twitterviber whatsapp telegramfacebookyoutube instagram
8th September 2024

ބިދޭސީން ރާއްޖެ ގެނެސް އިހުމާލުވާ މީހުންގެ ނަން އާއްމުކޮށް، ޖޫރިމަނާ ކުރަނީ

ނަބީލާ އިސްމާޢީލް
Jul 22, 2024

ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށްޓަކައި މުހިންމު ކަންތައްތަކެއް ކުރުމަށް ވަޒީރުންގެ މަޖިލީހުގެ ލަފާއެކު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ. އޭގެ ތެރޭގައި ބިދޭސީ މަސައްކަތްތެރިން ރާއްޖެ ގެނައުމަށްފަހު، އެފަރާތްތަކާމެދު އިހުމާލުވާ ވަޒީފާދޭ ފަރާތްތަކުގެ ލިސްޓް އެކުލަވައިލައި އާންމުކުރުމާއި އަދި މިގޮތަށް ވަޒީފާދޭ ފަރާތުން އިހުމާލުވާނަމަ ޖޫރިމަނާކުރުމާއި އަދި އެފަދަ އަމަލުތައް ތަކުރާރުވާނަމަ އިތުރު ފިޔަވަޅުތައް އެޅުން ހިމެނެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިގޮތަށް ނިންމަވާފައި ވަނީ އިއްޔެ ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި މިކަމާގުޅޭގޮތުން މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީއިން ހުށަހެޅުއްވި ކަރުދާހަށް ވަޒީރުންގެ މަޖިލީހުގައި މަޝްވަރާ ކުރެއްވުމަށްފަހުގައެވެ.

މިގޮތުން ވަޒީރުންގެ މަޖިލީހުގައި މަޝްވަރާކުރެއްވުމަށްފަހު މިކަމާގުޅޭގޮތުން ނިންމެވި ނިންމެވުންތަކުގެ ތެރޭގައި ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅެމުންދާ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށްޓަކައި ރާއްޖޭގެ މީހުންދިރިއުޅޭ ހުރިހާ ރަށަކާއި ރިޒޯޓްތަކާއި ސިނާއީ ރަށްތަކާއި ދަނޑުވެރިކަމަށް ދޫކޮށްފައިވާ ރަށްތަކުގައި ދިރިއުޅޭ ބިދޭސީންގެ މައުލޫމާތާއި 10 އިނގިލީގެ ފިންގާޕްރިންޓް އަދި ފޭޝަލް ރިކޮގްނިޝަން ނަގައި އެ ބިދޭސީމީހާ ދެނެގަތުމާއި ގަވާއިދާ ހިލާފަށް ދިރިއުޅޭ ފަރާތްތައް ގާނޫނީ އިމުގެ ތެރެއަށް ވެއްދުމަށް ރެގިއުލާރޭޝަން ޕްރޮގްރާމެއް ހިންގުމާ އަދި އަމިއްލައަށް އެނބުރި ގައުމަށް ދާން ބޭނުންވާ ފަރާތްތަކަށް އެސިސްޓެޑް ވޮލަންޓަރީ ރިޓާން (އޭވީއާރު) ޕްރޮގްރާމް ހިންގުން ހިމެނެއެވެ.

އަދި ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅެމުންދާ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ތަންފީޒީ ނިޒާމު ހަރުދަނާކުރުމުގެ ގޮތުން ކުރައްވާނެ ކަންތައްތަކެއް ވެސް ވަޒީރުންގެ މަޖިލީހުން ނިންމެވިއެވެ.

އޭގެ ތެރޭގައި ބިދޭސީ މަސައްކަތްތެރިން ރާއްޖެ ގެނައުމަށްފަހު، އެފަރާތްތަކާމެދު އިހުމާލުވާ ވަޒީފާދޭ ފަރާތްތަކުގެ ލިސްޓް އެކުލަވައިލައި އާންމުކުރުމާއި އަދި މިގޮތަށް ވަޒީފާދޭ ފަރާތުން އިހުމާލުވާނަމަ ޖޫރިމަނާކުރުމާއި އަދި އެފަދަ އަމަލުތައް ތަކުރާރުވާނަމަ އިތުރު ފިޔަވަޅުތައް އެޅުން ހިމެނެއެވެ.

ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީ މަސައްކަތްތެރިންގެ ސަބަބުން ދިވެހި ޒުވާނުންގެ ވަޒީފާގެ ފުރުސަތުތަކަށް އެޅެމުންދާ ހުރަސްތައް ނައްތާލުމަށްޓަކައި ގަވާއިދާ ހިލާފަށް ބިދޭސީން ކުރާ ވިޔަފާރިތައް އޯޑިޓްކޮށް ގާނޫނީ ގޮތުން ހަރުކަށި ފިޔަވަޅު އެޅުމަށްވެސް ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި ނިންމެވިއެވެ.

މީގެއިތުރުން ރާއްޖޭގައި ގާނޫނާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ގެނައުމަށްޓަކާ ޤާނޫނު ނަންބަރު 2008/2 (ވަޒީފާއާބެހޭ ގާނޫނު) އަށް ގެންނަންޖެހޭ އިސްލާހުތައް އަވަސް މުއްދަތެއްގެ ތެރޭގައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށްވެސް ވަޒީރުންގެ މަޖިލީހުންވަނީ ނިންމަވާފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355