twitterviber whatsapp telegramfacebookyoutube instagram
8th September 2024

މަޖިލިސް މެންބަރުންނާއި ކައުންސިލަރުންގެ އަދަދު މަދުކުރަނީ

ނަބީލާ އިސްމާޢީލް
Jul 8, 2024

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދާއި ލޯކަލް ކައުންސިލްތަކުގައި ތިބޭ ކައުންސިލަރުންގެ އަދަދާއި މިނިވަން މުއައްސަސާތަކުގައި ތިބޭ މެންބަރުންގެ އަދަދު މަދުކުރުމަށް ގާނޫނުއަސާސީއަށް އިސްލާހު ހުށަހެޅުމަށް ސަރުކާރުން ނިންމައިފި އެވެ.

ޕީއެންސީގެ ހަރުގެ ޖަލްސާއެއްގައި ސަރުކާރުގެ ފަރާތުން ރޭ މިކަން އިއުލާން ކުރެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެވެ.

ރައީސް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި 93 މެންބަރުން އަދި ކުދިކުދި ރަށްރަށުގެ ލޯކަލް ކައުންސިލްތަކުގައި ފަހެއް ނުވަތަ ހަތް ކައުންސިލަރުން ތިބެން ނުޖެހޭ ކަމަށާއި އެއީ ރާއްޖެއަށް އެކަށީގެންވާ އަދަދުތަކެއް ނޫން ކަމަށެވެ.

ދައުލަތުގެ ހަރަދު ކުޑަކުރެވޭނީ ދައުލަތުގެ ހިންގުމުގެ ނިޒާމަށްވެސް ބަދަލުތަކެއް ގެނެވިގެން ކަމަށާއި އާބާދީ އިތުރުވާ އަދަދަށް މަޖިލީހުގެ މެންބަރުންގެ އަދަދު އިތުރުވާ ގޮތަށް އޮންނަ އޮތުމަކީ އެމަނިކުފާނަށް ގަބޫލުކުރެއްވޭ ގޮތެއް ނޫން ރައީސް ވިދާޅުވި އެވެ.

"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އެންމެ ކުޑަކުރަން ވިސްނާއިރު މާކުޑަކޮށްލީމަވެސް އެއީ ރަނގަޅު ގޮތަކަށް ނުވާނެ. އެންމެ ރަނގަޅު ގޮތަކަށް ވާނީ 17 ވަނަ މަޖިލީހުގައި އަދަދު އޮތް އަދަދު. އެއީ 77 މެމްބަރުން، 77 މެމްބަރުންނަށް އަދަދު ލިމިޓްކޮށް، މަޖިލިސް މެމްބަރުންގެ އަދަދު ހަމަޖެއްސުން،.. ގާތްގަނޑަކަށް އެވަރަށް ހަމަޖެހޭނެ ވަރުގެ އަދަދަކަށް ކުޑަކޮށް ގާނޫނު އިސްލާހުކުރަން ހުށަހަޅާނަން." އޭރުން މަޖިލީހަށް ކުރާ ހަރަދު ވަރަށް ބޮޑަށް ކުޑަކުރެވޭނެ ކަމަށް ފާހަގަކުރައްވައި ރައީސް ވިދާޅުވި އެވެ.

ލޯކަލް ކައުންސިލްތަކުގައި ތިބޭ ކައުންސިލަރުންގެ އަދަދު މަދުކުރުމާ ގުޅޭގޮތުން ދެއްކެވި ވާހަކަފުޅުގައި ރައީސް މުއިއްޒު ވިދާޅުވީ މުޅި ގައުމުގެ ހިންގުމަށް ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް އެންމެ ބޭފުޅަކު ހޮވާއިރު މަދު މީހުންކޮޅެއް އުޅޭ ރަށެއް ހިންގުމަށް ފަސް ކައުންސިލަރުން ހޮވުމަކީ ހަރަދު ބޮޑު ގޮތެއް ކަމަށެވެ. ލާމަރުކަޒީ ނިޒާމު މިވަގުތު އޮތީ ދައުލަތަށް ނުކަތާ ވަރަށް ބޮޑުކޮށް ކަމަށާއި އެހެންކަމުން އެހެންކަމުން ކައުންސިލްތައް އެކުލެވިގެންވާ ގޮތް ބަދަލުކުރަން ހުށަހަޅުއްވާނެ ކަމުގައި ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ކުދިކުދި ރަށްތަކަށް ކުރިން ތިއްބަވާ ގޮތަށް ކަތީބެއް ނުވަތަ އެ ރަށަކަށް ރައީސަކާއި ނައިބް ރައީސެއް ހޮވިދާނެ ކަމަށެވެ. އަދި އެއަށް ވުރެ ތަންކޮޅެއް ބޮޑެތި ރަށްތަކާއި ސިޓީ ތަކަށް އެ ތަންތަނުގެ އާބާދީއަށް ބަލައިގެން އެތަނަކަށް ފުދޭ އަދަދަކަށް ކައުންސިލަރުން ހޮވިދާނެ ކަމަށެވެ.

"މިހާރަށް ވުރެ އެތައް ގުނައަކުން، ކައުންސިލްތަކުގެ ސައިޒު ކުޑަކުރުމަކީ ރައްޔިތުންނަށް އެންމެ ފައިދާހުރި ރައްޔިތުންގެ ވިންދާ ގުޅޭ ގޮތް،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ލާމަރުކަޒީ ގާނޫނުގެ ދަށުން އަތޮޅު ކައުންސިލްތައް އިންތިހާބުކޮށްފައި ވަނީ އެއްވެސް މާނައެއް ނެތް ގޮތަކަށެވެ. އަތޮޅު ކައުންސިލްގައި އެ އަތޮޅެއްގައި ހިމެނޭ ހުރިހާ ރަށެއްގެ ރައީސުން ތިބުމަކީ ހަމަޖެހޭ ކަމެއް ނޫން ކަމަށްވެސް ވިދާޅުވި އެވެ.

އަދި ލާމަރުކަޒީ ނިޒާމު އިސްލާހު ކުރުމަށް ގާނޫނުއަސާސީއާއި ލާމަރުކަޒީ ނިޒާމަށް ސަރުކާރުން ހުށަހަޅާ އިސްލާހު ފާސްވުމުން ދައުލަތުން ކުރާ ދައުލަތުން ވަރަށް ބޮޑު ހަރަދެއްވެސް ސަަލާމަތް ކުރެވޭނެ ކަމަށެވެ. އަދި އެ އިސްލާހު ފާސްވުމުން ކައުންސިލަރުންނަށް ކުރިން ކުރަމުން ދިޔަ ހަރަދު ރަށްރަށުގެ ތަރައްގީއަށް ބޭނުންކުރެވޭނެ ކަމުގައިވެސް ވިދާޅުވި އެވެ.

ރައީސް އިތުރަށް ވިދާޅުވީ ގާނޫނުއަސާސީގެ ދަށުންނާއި ގާނޫނުތަކުގެ ދަށުން އެކުލަވާލާފައިވާ މިނިވަން މުއައްސަސާތަކުގައި ތިބޭ މެންބަރުންގެ އަދަދު މަދުކޮށްލުމަށްވެސް އިސްލާހުތައް ހުށަހަޅުއްވާނެ ކަމަށެވެ. އިހްލާސްތެރި މަސައްކަތްތަކެއް ކުރުމަށް މިނިވަން މުއައްސަސާތަކަށް ބޮޑު ޓީމެއް ބޭނުން ނުވާ ކަމުގައިވެސް ރައީސް ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު ކުޑަކޮށްލުމުގެ ވާހަކަ ރައީސް ރޭ ދެއްކެވިއިރު މެންބަރުންގެ އަދަދު ލިމިޓް ކުރުމާ ގުޅޭ ގަރާރެއް ދިރާސާ ކުރުމަށް މިހާރު ވަނީ މަޖިލީހުގެ ކޮމިޓީއަކަށްވެސް ފޮނުވާފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355