މުޅި ރާއްޖޭގެވެސް އެންމެ ގިނަ ބައެއްގެ ސަމާލުކަން ކޮންމެ އަހަރަކުވެސް ހޯދާ ކުޅުދުއްފުށީގެ ފަހުރެއްގެ ގޮތުގައި ފާހަގަކުރެވޭ މަށިމާލި ޕެރޭޑުގައި މި ފަހަރުވެސް ސަރުކާރުން މަސްވެރިންނަށްވެފައިވާ މުހިންމު ވައުދުތަކާއި އެ ނޫންވެސް ގިނަ ސިޔާސީ ޖޯކާއެކު ފޯރިގަދަކަމާއި އެކު ނިންމާލައިފި އެވެ.
ރަށުގެ ހުރިހާ އުމުރުފުރާއެއްގެ އެންމެންހެން ބައިވެރިވާ މި ޕެރޭޑަކީ ޒަމާނުއްސުރެން ކޮންމެ ބޮޑު އީދު ދުވަހަކާ ދިމާކޮށް މި ރަށުގައި ބާއްވާ ހަރަކާތެކެވެ. މަށިމާލިތަކާއެކު މުޅި ޕެރޭޑްގެ ސަމާލުކަން ލިބެނީ އޭގައި ބައިވެރިވާ އުފެއްދުންތެރި ފުޅަނދުތަކަށެވެ.
އޭގެ އިތުރުން އެ ޕެރޭޑަށް ހާއްސަ މާލިތައް ވެސް ހުރެ އެވެ. އެންމެ ކުރިންސުރެ ވެސް އެ މާލިތަކަށް ބަދަލެއް ނާދެ އެވެ. އަދި ތަފާތެއް ވެސް ނުވެ އެވެ.
މިފަހަރުގެ ޕެރޭޑު އެންމެ ބޮޑު އަމާޒަކަށް އޮތީ މި ސަރުކާރުން މަސްވެރިނަށްވީ ވައުދުތަކުގެ މައްޗަށެވެ.
އަބަދުވެސް އޮންނަ އެ އާދަކާދައަކީ ކުޅުދުއްފުށީ ރައްޔިތުންގެ ޝުއޫރުތައް މި ޕެރޭޑުން ދައްކާލުމެވެ. އެއީ ވަކި ސަރުކާރެއް، ވަކި ދުވަސްވަރެއް ވެގެނެއް ވެސް ނޫނެވެ. އޭރެއްގެ އޮންނަ ހާލަތަކާއި، ރައްޔިތުންގެ ޝުއޫރުތައް އުފެއްދުންތެރި ގޮތެއްގައި ހުށަހަޅައިދިނު މެވެ.
އެގޮތުން އެހެން އަހަރުތަކެކޭ އެއް ގޮތަށް މި އަހަރު ވެސް ކުޅުދުއްފުށީ ރައްޔިތުންނަށް ހުރި ދަތިތަކާއި ހިދުމަތްތައް ހޯދުމުގައި ހުރި ގޮންޖެހުންތައް ކިޔައިދޭން ފުޅަނދުތައް ތައްޔާރުކޮށްފައިވެ އެވެ. އަދި އެހެން އަހަރުތަކާއި ހިލާފަށް މި އަހަރު މާލިތައް ގިނަ ނަމަވެސް ފާޑުކިޔާ މާލިތައް މަދެވެ.
އެންމެ ކުރިންސުރެ ވެސް މަށިމާލި ޕެރޭޑުން ފެންނަ މިސައިލްތަކާއި ބުއްފުޅިބޯ ކުއްޖާ އާއި ދުންމާރި ފުމޭ މާލިތައް މިފަހަރު ވެސް ތަފާތެއް ނެތި ފެނިގެންދިޔަ އެވެ. މަށި ލައިގެން އުޅޭ މާލިތަކާއި ކަޅުތެލާއެކުވާ މާލިތަކުގެ އިތުރުން ރަށުގެ މަސައްކަތްތެރިކަންވެސް މި ޕެރޭޑުން ފެނިގެންދިޔަ އެވެ.
ރައީސް މުއިއްޒު ވެވަޑައިގެންނެވި 2000 ހައުސިންގ ޔުނިޓާއި މިޔަރުގެ އުނދަގޫ ބޮޑުވެފައިވާ މަންޒަރު ދައްކައިދޭ ފުޅަދެއް ވެއެވެ. މި ފުޅަނދުގައި ބޮޑު މިޔަރެއް އިންސާނަކު ކާލައި މަންޒަރު ދައްކުވައިދީފަ އެވެ. އަދި ކުޅުދުއްފުށީ ސަރަހައްދުގައި ސަރުކާރުން އަޅަން ވިދާޅުވާ ސްޕޯޓްސް ކަނދުފަތިވެސް މި ޕެރޭޑްގައި ދައްކާލި އެވެ.
މީގެ އިތުރުން މިފަހުން ދިމާވި "ށ" ގެ މާލިތައްވެސް ފެނިގެންދިޔަ އެވެ. އަދި ރައްޔިތުންގެ މަޖީލީހުގެ ރައީސްއާ ގުޅޭ ބައެއް މާލިތައްވެސް ފާހަގަވި އެވެ. ޓޫރިޒަމް މިނިސްޓަރަށް ހަޖޫ ޖަހާފައިވާ މާލިތަކާއި ޕަބުލިކް ވޯކްސް ޔުނިޓްގެ މަސައްކަތްތަކަށްވެސް ފާޑުކިޔާފައިވާ މާލިތައް ފެނިގެން ދިޔަ އެވެ. ސިޓީ ކައުންސިލަރުންނާއި ކަރަންޓް ކެނޑުމުގެ މައްސަލަތަކާއި ކަރަންޓް ބިލާ ގުޅޭ މާލިތައްވެސް ޕެރޭޑުން ފެނިގެންދިޔަ އެވެ.
މަށިމާލި ޕެރޭޑަކީ ކުޅީގެ އަޑިން މަށި ނަގައިގެން މަށި ގައިގާ ހާކައިގެން ރަށުގެ ބޮޑު މަގުގައި މާލިތައް ހިނގާ ހިނގުމެވެ. ކުޅުދުއްފުށީގައި އެއާޕޯޓް އެޅުމަށް ކުޅީގެ ބޮޑު ބައެއް ހިއްކާފައިވާއިރު އެންމެ ރީތި ސާފު މަށި ލިބޭ ސަރަހައްދު ވެސް މިހާރު ވަނީ ވެލި އަޅާ ފޮރުވާފަ އެވެ. އެކަމަކު ކުޅީގެ ބައެއް އަދިވެސް ނުހިއްކާ އޮތްއިރު އެއީ ގިނައިން މަށި ލިބޭ ސަރަހައްދެވެ. އެހެންވެ މަށިމާލި ޕެރޭޑަށް އެއްވެސް ފަނޑު ކަމެއް މިފަހަރު ވެސް ނައެވެ.
މިއަހަރުގެ މަށިމާލި ޕެރޭޑް ބަލާލުމަށް ރާއްޖޭގެ އެކި ސަރަހައްދުތަކުން މީހުން ކުޅުދުއްފުއްޓަށް އައި އެވެ.