twitterviber whatsapp telegramfacebookyoutube instagram
5th July 2024

މިފްކޯއަށް ކިރާ މަހަށް މީގެ ފަހުން 2 ހަފުތާ ތެރޭގައި ފައިސާ ދޫކުރެވޭނެ: މިނިސްޓަރު ޝިޔާމް

Jul 1, 2024

މަސް ގަންނަ އަގަށް ގެނެސްފައިވާ ބަދަލާއެކު މިފްކޯއަށް މަސްވެރިން ކިރާ މަހަށް 2 ހަފުތާ ތެރޭގައި ފައިސާ ދޫކުރެވޭނެ ކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.

މަސްވެރިންގެ އަތުން ގަންނަ މަހަށް ދޭންޖެހޭ ފައިސާ ގަވާއިދުން ދެވޭނެ އިންތިޒާމެއް ހަމަޖެއްސުމަށްޓަކާ މިފްކޯއިން ވަނީ ޖުލައި 1 ން ފެށިގެން މަސްވެރިން އަތުން މަސް ގަންނަމުންދާނީ ބައިނަލްއަގުވާމީ ބާޒާރުގައި ގަނޑުކުރި ކަޅުބިލަމަހުގެ އަގު ހުރި މިންވަރަށާއި މަސް ގަނެ އެކްސްޕޯޓުކުރުމަށް ހިނގާނޭ ހަރަދުތަކަށް ބަލައި ކޮންމެ ހަފުތާއަކު ކަނޑައަޅާ އަގަކަށްކަމަށް ނިންމާފައެވެ.

މިނިސްޓަރު ޝިޔާމް މިއަދު މިފްކޯއަށް މަސް ގަންނަ އަގަށް ގެނެސްފައިވާ ބަދަލާއި ގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމާތުދިނުމަށް ބޭއްވި ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ވިދާޅުވީ މި ސަރުކާރުގެ އަމާޒަކީ މަސްވެރިން މަސް ކިރާތާ 48 ގަޑިއިރުތެރޭގައި މަސްވެރިންނަށް ފައިސާ ދޫކުރުން ކަމަށެވެ.

އަދި މިހާރު މަސްވެރިކަމުގެ ސިނާއަތަށް މިގެންނަ ބަދަލުތަކުގެ ތެރެއިން، ރާއްޖޭގައި އިތުރު މަސް ކާރުޚާނާތައް ތަރައްޤީކުރެވި ކުރިއަށް އޮތް ދޮޅު އަހަރެއްހާ ދުވަސް ތެރޭގައި މަސްވެރިންނަށް 48 ގަޑިއިރުތެރޭގައި ފައިސާ ދޫކުރެވޭނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ވަޒީރު ޝިޔާމް ވިދާޅުވިއެވެ.

"މިފްކޯ އަކީ ބްރޭކް އިވަންގައި ހިންގާ ކުންފުންޏަކަށް ހަދައިގެން އެކަން ވެވޭނީ، އެމަސައްކަތް މިކުރަނީ، އަމާޒަކީ މިވަގުތު މި ގެނެވޭ ބަދަލުގައި، އަމާޒަކީ 2 ހަފްތާތެރޭގައި ފައިސާ ދިނުން." މިނިސްޓަރ ވިދާޅުވިއެވެ.

މިފްކޯއިން ދަނީ އެކުންފުނީގެ ފެސިލިޓީތަށް ތަރައްގީކޮށް، ކެޕޭސިޓީ އިތުރުކުރުމަށް މަސައްކަތްކުރަމުންނެވެ. އެގޮތުން ގާއިމުކުރާ ފެސިލިޓީތައް ނިމޭއިރު މިފްކޯގެ ކޯލްޑް ސްޓޯރޭޖް ކެޕޭސިޓީ 15،000 ޓަނަށް އިތުރުވެގެން ދާނެއެވެ. އަދި ފެލިވަރުގެ ދަޅުގައި މަސް ބަންދުކުރުމުގެ ކެޕޭސިޓީ ދުވާލަކު 100 ޓަނަށް އުފުލިގެންދާނެއެވެ.

މީގެ އިތުރުން ގދ. ފިޔޯރީގައި އަޅާ ކާރުޚާނާއާއި ފ. ނިލަންދޫގައި އަޅާ ކާރުޚާނާއާއެކު އަހަރެއްގެ މައްޗަށް 80 ހާސް ޓަނު ޕްރޮސެސްކުރުމުގެ ގާބިލްކަން ރާއްޖެއަށް ލިބޭނެއެވެ. މިމަޝްރޫޢުތައް ނިމުމުން ދިވެހިރާއްޖެއިން ބާނާ ދޮށީގެ މަހުގެ އަގު ކަނޑައެޅުމުގެ ބާރު ލިބޭނީ ދިވެހި ކުންފުނިތަކަށެވެ. މިހާރު އެކްސްޕޯޓްކުރާ ބާޒާރުތަކުގައި މަސްވިއްކާ މިންވަރު އިތުރުކުރުމާއި އަދި އިތުރު ބާޒާރުތައް ހޯދުމުގެ މަސައްކަތް މާރކެޓިން ކުންފުނިން ފަށާފައިވާކަމަށް މަސްވެރިކަމާއި ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.

މިފްކޯއިން މަސް ގަންނަ އަގު ބަދަލުކޮށްފައިވާއިރު، ޖުލައި އެކަކުން 5 ވަނަ ދުވަހުގެ ނިޔަލަށް މިފްކޯގެ ސެންޓަރުތަކުންނާއި ބޯޓުފަހަރުތަކުން އައިސް އަޅާފައިވާ 1.5 ކިލޯއިން މަތީގެ ކަނޑުމަހާއި ކަންނެލި ގަންނާނީ 16 ރުފިޔާއަށެވެ. އަދި އައިސް ނާޅާ ކަނޑުމަހާއި ކަންނެލި ގަންނާނީ 14 ރުފިޔާއަށް ކަމަށް އެކުންފުނިން ބުނެއެވެ.

މީގެ އިތުރުން އައިސް އަޅާފައިވާ 1.5 ކިލޯއަށްވުރެ ދަށް ކަނޑުމަހާއި ކަންނެލި 7 ރުފިޔާއަށް ގަންނަން ނިންމާފައިވާއިރު، އައިސް ނާޅާ ކަނޑުމަހާއި ކަންނެލި ގަތުމަށް ހަމަޖެހިފައިވަނީ 5 ރުފިޔާއަށް ކަމަށް މިފްކޯއިން މައުލޫމާތުދެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355