twitterviber whatsapp telegramfacebookyoutube instagram
27th July 2024

މަޖިލީހުގެ ރައީސަކަށް އަބްދުއްރަހީމް، ނައިބު ރައީސަކަށް ނާޒިމް

ނަބީލާ އިސްމާޢީލް
May 28, 2024

މިއަދު ފެށި 20 ވަނަ ރައްޔިތުންގެ މަޖިލިހުގެ ރައީސަކަށް ފޮނަދޫ ދާއިރާގެ މެމްބަރު އަދި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސްޕެޝަލް އެޑްވައިޒަރުގެ ގޮތުގައި ހުންނެވި އަބްދުއްރަހީމް އަބްދުﷲ އަދި މަޖިލީހުގެ ނައިބު ރައީސަކަށް ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ނާޒިމް އިންތިހާބުކޮށްފި އެވެ.

އާ މަޖިލީހުގައި ހިމެނިވަޑައިގަންނަވާ 93 މެންބަރުން ވެސް މިއަދު ހެނދުނު 9:00 ގައި ވަނީ މަޖިލީސް މެންބަރުކަމުގެ ގާނޫނީ ހުވާކުރައްވައިފައެވެ. މެންބަރުން ހުވާކުރެއްވީ އުއްތަމަފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާންގެ ކުރިފުޅުމަތީގައެވެ.

މަޖިލީހުގެ ރައީސާއި ނައިބު ރައީސް އިންތިޚާބުކުރަން މިއަދު 10:15 ގައި ބޭއްވި މަޖިލީހުގެ ޖަލްސާގައި އެ މަގާމަށް މެޖޯރިޓީ ޕާޓީ ޕީއެންސީން ވަނީ އަބްދުއްރަހީމްގެ ނަން ހުށަހަޅައިފައެވެ. އަދި، އަބްދުއްރަހީމްގެ ނަން ހުށަހެޅީ ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމެވެ.

އެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ މެދުކެނޑުމެއް ނެތި މަޖިލިހުގައި އެންމެ ގިނަ ދުވަސް ވަންދެން ހުންނެވި މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް މުހައްމަދެވެ.

މަޖިލިހުގެ ރައީސްގެ ގޮނޑި އަށް އަބްދުއްރަހީމް ވަޑައިގަތީ 71 ވޯޓުންނެވެ. އެމަގާމަށް ވާދަކުރެއްވި ނާޒިލަށް ލިބިވަޑައިގަތީ 14 ވޯޓެވެ. މަޖިލިހުގެ ރައީސްގެ އިންތިހާބުގައި ހަތް ވޯޓު ބާތިލްވި އެވެ.

މަޖިލިހުގެ ނައިބު ރައީސްކަމަށް ނާޒިމް ވަޑައިގަތީ 80 ވޯޓުންނެވެ. ނާޒިމާ ވާދަކުރެއްވި އެމްޑީޕީގެ މަރަދޫ ދާއިރާގެ މެމްބަރު އަހުމަދު ދީދީ އަށް ލިބިވަޑައިގަތީ 12 ވޯޓެވެ. މިއަދު ފެށި އާ މަޖިލިހުގައި ތިއްބަވަނީ ވެސް އެމްޑީޕީގެ 12 މެމްބަރުންނެވެ. ޕީއެންސީގެ މެމްބަރުންގެ އަދަދަކީ 76 އެވެ.

މަޖިލިހުގެ ރައީސަކަށް އަބްދުއްރަހީމް އަދި ނައިބަކަށް ނާޒިމް އިންތިހާބު ކުރުމަށް ފަހު އަބްދުއްރަހީމް ވަނީ ރިޔާސަތާ ހަވާލުވެވަޑައިގެން ފުރަތަމަ ފަހަރަށް ޖަލްސާ ކުރިއަށް ގެންދަވައިފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355