twitterviber whatsapp telegramfacebookyoutube instagram
18th October 2024

ކުޅުދުއްފުށި މަގު ހެދުމުގެ މަޝްރޫއު ހުއްޓޭ ގޮތަށް އެއްވެސް ވެހިކަލެއް ނުބާލާނެ: އާރުޑީސީ

ނަބީލާ އިސްމާޢީލް
Jul 13, 2024
1

ކުޅުދުއްފުށި މަގު ހެދުމުގެ މަޝްރޫއު ހުއްޓޭ ގޮތަށް އެއްވެސް ވެހިކަލެއް ނުބާލާނެ ކަމަށް ރޯޑް ޑިވެލޮޕްމެން ކޯޕަރޭޝަން (އާރުޑީސީ)އިން ބުނެފި އެވެ.

އާރުޑީސީ މިހެން ބުނެފައި މިވަނީ ކުޅުދުއްފުށީގައި ހަދަންފަށާފައިހުރި މަގުތައް ނުނިމާ ތާރު މެސިނާއި މަގު ހަދަން ގެންގުޅޭ ހުރިހާ ސާމާނެއް ރަށުން ބާލަން ފަށައިފި ކަމަށް މީސްމީޑިއާގައި ވާހަކަ ދެކެވެމުންދާ ދަނޑިވަޅެއްގަ އެވެ.

އާރުޑީސީ ބުނީ ކުޅުދުއްފުށީ މަގުހެދުމުގެ މަސައްކަތް ތާވަލާއި އެއްގޮތަށް ކުރިއަށްދާކަމަށާއި މިވަގުތު އެ ވެހިކަލެއް ބޭނުންކޮށްގެން ކުރަންޖެހިފައިވާ މަސައްކަތް ނިމި، ބޭނުންނުކޮށް ހުރި ބައެއް ވެހިކަލްތައް، ރ.ހުޅުދުއްފާރު އަދި ނ.ވެލިދޫގައި ތާރު އެޅުމަށް ތައްޔާރުވެފައިވާތީ އެރަށްތަކަށް މޯބަލައިޒް ކުރާކަމަށެވެ.

މީގެ އިތުރުން އެ ކުންފުނިން ބުނީ ކުޅުދުއްފުށީ މަގުހެދުމުގެ މަޝްރޫއުގެ މަސައްކަތްތަކަށްބޭނުންވާ އެއްވެސް ވެހިކަލެއް ނުގެންދާނެކަމަށާއި މީގެ އިތުރުން ކުޅުދުއްފުށިގައި މިވަގުތު ކުރިއަށް ރޭވިފައިވަނީ އަމީނީމަގުގައި ފަޔަރހައިޑްރަންޓް އަދި ޑީވޯޓަރިންގ ނެޓްވޯރކް އެޅުމުގެ މަސައްކަތް ކަމަށެވެ.

އަދި މި ފިޔަވަހީގައި މިހާރު ޖުމްލަ ނުނިމި އޮތީ 1.5 ކިލޯމީޓަރުގައި ތާރު އެޅުމުގެ މަސައްކަތް ކަމަށެވެ.

ކުޅުދުއްފުށި މަގު ހެދުމުގެ މަޝްރޫއުގެ 75 އިންސައްތަ މަސައްކަތް ނިމިއްޖެ

އާރުޑީސީން ބުނީ ކުޅުދުއްފުށީގެ މަގުތައް ޒަމާނީ ފެންނަވަރަށް ތަރައްގީ ކުރުމަށް އާރުޑީސީން ކުރިއަށް ގެންދާ މަޝްރޫއުގެ 75 އިންސައްތަ މަސައްކަތް މިހާރުވަނީ ނިމިފަކަމަށް ށެވެ.

މި މަޝްރޫއުގެ ދަށުން ތަރައްގީ ކުރަމުން އަންނަނީ 31 މަގެކެވެ. އެއީ ޖުމްލަ 7.25 ކިލޯ މީޓަރެވެ. މިހާތަނަށް އައިއިރު 31 މަގުގެ ތެރެއިން 4 މަގެއް ފިޔަވައި އެހެންމަގުތަކުގައި ކޭބަލް ޖަންކްޝަން އެޅުމުގެ މަސައްކަތްވަނީ ނިންމާލެވިފަ ކަމަށް އެ ކުންފުނިން ބުނެ އެވެ.

އަދި އަނެއް ހަތަރު މަގުގައިވެސް %90 ބޮޑުކޮށް ނިމިފައިވާކަމަށާއި 18 މަގެއްގައި ކޭބަލް ޖަންކްޝަން ހޮޅީ އެޅުމުގެ މަސައްކަތް ނިމިފައިވާކަމަށެވެ.

ބާކީ މަގުތަކުގައި އެމަސައްކަތުގެ %80 މަތިން އަދި އެންމެ މަގެއް ފިޔަވައި ހުރިހާ މަގެއްގެ ސްޓޯރމް ވޯޓަރ ޓޭންކް ބެއްޓިފައިވާ ކަމަށެވެ. ހުރިހާ މަގެއްގައި ސްޓޯރމް ވޯޓަރ ހޮޅިވަނީ އަޅާފައިވާނެ ކަމަށާއި 17 މަގެގައި ކާރބް ސްޓޯން ޖެހިފައިވާއިރު ބާކީ މަގުތަކުގެ އެވްރެޖްކޮށް %50 މަތިންވަނީ މަސައްކަތްތައް ނިމިފައިވާ ކަމަށެވެ.

މީގެ އިތުރުން ތާރުގެ ކުރިން އަޅާ އެގްރިގޭޓް ބޭސް ކޯސް (އޭބީސީ) ފަށަލައިގެ މަސައްކަތް 21 މަގެއްގައި ނިމިފައިވާއިރު މި މަޝްރޫއުގެ ދަށުން މިހާރު ކުރަމުންދާ މަސައްކަތުގެ ތެރެއިން 6 މަގެއްގައި ތާރު އެޅުމުގެ މަސައްކަތް ވަނީ ނިމިފައެވެ. އަދި 6 މަގެއްގެ ތާރު އެޅުމުގެ މަސައްކަތް %90 އަށްވުރެ ބޮޑު ބައެއް ވަނީ ނިމިފަ ކަމަށެވެ.

އާރުޑީސީން ބުނީ ކޮނެގެން ކުރަންޖެހޭ މަސައްކަތްތަކާއި އެހެނިހެން ބޮޑެތި މަސައްކަތްތަކުގައި ބޮޑުބައި ނިންމާލެވިފައިވާއިރު، ކުރިއަށް ދުވާރާއި ޕޭވިންގ މަސައްކަތަށްވެސް އަންނަނީ ކުރަމުންކަމަށެވެ. ކުޅުދުއްފުށިގެ މަގުތަށް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ އަމަލީ މަސައްކަތް ފެށީ 10 ޖޫން 2021 ގައެވެ. މި މަޝްރޫޢުގެ ޖުމްލަ އަގަކީ 100,700,048.55 ދިވެހި ރުފިޔާއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355