މެޓް އޮފީހުން މި އިންޒާރުގެ މުއްދަތު އިތުރުކޮށްފައިވަނީ މިރޭ 19:15 އާ ހަމައަށެވެ. މިއީ އޮރެންޖް އިންޒާރުގެ މުއްދަތު މިއަދު އިތުރުކުރި ދެވަނަ ފަހަރެވެ. މި މުއްދަތުގެ ތެރޭގައި ހއ އަތޮޅާއި ވ އަތޮޅާ ދެމެދުގެ އަތޮޅުތަކަށް ގަދަވަޔާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށް ވަނީ ލަފާކޮށްފައެވެ.

އެ އިދާރާއިން ވަނީ ގަޑިއަކު 34 މޭލާއި 40 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށް ލަފާކޮށްފައެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 60 މޭލަށް ވައި ގަދަވެ، ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް ވެސް ވަނީ ލަފާކޮށްފައެވެ.

ރާއްޖެއަށް މިހާރު ކުރަމުންދާ ހުޅަނގު މޫސުމުގެ ވިއްސާރައިގެ އަސަރު މި ދުވަސްވަރު ބޮޑަށް ކުރަމުންދަނީ އުތުރާއި މެދުރާއްޖެތެރެއަށެވެ. އެހެންކަމުން މޫސުމަށް ސަމާލުވުމަށާއި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ކަމާ ބެހޭ އިދާރާތަކުން އިލްތިމާސްކުރެއެވެ.

ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް ލަފާ ކޮށްފައިވާއިރު އިންޒާރުތައް ނެރެފައިވާ މުއްދަތުގައި ކޮންމެހެން ކުރަން ޖެހޭ ދަތުރުތައް ނޫން ދަތުރު ނުކުރުމަށް ކަމާބެހޭ އިދާރާތަކުން އިލްތިމާސްކުރެއެވެ.އަދި ކަނޑުދަތުރު ކުރާއިރު ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ވެސް ވަނީ އިލްތިމާސްކޮށްފައެވެ. ޚާއްޞަކޮށް ރޭގަނޑު ކަނޑުދަތުރުތައް ނުކުރުމަށް ވަނީ އެދިފައެވެ.

އޮރެންޖު އިންޒާރު ނެރެނީ ފާއިތުވި 3 ގަޑިއިރު 34-40 މޭލަށް ނުވަތަ ފާއިތުވި 1 ގަޑިއިރު 36-42 މޭލަށް ވައިޖެހުން ނުވަތަ އެ މިންވަރަށް ވައި ޖެހޭނެ ކަމަށް ލަފާކުރެވުމުންނެވެ. ވިލާގަނޑުގައި 63 މޭލަށް ވައިގަދަވުން އެކަށީގެން ވެއެވެ. އަދި މީގެ އިތުރުން ބާރުގަދަ ކޮޅިގަނޑުތައް އެރުމަކީ އެކަށީގެންވާކަމެކެވެ. ކަނޑު ދަތުރުފަތުރު ކުރުމަށް ދަތިތައް ކުރިމަތިވާ މިންވަރަށް ކަނޑުގަދަވާނެއެވެ. އާދަޔާ ހިލާފަށް ވައިގަދަވެ، ވިދާ ގުގުރައި، ބޯކޮށް ވާރޭވެހޭނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355