ހުސެއިން މުހައްމަދު (ޕޮލި)ގެ ހެޓްރިކާއެކު ނޮޅިވަރަމް ޕޮލިސް ރސ އަތުން 1-4 އިން މޮޅުވެ ޓީމް ކޭސީޕީއިން ހދ އަތޮޅު ކޮމާންޑަރު ކަޕްގެ ތަށި އުފުލާލައިފި އެވެ. މެޗްގެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ހޯދީ ހުސެއިންނެވެ.
ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މިމެޗްގެ ކޭސީޕީއަށް ހަތަރު ވަނަ ލަނޑު ހަމަކޮށްދިނީ މުބާރާތުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި އަހުމަދު ގާސިމެވެ.
ނޮޅިވަރަމް ޕޮލިސް ރސ އަށް ޖަހައިދިން ހަމައެކަނި ލަނޑު ކާމިޔާބުކޮށްދިނީ ހުސެއިން ސިރާޖެވެ.
ރޭ އޮތް ފައިނަލް މެޗް ޝަރަފްވެރިކޮށްދެއްވާ ހާއްސަ މަގާމުތަކަށް ތައްޓާއި ޓްރޮފީ ހަވާލުކޮށްދެއްވީ ފުޓްބޯޅަ ތަރި އަލީ އަޝްފާގެވެ.
ފެއާ ޕްލޭ ޓީމަކަށް ހޮވިފައިވަނީ ކޭސީޕީ ލެޖެންޑްސް އެވެ. ބެސްޓް މެނޭޖަރުގެ މަގާމު ޔުނައިޓެޑް ސްޓޭޝަންގެ އަހުމަދު އަބުދުލް ލަތީފް ހޯދިއިރު އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަގާމު ހޯދީ ކޭސީޕީގެ އަލީ ފިރާގް އިބުރާހިމެވެ. އެންމެ މޮޅުގެ ކޯޗްގެ މަގާމު ހޯދީ ކޭސީޕީގެ މުހައްމަދު ރިޒާ އެވެ.
މި ރަސްމިއްޔާތުގައި ލޯކަލް ގަވާމަންޓް މިނިސްޓްރީގެ ދެ ނައިބުން ކަމުގައިވާ އަހުމަދު މުހައްމަދާއި އަސްރަފް އަބުދުﷲ އާއި ހދ އަތޮޅު ކޮމާންޑަރު ރަހުމާ ސައީދާއި ސްޕޮންސަރުން ބައިވެރިވެލެއްވި އެވެ.