twitterviber whatsapp telegramfacebookyoutube instagram
8th September 2024

ގަވަރުނަރުކަމަށް މުނައްވަރު އައްޔަންކުރަން ކޮމިޓީއަށް ފޮނުވައިފި

ނަބީލާ އިސްމާޢީލް
Jul 23, 2024

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ގަވަރުނަރުކަމުގެ މަގާމަށް ކުރީގެ ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު އައްޔަންކުރުމަށްޓަކައި ކުރަންޖެހޭ ދިރާސާތައް ކުރަން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް މިއަދު ފޮނުވައިފިއެވެ.

މަސްއޫލިއްޔަތު އަދާނުކުރައްވާ ކަމަށް ބުނެ، ހާޝިމް މަގާމުން ވަކިކުރަން މަޖިލީހުން ރައީސަށް ލަފާ ދިނީ އިއްޔެއެވެ.

އެއާ އެކު ހާޝިމް މަގާމުން ވަކިކޮށް، މުނައްވަރު އެ މަގާމަށް އައްޔަނުކުރުމަށް އިއްޔެ ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މަޖިލީހަށް ނަން ފޮނުއްވާފައެވެ.

މިއަދުގެ ޖަލްސާގައި އެ މައްސަލަ އެޖެންޑާކޮށްފައިވާއިރު، މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ އެ މައްސަލަ ދިރާސާކުރުމަށްޓަކައި މާލިއްޔަތު ކޮމިޓީއަށް ފޮނުއްވާފައެވެ.

އޮސްޓްރޭލިއާގެ މެކުއަރީ ޔުނިވާސިޓީން އިކޮނޮމިކް އެންޑް ފައިނޭންސްގެ ދާއިރާއިން މާސްޓާސް ޑިގްރީ ހާސިލްކުރައްވާފައިވާއިރު މުނައްވަރު ވަނީ މީގެ ކުރިން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގައި 10 އަހަރަށްވުރެ ގިނަ ދުވަހު ހިދުމަތް ކުރައްވާފަ އެވެ.

މިހާރު ފިނޭންސް މިނިސްޓްރީގެ އެޑްވައިޒަރެއްގެ މަގާމުގައި ހުންނެވި މުނައްވަރު މިނިސްޓަރުކަން ކުރެއްވީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުގައެވެ. އެއީ، އެ ސަރުކާރުގެ ފުރަތަމަ ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދު، 2016 ވަނަ އަހަރު ނައިބު ރައީސް ކަމަށް އައްޔަންކުރުމުންނެވެ.

ހާޝިމް ވަކިކުރަން ރައީސަށް ލަފާ އެރުވުމަށް މަޖިލިސް ތަޅުމުން އިއްޔެ ފާސްކުރީ 63 މެންބަރުންގެ ވޯޓާ އެކުއެވެ. އެ ވޯޓުގައި ގަވަރުނަރު ވަކިކުރުމާ ދެކޮޅަށް ވޯޓު ދީފައިވަނީ 9 މެންބަރުންނެވެ.

ހާޝިމް މަގާމުން ވަކިކުރައްވަން މި މަހުގެ އެއްވަނަ ދުވަހު މާލިއްޔަތު ކޮމިޓީއަށް ހުށަހެޅުއްވީ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމެވެ.

މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ވަނީ ޖަވާބުދާރީވާން ގަވަރުނަރަށް ތިން ފުރުސަތު ދީފައެވެ. ނަމަވެސް ގަވަރުނަރު ވަނީ ކޮމިޓީއަށް ހާޒިރުވާން އުޒުރުވެރިވެވަޑައިގެންފައެވެ.

މާލީ ހާލަތާ ގުޅޭ ގޮތުން ލަފާދެއްވައި ކަމަށާއި މި ހާލަތަށް ކަންކަން ވެއްޓުނީ ދެއްވި ލަފައާ އެއްގޮތަށް ސަރުކާރުން އަމަލުނުކުރުމުން ކަމަށް ވިދާޅުވެ، ހާޝިމް ވަނީ ކޮމިޓީއަށް މީގެ ކުރިން ސިޓީއެއް ފޮނުއްވައިފައެވެ. ނަމަވެސް، މާލީ ހާލަތު ރަނގަޅުކުރަން އެމްއެމްއޭއިން އިސްނަގައިގެން ލަފައެއް ދީފައިނުވާ ކަމަށް މާލީ ވުޒާރާއިން ވެސް ވަނީ ބުނެފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355