twitterviber whatsapp telegramfacebookyoutube instagram
18th October 2024

އީދުގެ ހަރަކާތްތައް ކާމިޔާބުވީ ރައްޔިތުން ދެއްކި އެއްބައިވަންތަކަމުން: މޭޔަރު

ނަބީލާ އިސްމާޢީލް
Jun 22, 2024
4

މިއަހަރުގެ ބޮޑުއީދުގައި ގިނަ ހަރަކާތްތަކެއް ކުރިއަށްގެންގޮސް ކާމިޔާބުކަމާއެކު ނިންމާލެވުނީ ރައްޔިތުން ދެއްކި އެއްބައިވަންތަކުގެ ސަބަބުންކަމުގައި ކުޅުދުއްފުށީ މޭޔަރު މުހައްމަދު އާތިފް ވިދާޅުވެ، ރައްޔިތުންނަށް ޝުކުރުއަދާކުރައްވައިފި އެވެ.

މިއަހަރުގެ ބޮޑު އީދަކީ އެހެން އަހަރުތަކާ އަޅާ ބަލާއިރު ރައްޔިތުންގެ ބައިވެރިވުން އިތުރު އީދެކެވެ. އަދި އާންމުންގެ ގިނަ އާ ހަރަކާތްތަކެއްވެސް މިއަހަރުގެ އީދުގައި ފެނިގެންދިޔަ އެވެ.

މޭޔަރު މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މި އަހަރުގެ އީދު ކުޅުދުއްފުށީގައި މި ނިންމާލެވުނީ ކާމިޔާބު ގިނަ ހަރަކާތްތަކާއި އުފާވެރިކަމާއެކު ކަމަށެވެ. މިކަމުގެ އެންމެ ބޮޑު ސިއްރަކީ ކުޅުދުއްފުށީ ރައްޔިތުންގެ އެއްބައިވަންތަކަމާއި އެއްބައެއްވަންތަކަންކަމުގައި މޭޔަރު ވިދާޅުވި އެވެ.

"މިކަމުގެ އެންމެ ބޮޑު ސިއްރަކީ ކުޅުދުއްފުށީ ރައްޔިތުންގެ އެއްބައިވަންތަކަމާއި އެއްބައެއްވަންތަކަން، އަދި އަމިއްލައަށް ހަރަކާތްތައް ރާވާ ހިންގުމުގެ ހުނަރާއި ޝައުގު ހުރި ރައްޔިތުންގެ އަދަދު ގިނަކަން." މޭޔަރު ވިދާޅުވި އެވެ.

ބޮޑުއީދު ކުލަގަދަކޮށް ފާހަގަކުރުމަށް ކުޅުދުއްފުށީގެ މުއައްސަސާތަކާއި ކްލަބު ޖަމިއްޔާ ޖަމާއަތްތައް އަދި ރަށުގެ ރައްޔިތުންގެ ފަރާތުން ލިބުނު ފުރިހަމަ އެއްބާރުލެއްވުމަށް ހިތުގެ ފުންމިނުން ޝުކުރު އަދާކުރާކަމަށެވެ.

އީދުގެ ހަރަކާތްތައް ތަރުތީބުކޮށް ރާވާހިންގުމަށާއި، ކުޅިވަރުތައް ހިންގާ ފަރާތްތަކަށް ސިޓީ ކައުންސިލުން ދޭންޖެހޭ އެއްބާރުލުން ދިނުމުގައި ކައުންސިލަރުންނާއި ސިޓީ ކައުންސިލްގެ މުވައްޒަފުން ހޭދަކުރި ވަގުތަށާއި ކުރެއްވި ބުރަ މަސައްކަތަށް މޭޔަރު ފާހަގަކުރައްވައި އެފަރާތްތަކަށް ޝުކުރުއަދާކުރެއްވި އެވެ.

ކުޅުދުއްފުށި ބޮޑުއީދު މުއްސަނދި ސަގާފަތާއެކު މުޅި ރާއްޖެއަށް މީޑިއާގެ ޒަރިއްޔާއިން ގެނެސްދެއްވި ސަންގު ޓީވީ އަށާއި ސޯސަލްމީޑިއާ މެދުވެރިކޮށް ހަރަކާތްތަކުގެ ނަލަ ފޮޓޯތައް ހިއްސާކުރަމުންދިޔަ ރަށުގެ ފޮޓޯގްރާފަރުންނަށްވެސް މޭޔަރު ޝުކުރުއަދާކުރެއްވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355