twitterviber whatsapp telegramfacebookyoutube instagram
25th December 2025

ވައިކަރަދޫގެ މުރަކައިގެ ބަގީޗާ، އެތައް ގޮތަކުން އަގުހުރި ހަޒާނާއެއް!

ޚަދީޖާ އާދަމް
Dec 25, 2025

ރާއްޖެ އަކީ މުރަކައިގެ ބަގީޗާއެކޭ ބުނެ އުޅެނީ ސަބަބެއް ނެތިއެއް ނޫނެވެ. ރާއްޖޭގެ އެކި ހިސާބުތަކުގައި ފީނާލުމުން ވެސް މި ބަހުގެ ތެދުކަން ހާމަވެއެވެ. އެގޮތުން މި ފަހުން ޝޯޝަލް މީޑިއާގައި އާންމުވެ، ގިނަ ބައެއްގެ ޝައުގުވެރިކަން ދަމައިގަތް އެއް މަންޒަރަކީ ހދ. ވައިކަރަދޫގެ މުރަކައިގެ ބަގީޗާ އެވެ.

އެރަށު ބަނދަރު އުތުރު ފަރާތުން ދުރުދުރަށް ހެދިފައިވާ މި ހިތްގައިމު މަންޒަރު ސޯޝަލް މީޑިއާގައި އެތައް ބަޔަކު ޝެއާ ކުރަމުން ދާއިރު ފެނިގެން ދަނީ ހިތްގައިމު މަންޒަރެކެވެ.

ރާއްޖޭގެ އެކި ހިސާބުތަކުން ހިތްގައިމު މަންޒަރުތަކުގެ ފޮޓޯ ނަގަމުން އަންނަ ރާއްޖެ ފޮޓޯގެ ފޮޓޯގްރާފަރު މުހައްމަދު ހައްސާން ވައިކަރަދޫގެ މި ހިތްގައިމު މަންޒަރު ވަނީ ޝޯސަލް މީޑިއާއަށް ދޫކޮށްލާފައެވެ. ހައްސާން ގެ ފޮޓޯތަކުންނާއި ވީޑިއޯތަކުން ފެންނަނީ ފުންކޮަށްފައިވާ ބަނދަރާ މާދުރުނޫން ހިސާބެއްގައި، ރަށުގެ އުތުރު ފަރާތް ޗާލު މުރަކަތަކަކުން ހިކިފައި އޮއްވަ އެވެ. ރަށުގެ ބޭރު ތޮއްޓާ ހަމައަށް ވެސް އޮތީ މި މުރަކަތައް ފެތުރިފައެވެ.

މުރައިގެ މި ހިތްގައިމު ބަގީޗާ، އެންމެންގެ ސަމާލުކަމަށް ގެނައި ހައްސާން ބުނީ މި މުރަކަތައް ހެދި ފެތުރެން ފެށީ 2020 ވަނަ އަހަރުން ފެށިގެން ކަމަށެވެ. އަދި އޭގެ ފަހުން ގާތްގަނޑަކަށް 200 ފޫޓަށް މުރަތަކަތައް ފެތުރިފަިއިވާ ކަމަށެވެ.

މި މަންޒަރު އެންމެ ހާއްސަވާ އެއް ސަބަބަކީ މިއީ ރާއްޖޭގައި ވެސް މާ އާންމު ވައްތަރެއްގެ މުރަކައެއް ނޫންވީމައެވެ. މިރަށުގައި މިއޮތީ މޮންޓިޕޯރާ ނަމަކަށް ކިޔާ މުރަކައިގެ ބޮޑި ބަގީޗާއެވެ. ބޮޑެތި މި މުރަކަތައް އެންމެ ވައްތަރީ، ރީތިކޮށް ފޮޅިލާފައި އިންނަ ފިނިފެންމަލަކާއެވެ.

މުރަކަތަކުގެ ސަބަބުން ވައިކަރަދޫގެ ނަން އަނެއްކާވެސް މި ވަނީ މަޝްހޫރުވެފަ އެވެ. މިތަނަކީ، ހައްސާން ބުނި ގޮތުގައި ހަމަ އެކަނި ސްނޯކްލިންނަށް ހާއްސަ ސަރަހައްދެއްގެ ގޮތުގައި ކަނޑައަޅައި ދިޔަވަރު ހިކި ވަގުތުތަކުގައި އެ ސަރަހައްދުގައި ހިނގާ އުޅުން ކައުންސިލުން މަނާ ކުރަންޖެހެ އެވެ. ސަބަބަކީ މި މުރަކަތަކުގެ ސަބަބުން ލޯކަލް ޓުއަރިޒަމް އިތުރަށް ފުޅާވެ ރަށަށް ޒިޔާރަތް ކުރާ ފަރާތްތަށް އިތުރުވާނެތީ ކަމަށް ހައްސާން ފާހަގަ ކުރިއެވެ.

އަދި ހިކި ދިޔާގައި ތަނުގެ ރީތިކަން ފެންނަ ގޮތަށް ޕްލެޓްފޯމެއް ތައްޔާރުކޮށް، ކައުންސިލްގެ ފަރާތުން ތަން އިތުރަށް ޕްރޮމޯޓްކުރުމަކީ ވެސް ކުރެވިދާނެ ކަމެއް ކަމަށް ހައްސާން ފާހަގަކުރި އެވެ.

ހައްސާންގެ ވީޑިއޯތަކުން ފެންނަ ގޮތުން ދިޔަވަރު ހިކިފައި އޮންނަ ވަގުތުތަކުގައި، ފެނުން މައްޗަށް ހުރިހާ މުރަކަތަކެއް ހުންނަނީ ތިލަވެފައެވެ. އަދި ރީތިކޮށް ހިނގާލެވެނެހެން ދެފަރާތުން މަގުތަކެއް ހެދިފައި ހުރެއެވެ. ދިޔަވަރު ބޮޑުވެ ފެނުގެ އަޑީގައި މި މުރަކަތަކުގެ މަންޒަރުގެ ހިތްގައިމުކަން އިތުރަށް ފުރިހަމަ ވެގެން ދެއެވެ.

މިފަދަ މުރަކައިގެ އެންމެ ބޮޑި ބަގީޗާއެއް ދެން އޮންނަނީ ބ ފުޅަދޫގައެވެ. ރާއްޖޭގެ އުތުރުގެ އެހެން ރަށަކުން މިހާ ބޮޑަށް މުރަކަތައް ހެދިފައި އޮއްވާ މި ފެނުނީ ވައިކަރަދޫއިން އެކަންޏެވެ. އެހެންކަމުން ގުދުރަތުން ލިބިފައިބާ މިފަދަ ތަންތަން ހިމާޔަތްކޮށް އަންނަ އޮތް ޖީލުތަކާއި ހަމައަށް ވާސިލްކުރުމަކީ މުހިއްމު ކަމެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355