twitterviber whatsapp telegramfacebookyoutube instagram
17th March 2026

މިފްކޯއިން މަސްވެރިންނަށް ވިއްކާ ޑީސެލްގެ އަގު ވަރަށް ބޮޑަށް ބޮޑުކޮށްފި

Mar 16, 2026

މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން މަސްވެރިންނަށް ވިއްކާ ޑީސެލްގެ އަގު މިއަދުންފެށިގެން ވަރަށް ބޮޑަށް ބޮޑުކޮށްފި އެވެ.

މިއަދު މަސްވެރިންނަށް މިފްކޯއިން ޑީސަލް ލީޓަރެއް ވިއްކާނީ 27.24ރ. އަށެވެ. އަދި އާންމު ފަރާތްކަށް ވިއްކާނީ 28.54ރ. އަށެވެ.

މިދިޔަ އަހަރުގެ މަސްވެރިންގެ ދުވަހު ރައީސް މުހައްމަދު މުއިއްޒު އިއުލާން ކުރެއްވި ގޮތުގައި މަސްވެރިންނަށް 13.90ރ. އަދި ތިން ޓަނަށްވުރެ ގިނައިން މަސްކިރާ މަސްވެރިންނަށް 13.72ރ. އަށް ލީޓަރެއް ވިއްކާނެ އެވެ. އަދި އާންމު ފަރާތްތަކަށް ލީޓަރެއް ވިއްކަން ފެށީ 14.43ރ. އެވެ.

އެހެންކަމުން، ގާތްގަނޑަކަށް މަސްވެރިންނަށް ޑީސެލް ލިބެމުންދިޔަ އަގު ވަނީ ލީޓަރަކުން 13.34ރ. އުފުލިފަ އެވެ. އަދި އާންމުންނަށް ވިއްކާ ޑީސަލް ލީޓަރަކުން ވަނީ 14.11ރ. އުފުލިފި އެވެ.

މިފްކޯ އިން މީގެ ކުރިން ތެލުގެ އަގު އެންމެ ބޮޑުކުރި އެއް ފަހަރަކީ 2022 ވަނަ އަހަރުގެ ޖޫން މަހު އެވެ. އޭރު އަގު ބޮޑުކުރަން ޖެހުނީ ރަޝިއާ-ޔޫކްރެއިން ހަނގުރާމައާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އިންތިހާއަށް އުފުލުމުންނެވެ. އޭރު މަސްވެރިންނަށް ޑީސަލް ލީޓަރެއް ވިއްކީ 17.63 ރުފިޔާ އަށެވެ. ނަމަވެސް އޭގެ ފަހުން ދުނިޔޭގެ ބާޒާރުގައި އަގުތައް ދަށްވުމުން މިފްކޯ އިން ވެސް އަގުތައް ދަށްކުރި އެވެ.

ހަފުތާއެއްހާ ދުވަސްކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް މުއިއްޒު ވިދާޅުވީ، މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ތެލުގެ އަގު ބޮޑުވެދާނެ ކަމަށް ކަންބޮޑުވާން ނުޖެހޭ ކަމަށެވެ. ފެބްރުވަރީ 28 ވަނަ ދުވަހު އޮމާން އިން ތެޔޮ ޝިޕްމެންޓެއް ފުރާފައިވާ ކަމަށާއި، ރާއްޖޭގައި ތެޔޮ ރައްކާކުރެވޭ އެންމެ މަތީ މިންވަރަށް މިހާރު ވެސް ސްޓޮކް އެބަހުރި ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355