ރައީސުލްޖުމްހުރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވައުދާ އެއްގޮތަށް ލަސްތަކެއްނުވެ ކުޅުދުއްފުށީގެ މަޝްރޫއުތައް ފެށޭނެކަމުގެ ޔަގީންކަން ދެއްވާފައިވާ ކަމަށް ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު މުހައްމަދު ދާއޫދު ވިދާޅުވެއްޖެ އެވެ.
އޭނާ މިފަދައިން ވިދާޅުވީ އިއްޔެ ކުރެއްވި ފޭސްބުކް ޕޯސްޓެއްގަ އެވެ. އެ ޕޯސްޓުގައި އޭނާ ވިދާޅުވީ ރައީސް ޑރ މުހައްމަދު މުއިއްޒުއާ ކުރެވުނު ބައްދަލުވުމުގައި، ކުޅުދުއްފުށީގެ މަޝްރޫއުތަކުގެ ތެރެއިން ބޯހިޔާވަހިކަން، ހޮސްޕިޓަލް، ސުކޫލްތައް، މަގު ހެދުން، ފެނަކަ އަދި ބަނދަރާއި ގުޅޭގޮތުން މަޝްވަރާ ކުރެވުނު ކަމަށެވެ.
އަދި އިގުތިސޯދީ ހާލަތު ހުރިގޮތުން މިވަގުތު ބައެއް ކަންކަން މަޑު ޖެހިފައި ހުރި ނަމަވެސް، ރައީސްގެ ވައުދާ އެއްގޮތަށް މަސައްކަތްތައް ލަސްތަކެއް ނުވެ ފެށިގެންދާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވިކަމަށް އޭނާ ވިދާޅުވި އެވެ.
ރައީސް މުއިއްޒު މިދިޔަ އަހަރު ސެޕްޓެމްބަރު މަހު ކުޅުދުއްފުއްޓަށް ކުރެއްވި ކެމްޕެއިން ދަތުރުގައި ކުޅުދުއްފުށީ ރައްޔިތުންނާއި ބައްދަލުކުރައްވާ ވިދާޅުވީ މި ރަށުގެ ގެދޮރުގެ މައްސަލަ ހައްލުކޮށްދެއްވުމަށް ޕްލޭން ކުރެވިގެން ކުޅުދުއްފުށީގައި 2000 ހައުންސިންގ ޔުނިޓްގެ މަޝްރޫއެއް ކުރިއަށްގެންދާނެ ކަމަށެވެ. އަދި އެ ހައުންސިންގ ޔުނިޓްތަކަކީ މަތި މައްޗަށް މަލްޓި-ސްޓޯރީ އިމާރާތްތަކެއްކަމަށްވެސް ވިދާޅުވި އެވެ.
އަދި ނިމިދިޔަ ސިޓީ ކައުންސިލް ބައި އިލެކްޝަންގައި ކުޅުދުއްފުށީ އުތުރު ދާއިރާގެ ރައްޔިތުން ދެއްވި ބޮޑު ތަރުހީބާއި ތާއީދަށް، ރައްޔިތުންނަށް ނުހަނު އިހުލާސްތެރިކަމާއެކު ޝުކުރު ރައީސް ޑރ މުއިއްޒު ދެންނެވިކަމަށްވެސް މެންބަރު މުހައްމަދު ވިދާޅުވި އެވެ.
މިއަހަރުގެ ބަޖެޓްގައި ހިމެނި މަޝްރޫއުތައް އަހަރު ދެ ބައިވިއިރުވެސް ފެށިފައިނުވުމާއި އަދި ސަރުކާރުން ކުޅުދުއްފުށީގައި ކުރިއަށްގެންދާ ގިނަ މަޝްރޫއުތައް ހުއްޓިފައިވާކަމުގެ ޝަކުވާ މިދުވަސްވަރު އޮތީ ވަރަށް ބޮޑުވެފަ އެވެ.