ނަފުސާނީ ދުޅަހެޔޮކަމާ ގުޅޭ ބައިނަލްއަގުވާމީ ކޭމްޕް ކުޅުދުއްފުށީގައި ފަށައިފި އެވެ. ނޮދަން އޮފީސް އިމާރާތުގެ ކޮންފަރެސް ހޯލުގައި ފެށި މި ކޭމްޕް ޝަރަފުވެރިކޮށްދެއްވީ، އޮސްޓްރޭލިޔާ އިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ހައިކޮމިޝަނަރ ޑޭވިޑް ޖެސެޕް އެވެ.
ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއަން ހައިކޮމިޝަން ގުޅިގެންދާ މި ހެލްތް ކޭމްޕު ފެސިލިޓޭޓް ކޮށްދެއްވަނީ ދުނިޔޭގެ ނަން މަޝްހޫރު މެންޓަލް ހެލްތް ރިސާޗް އެންޑް ނޮލެޖް ޓްރާންސްލޭޝަން އޮރގަނައިޒޭޝަން އެއްކަމަށްވާ އޯރގެންއިންނެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މޭޔަރު މުހައްމަދު އާތިފް ވިދާޅުވީ، ނަފުސާނީ ދުޅަހެޔޮކަމާ ދޭތެރޭގައި ދޭންވާ އަހަމިއްޔަތުކަން އެންމެ ރަނގަޅަށް ދިވެހިންނަށް ނުދެވޭކަމަށާއި ނަފުސާނީ މައްސަލަތަކަށް ދޭ ސަމާލުކަން މިހާރަށްވުރެ އިތުރުކުރަން ޖެހޭކަމަށެވެ. ނަފުސާނީ ދުޅަހެޔޮކަން ނެތި ހަގީގީ ދުޅަހެޔޮކަން ނުލިބޭނެކަން މޭޔަރު ފާހަގަކުރެއްވި އެވެ.
ޖިސްމާނީ ބަލިތައް ދިމާވުމުން ފަރުވާ ހޯދަން މަސައްކަތްކުރާ ފަދައިން ނަފުސާނީ މައްސަލަތަކަށްވެސް ފަރުވާ ހޯދަން މަސައްކަތްކުރަން ޖެހޭއިރު އެކަމަށް މުޅި މުޖުތަމައުގެ އެހީތެރިކަންވެސް ބޭނުންވާކަމަށެވެ. ގައުމީ ފެންވަރުގައިވެސް ނަފުސާނީ ބަލިތަކަށް ރިސޯސަސްތައް މަދުކަން މޭޔަރު ފާހަގަކުރެއްވި އެވެ. ކުރިއަށް އޮތްތަނުގައި މިފަދަ ފެންވަރު ރަނގަޅު ޕްރޮގުރާމްތައް ކުރިއަށް ގެންދިޔުމަކީ އަމާޒެއްކަމަށް މޭޔަރު ވިދާޅުވި އެވެ.
ސިޓީ ކައުންސިލުން ކުރާ މަސައްކަތްތަކުގައި އޮސްޓްރޭލިޔާގެ ހައިކޮމިޝަނުން ލިބޭ އެއްބާރުލުމާ އެހީތެރިކަމަށްޓަކާ އެފަރާތްތަށް ޝުކުރުއަދާކުރެއްވި އެވެ. އަދި ކުޅުދުއްފުށީގައި ގާއިމުކޮށްފައިވާ މުއައްސަސާތަކުގެ ލިބޭ އެއްބާރުލުން ފާހަގަކޮށް އެފަރާތްތަކަށްވެސް މޭޔަރު ޝުކުރުއަދާކުރެއްވި އެވެ.
ތަފާތު އެކި ހަރަކާތްތަކާއެކު ދެ ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި ކޭމްޕްގައި ގުޅުން ހުރި ދާއިރާތަކުގެ ގިނަ އަދަދެއްގެ މުއައްސަސާތަކަކުން ބައިވެރިވެ އެވެ. މި ހަރަކާތްތަކާ ގުޅުވައި "މައިންޑްފެސްޓް"ގެ ނަމުގައި އާންމުކޮށް ހުޅުވާލައިގެން ނަފުސާނީ ދުޅަހެޔޮކަމާގުޅޭ މައުލޫމާތު ދިނުމުގެ ހަވީރެއް ބޭއްވުމަށް ހަމަޖެހިފައިވާކަމަށާއި މި ހަވީރުގައި މުއައްސަސާތަކުގެ ސްޓޯލްތައް ބެހެއްޓިފައި ހުންނާނެ އެވެ.
ރަށްމަތިފަންނުގައި މިއަދު ހަވީރުގައި ބާއްވާ އިވެންޓްގައި ކައިޓްސާފަރުންގެ ހުށަހެޅުންތަކާއި ދައްސޫރަ ބޮޑުބެރު ގުރޫޕްގެ ހަރަކާތްތައްވެސް ފެނިގެންދާނެ އެވެ.