ނިމިދިޔަ އެމްޑީޕީގެ ސަރުކާރުގައި ދިވެހި ގައުމަށް ވެފައިހުރި ހިޔާނާތްތައް ބަލައި އަދުލް އިންސާފު ގާއިމުކުރައްވާނެކަމުގައި ރައްޔިތުން މަޖިލީހުގެ ރައީސް އަބުދުއްރަހީމް އަބުދުﷲ ވިދާޅުވެއްޖެ އެވެ.
ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ ބައި – އިލެކްޝަންގައި ޕީއެންސީގެ ފަރާތުން ވާދަކުރައްވާ އިބުރާހިމް އަހުމަދުގެ ކެމްޕެއިން ލޯންޗު ކުރަން ހުކުރުދުވަހުގެ ކުޅުދުއްފުށީގައި ބޭއްވި ޖަލްސާގައި މަޖިލިސް ރައީސް އަބުދުއްރަހީމް އަބުދުﷲ ވިދާޅުވީ، މުޅި ގައުމު ދޮވެލައި ހިތު ހުރި ގޮތަކަށް އެއްވެސް މީހަކަށް އުޅެވިދާނެކަމަށް އެއްގޮތަކަށް ހީފުޅުކޮށްގެން ނުވާނެ ކަމަށެވެ.
"އިރާދަކުރެއްވިއްޔާ ވޭތުވެދިޔަ ސަރުކާރުން ދިވެހި ގައުމަށްވެފައި ހުރި ހިޔާނާތްތައް އަޅުގަނޑުމެން ބަލާނަން. އެއްގޮތަކަށްވެސް ހީފުޅުކޮށްގެން ނުވާނެ ތިމަންނަމެން މުޅި ގައުމު ދޮވެލައިގެން ހިތު ހުރި ގޮތަކަށް އުޅެވިދާނެއޭ، ނޫޅެވޭނެ." މަޖިލިސް ރައީސް ވިދާޅުވި އެވެ.
"ރައީސުލްޖުމްހޫރިއްޔާ ވަރަށް ފަހުން ވިދާޅުވެފައި އޮންނާނެ ސިޔާސީ ގޮތުން އެއްވެސް ބޭފުޅަކު ހިފާ ހައްޔަރުނުކުރައްވާނެ. އެކަމަކު އަދުލު އިންސާފު ގާއިމުކުރައްވާނަމޭ."
އަބުދުއްރަހީމް ވިދާޅުވީ، ވެރިކަމަށް އައީ ރައްޔިތުންގެ ގާތުގައި އަދުލް އިންސާނު ގާއިމުކުރާނެކަމުގެ ވައުދާއެކު ކަމަށާއި ދައުލަތުން ވައްކަންކޮށްފިނަމަ އެ މީހަކަށް ހައްގު އަދަބު ލިބެން ޖެހޭނެ ކަމަށެވެ. އެއީ ކޮންމެ މީހެއްކަމުގައި ވިޔަސް އެކަން އޮންނަ ވާނީ އެގޮތަށްކަމުގައި އޭނާ ވިދާޅުވި އެވެ.
"ދައުލަތުން ވައްކަން ކޮށްފިއްޔާ އެ މީހަކަސް ހައްގު އަދަބު ލިބެން ޖެހޭނެ. އެއީ ކޮންމެ މީހެއްކަމަށްވިޔަސް އެކަން އޮންނަ ވާނީ އެގޮތަށް. އެހެންވީމަ އަޅުގަނޑު މިދަންނަވަނީ އިރާދަކުރެއްވިއްޔާ 20 ވަނަ ރައްޔިތުންގެ މަޖިލީހުން އަދާކުރަން ޖެހޭ ޒިންމާއެއް އަދާނުކުރެވިގެން އެފަދަ ކަމެއް އޮންނަކަށް ނުޖެހޭނެ." މަޖިލިސް ރައީސް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، ރައްޔިތުން މަޖިލީހުގެ ކޮމެޓީއަށް ކޮންމެ މީހަކު ހާޒިރުކުރަން ޖެހުނަސް އެ މީހަކު ހާޒިރުކޮށް ކުރަން ޖެހޭ ސުވާލެއްކުރާނެ ކަމަށާއި މިގައުމުގެ ހައްގުގައި އަޅަން ޖެހޭ ފިޔަވަޅެއް އެޅުމަށް 20 ވަނަ ރައްޔިތުންގެ މަޖިލިސް ފަހެއް ނުޖެހޭނެކަމަށް މަޖިލިސް ރައީސް ވިދާޅުވި އެވެ.