މަސްގަތުމަށް މިފްކޯއިން ކަނޑައަޅާފައިވާ އަގަކީ ދެކޮޅު ޖެހޭ އަގެއް ނޫންކަމަށް ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ވިދާޅުވެއްޖެއެވެ.
އައްޑޫގެ މަސްވެރިންނަށް ލިބެންޖެހޭ ފައިސާ ނުދީ ގިނަ ދުވަސްވުމުން އެ މަސްވެރިން ކުރަމުންދާ އިހުތިޖާޖާ ގުޅިގެން މަޖިލީހަށް މަރަދޫ ދާއިރާގެ މެންބަރު އަހުމަދުދީދީ ހުށަހެޅި ކުއްލި މައްސަލަށް ވާހަކަ ދައްކަވަމުން މެންބަރު ނާޒިމް ވިދާޅުވީ މަސްވެރިންނަށް ފައިސާ ނުދެވޭ މައްސަލައަކީ ކުއްލި މައްސަލައަކަށް ވުރެ ބޮޑަށް ދާއިމީ މައްސަލައަކަށް ވެފައިއޮތް ކަމެއް ކަމަށެވެ.
މެމްބަރު ނާޒިމް ވިދާޅުވީ މަސްވެރިންނަށް ފައިސާ ބަރާބަރަށް ދެވޭނީ ފައިސާ ދެވޭނެ އަގެއްގައި މަސްގަނެގެން ކަމަށާއި މަހުގެ އަގު މުރާޖާ ކުރުމާމެދު ވިސްނަންޖެހޭ ކަމަށެވެ.
"އަޅުގަނޑުމެން ވިސްނާލަން އެބަޖެހޭ މި އަގު މުރާޖާ ކުރުމާ ދޭތެރޭ." ނާޒިމް ވިދާޅުވިއެވެ.
ނާޒިމް ވިދާޅުވީ ކުރީ ސަރުކާރުން އިންތިހާބާ ގުޅުވައިގެން 25 ރުފިޔާއަށް މަހުގެ އަގު ބޮޑު ކުރުމުންވެސް ރައްޔިތުން އެކަން ގަބޫލެއް ނުކުރި ކަމަށާއި އެގޮތަށް މަހުގެ އަގާ ކުޅުމުންވެސް ރައްޔިތުން ބުނީ ނޫނެކޭ ކަމަށެވެ. މަސްގަތުމަށް މިފްކޯއިން ކަނޑައަޅާފައިވާ އަގަކީ ދެކޮޅު ޖެހޭ އަގެއް ނޫންކަން ފާހަގަކޮށް ނާޒިމް ވިދާޅުވީ ބަރާބަރަށް ފައިސާ ދެވޭނީ އެފަދަ އަގެއްގައި މަސްގަނެގެން ކަމަށެވެ.
ފައިސާ ހުރިނަމަ، މަސްވެރިންނަށް ހުންނާނީ އެ ފައިސާދީ ނިންމާފައި ކަމަށްވެސް ނާޒިމް ވިދާޅުވިއެވެ. މަސްވެރިކަމުގެ ސިނާއަތަށް ދިމާވެފައިވާ ހާލަތަކީ މިސަރުކާރަށް ވާރުތަވީ ހާލަތެއް ކަމަށާއި މަސްވެރިންނަށް ދޭންޖެހޭ ފައިސާ މި ސަރުކާރުން ދައްކާނެ ކަމަށެވެ.
މިފްކޯގެ މަރުކަޒުތަކުގައި ރަޖިސްޓްރީ ކުރެވިފައިވަނީ 614 ދޯނިކަން ފާހަގަކޮށް ނާޒިމް ވިދާޅުވީ ރާއްޖޭގައި 17،000 އެއްހާ މަސްވެރިން އުޅޭ ކަމަށެވެ. އަދި ސިވިލް ސާވިސްގައި 35،000 އަށްވުރެ ގިނަ މީހުން މަސައްކަތް ކުރާކަމަށާއި ރިސޯޓްތަކުގައި 15،000 އަށްވުރެ ގިނަ މީހުން މަސައްކަތް ކުރާކަމަށެވެ. މަސައްކަތްކުރާ އާބާދީގެ 17،000 މީހުންނަށް ބޮޑު ސަބްސިޑީއެއް ދިނުމަކީ އިޖުތިމާއީ އަދާލަތުގެ އުސޫލުން ބަލާއިރުވެސް ދެކޮޅުޖެހޭ ކަމެއް ނޫންކަން ނާޒިމް ފާހަަގަ ކުރެއްވިއެވެ.
ނާޒިމް ވިދާޅުވީ ޕާޓީ ކުލަތަކާއި ޕާޓީ ރޮނގުތައް ފަހަނައަޅާގޮސް ހަގީގަތް ގަބޫލުކޮށް މިކަމުގައި ގައުމަށް ފައިދާހުރި ގޮތެއް ހޯދަންޖެހޭ ކަމަށެވެ. އަދި ދެކޮޅު ޖެހޭ އަގަކަށް އެއްބަސްވެގެން އެ އަގެއްގައި މަސްގަތުމުން މަސްވެރިންނަށްވެސް ބަރާބަރަށް ފައިސާ ދެވޭނެ ކަމަށް ނާޒިމް ވިދާޅުވިއެވެ.