ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމިޓީގެ މެންބަރުކަމުގައި ބަންޑާރަނައިބަށް ނުހުރެވޭ ގޮތަށް ގާނޫނީ ފަންނުގެ ގާނޫނަށް ހުށަހެޅި އިސްލާހަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިނގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް މިއަދު ދެކޮޅު ހައްދަވައިފިއެވެ.
ބަންޑާރަނައިބަކީ މަގާމުގެ ހައިސިއްޔަތުން ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީގެ މެންބަރެއް ކަމުގައި ގާނޫނީ ފަންނުގެ ގާނޫނުގައި ކަނޑައަޅާފައި އޮތް އޮތުން ބަދަލުކުރަން އެ ގާނޫނަށް ސަރުކާރުގެ ފަރާތުން ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ހުސައިން ޝަރީފު ހުށަހެޅުއްވި އިސްލާހުގެ ބަހުސްގައި ގާސިމް އިބްރާހީމް ވަނީ ބިލްގައި ބަންޑާރަނައިބު އުނިކުރަން ހުށަހެޅި އިސްލާހު ނޫން އެހެން ހުރިހާ އިސްލާހުތަކަށް ތާއީދު ކުރައްވާ ކަމަށް ވިދާޅުވެފަ އެވެ.
ގާސިމް ވިދާޅުވީ ބާ ކައުންސިލްގައި ބަންޑާރަނައިބު އިންނެވުން ނުވަތަ ނީންނެވުމަކީ އެ ކައުންސިލްގެ ކަންކަން ގޯސްކޮށް ހިނގާނެ ސަބަބެއް ކަމުގައި ވިސްނުމަކީ ގަބޫލު ކުރެވޭ ކަމެއް ނޫން ކަމަށެވެ.
"އެހެން މި ދެންނެވީ ތަފާތު ބާރުތަކާއި ތަފާތު ނުފޫޒުތައް މީގެ ތެރޭގައި ހިމެނޭ. އެކްސްކޯގައި ހަތް މެންބަރުން ތިއްބަވާއިރު އޭގެ ތެރޭގައި ބަންޑާރަނައިބު ނެތިގެން ދިޔުމަކީ އެއީ އެ ތަނުން ހިންގާ ހުރިހާ ކަމެއް ގޯސްކޮށް ދާނެ ކަމެއް ކަމަށް ނިންމާ ނިންމުން ވެސް އެއީ އަޅުގަނޑަކަށް ހިޔެއް ނުވޭ ރަނގަޅު ކަމެއްހެނެއް. އަދި ނުވެސް ވާނެ. އެއީ އެންމެ ބޭފުޅެއްގެ ވޯޓު ގޯސްކޮށް ދާނެތީ ނިންމާ ނިންމުމެއް ގޯސްކޮށް ދާނެ ކަމަށް ގަބޫލުކުރާކަށް ނުޖެހޭނެ،" ގާސިމް ވިދާޅުވި އެވެ.
ދައުލަތް ހިންގުމުގައި ރައީސުލްޖުމްހޫރިއްޔާއަށް ދުވަހުން ދުވަހަށް މައުލޫމާތު ލިބިވަޑައިގަތުމަކީ މުހިންމު ކަމެއް ކަމަށްވެސް ގާސިމް ވިދާޅުވި އެވެ.
ގާސިމް ވިދާޅުވީ ޒިންމާތަކާއި މަސްއޫލިއްޔަތުތައް ކުޑަކުރުމަކީ އިސްލާހުކުރުން ނޫން ކަމަށެވެ.
ގާނޫނީ ފަންނުގެ ގާނޫނަށް ސަރުކާރުގެ ފަރާތުން ހުށަހެޅި އިސްލާހުތަކުގެ ތެރޭގައި ރަސްމީ އިދާރާތަކުންނާއި ރަޖިސްޓަރީކޮށްފައިވާ ކިޔަވައިދޭ މަރުކަޒުތަކުން ދޫކުރާ ލިޔުންތަކުގައި އެތަންތަނުން އަސްލާ އެއްގޮތްކަމުގެ ތައްގަނޑު ޖަހައިދިނުމާއި ބޭރު ގައުމުތަކުގައި ބޭނުންކުރުމަށްޓަކައި ދިވެހިންނަށް ބޭނުންވާ ބައެއް ލިޔުންތަކުގައި ޑިޕްލޮމެޓިކް މިޝަންތަކުން އަސްލާ އެއްގޮތްކަމުގެ ތައްގަނޑު ޖަހައިދިނުން ހުއްދަކުރުމަށްޓަކައި ގާނޫނަށް ގެންނަންޖެހޭ އިސްލާހުތައްވެސް ހިމެނެ އެވެ.