ރާއްޖޭގެ ފުރަތަމަ ކާރބަން ނިއުޓްރަލް ރަށަކަށް ހެދުމުގެ އަމާޒުގައި ވައިކަރަދޫގައި އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުން
މިއަހަރުގެ ތިމާވެށީގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ވައިކަރަދޫގައި ގިނަ ހަރަކާތްތަކެއް ކުރިއަށްގެންދަން ނިންމައިފި އެވެ. މިހަރަކާތްތައް ކުރިއަށްގެންދަނީ ކައުންސިލާއި އަންހެނުންގެ ކޮމެޓީ އާއި އަމިއްލަ ޖަމިއްޔާއެއްކަމަށްވާ އެޓްމޮސްފިއާ ފައުންޑޭޝަން ގުޅިގެންނެވެ.
ވައިކަރަދޫ ކައުންސިލްގެ ނައިބު ރައީސް މުހައްމަދު ނުހާމް ކޭއޯއަށް ވިދާޅުވީ، ތިމާވެށީގެ ދުވަސް ފާހަގަކުރުމަށް ގިނަ ކަންތައްތަކެއް ރާވާފައިވާ ކަމަށެވެ. އެގޮތުން މުބާރާތްތަކާއި ހޭލުންތެރިކުރުމުގެ ޕްރޮގުރާމްތައް ހިމެނޭހެން ތަފާތު 15 ހަރަކާތެއް ހިންގަން ހަމަޖެހިފައިވާ ކަމަށެވެ.
އެގޮތުން އާންމުންނާއި ސްކޫލް ދަރިވަރުންނަށް ހުޅުވާލައިގެން މަޒުމޫނު ލިޔުމާއި ލީފްލެޓް ހެދުމާއި ޕޯސްޓަރު ކުރެހުމާއި ފޮޓޯ ނެގުމާއި އޮނުން ތަކެތި ހެދުމުގެ މުބާރާތެއް ކުރިއަށްދާނެ އެވެ. މީގެ އިތުރުން ތިމާވެއްޓާ ގުޅޭ މައުލޫމާތު ދިނުމާއި ކާދު ހަދަން ދަސްކޮށްދިނުމުގެ ޕްރޮގުރާމެއްވެސް ކުރިއަށްދާނެކަމަށް ނުހާމް ވިދާޅުވި އެވެ.
ކާނާގެ ޔަގީންކަން ގާއިމުކުރުމުގެ ގޮތުން ތިމާވެށީގެ ދުވަހު ބަނބުކެޔޮ ގަހާއި ޖަބުރޯދު ގަސް އިންދުމުގެ ހަރަކާތެއްވެސް ވައިކަރަދޫގައި ކުރިއަށްދާނެ އެވެ.
ތިމާވެށީގެ ދުވަހާ ގުޅުވައި ކުރިއަށްގެންދިޔަ މުބާރާތްތަކުގެ ނަތީޖާފާޅުކުރުން އޮންނާނީ ހޮނިހިރުދުވަހު އޮނު ޕާރކްގަ އެވެ. އެ ދުވަހު އޮނުން އުފައްދާފައިވާ ބައެއް ތަކެތި ދައްކާލެވޭނެ އެވެ.
ރާއްޖޭގެ ފުރަތަމަ ކާރބަން ނިއުޓްރަލް ރަށަކަށް ވައިކަރަދޫ ހެދުމުގެ އަމާޒުގައި އެރަށު ކައުންސިލާއި އެޓްމޮސްފިއާ ފައުންޑޭޝަން ގުޅިގެން މިދިޔަ އަހަރު އޮނު ގަސް (ބެމްބޫ) ގަސް އިންދައި ހެއްދުމުގެ ހަރަކާތެއް ވަނީ ފަށާފަ އެވެ.
އެގޮތުން މިދިޔަ އަހަރު ރަށުގައި އޮނު ޕާރކެއް ގާއިމުކޮށް އެތަނުގައި 13 ވައްތަރެއްގެ އޮނު ގަސް އިންދައި ހައްދަމުން އެބަދެ އެވެ. އަދި ރަށުގެ އެކި ސަރަހައްދުތަކުގައި 200 އަށްވުރެ ގިނަ އޮނު ގަސް އިންދައި އާލާކުރުމުގެ މަސައްކަތްވެސް ކުރި އެވެ.
ނުހާމް ވިދާޅުވީ، އޮނު ގަސް އާލާކުރުމުގެ މަސައްކަތް ވަރަށް ކާމިޔާބުކަމަށާއި މިކަމުގައި އެޓްމޮސްފިއާ ފައުންޑޭޝަނާއި އަންހެނުން ކޮމެޓީ އަދި ރައްޔިތުންގެ ފަރާތުން ލިބޭ އެއްބާރުލުމާއި އެހީތެރިކަން ނުހާމް ފާހަގަކުރެއްވި އެވެ.
ރާއްޖޭގައި އެންމެ ގިނަ ވައްތަރުގެ އޮނު ގަސް މިވަގުތު ހުރީ ވައިކަރަދޫގަ އެވެ. ނުހާމް ވިދާޅުވީ، ކާރބަން ނިއުޓްރަލް ރަށަކަށް ހެދުމަށް ކުރާ މަސައްކަތުގައި އޮނު ގަސް ހައްދަނީ އެގަހަކީ އެހެން ގަސްތަކާ އަޅާ ބަލާއިރު ޖައްވުގައި ހުންނަ ވިހަ މާއްދާ ގިނަ އަދަދަކަށް ރައްކާކުރާ ގަހަކަށްވެފައި އެހެން ގަސްތަކަށްވުރެ 35 އިންސަތަ އިތުރަށް އޮކްސިޖަން އުފައްދާ ގަހަކަށްވާތީ އެވެ.
މީގެ އިތުރުން އެޓްމޮސްފިއާ ފައުންޑޭޝަންގެ އެހީއާއެކު ވައިކަރަދޫގައި ކާރބަން ޖައްވަށް ދޫކުރާ މިންވަރު ބެލުމަށް ކާރބަން އޮޑިޓެއް ހެދުމުގެ މަސައްކަތްވެސް ފެށޭނެ ކަމަށެވެ. އަދި ރަށުގެ ފަޅާއި ފަރު އަދި ކަނޑޫފަލަށް އަންނަ ބަދަލުތައް ދެނެގަތުމަށް ސާރވޭއެއް ހެދުމުގެ މަސައްކަތްވެސް ފެށިގެންދާނެކަމަށް ނުހާމް ވިދާޅުވި އެވެ.