twitterviber whatsapp telegramfacebookyoutube instagram
22nd October 2024

ބައި-އިލެކްޝަންތައް ކޮންމެ ހަ މަހަކުން އެއްފަހަރު ބާއްވަނީ

Jul 29, 2024

ލޯކަލް ކައުންސިލްތަކުގެ ހުސްވާ ގޮނޑިތަކަށް މެންބަރުން އިންތިހާބުކުރުމަށް ބާއްވާ ބައި-އިލެކްޝަންތައް ކޮންމެ ހަ މަހަކުން އެއްފަހަރު ބޭއްވުމަށް ހުށަހަޅައިފިއެވެ. މި ހުށަހެޅުން ހުށަހަޅާފައިވަނީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް އިސްލާހެއްގެ ގޮތުގައެވެ.

މި އިސްލާހު ސަރުކާރުގެ ފަރާތުން ހުށަހަޅުއްވާފައިވަނީ އިސްދޫ ދާއިރާގެ މެންބަރު އިސްމާއީލް ޝަފީއުއެވެ. މަޖިލީހުގެ މިއަދުގެ ޖަލްސާގައި މި އިސްލާހު ގެނައުމުގެ ބިލް މަޖިލީހަށް ތައާރަފުކޮށްފައިވެއެވެ.

މިހާރު ގާނޫނުގައި އޮންނަ ގޮތުން ނަމަ، ލޯކަލް ކައުންސިލްތަކުގެ ހުސްވާ ގޮނޑިއަށް މެންބަރުން އިންތިހާބުކުރުމަށް ބާއްވަންޖެހޭ ބައި-އިލެކްޝަންތައް 60 ދުވަހުގެ ތެރޭގައި ބާއްވަންޖެހެއެވެ. ނަމަވެސް މި އިސްލާހު ފާސްވެއްޖެނަމަ، ބައި-އިލެކްޝަންތައް ބާއްވާނީ ކޮންމެ ހަ މަހަކުން އެއްފަހަރުއެވެ.

މި އިސްލާހުގެ ސަބަބުން، ބައި-އިލެކްޝަންތައް ބޭއްވުމަށް ހޭދަވާ ވަގުތާއި ހަރަދު ކުޑަވެ، އިލެކްޝަންސް ކޮމިޝަނަށް މި އިންތިހާބުތައް ރާވައި ހިންގުމަށް ފަސޭހަވެގެންދާނެ ކަމަށް ބެލެވެއެވެ.

ގާނޫނުގައި މިހާރު އޮތް ގޮތުން ކައުންސިލްގެ އުމުރުގެ ތެރޭގައި ކައުންސިލްގެ މެންބަރެއްގެ މަގާމު ހުސްވެއްޖެނަމަ އެކަން 14 ދުވަހުގެ ތެރޭގައި ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން އިލެކްޝަންސް ކޮމިޝަން (އީސީ) އަށް އަންގަންޖެހެ އެވެ. މި އެންގުން އަންގާ ތާރީހުން ފެށިގެން ލަސްވެގެން 60 ދުވަހުގެ ތެރޭގައި އެ މެންބަރެއްގެ ބަދަލުގައި ކައުންސިލަށް މެންބަރަކު އިންތިހާބު ކުރަންވާނެ ކަމަށްވެސް ގާނޫނުގައިވެ އެވެ.

ކައުންސިލްގެ އުމުރުގެ ތެރޭގައި ކައުންސިލްގެ މެންބަރެއްގެ މަގާމު ހުސްވެ، އެކަން އެލްޖީއޭ އިން އީސީއަށް އަންގާތާ ލަސްވެގެން 183 ދުވަހުގެ ތެރޭގައި ހުސްވެފައިވާ ގޮނޑިއަށް މެންބަރަކު އިންތިހާބުކުރަންޖެހޭ ގޮތަށް ގާނޫނަށް ވަނީ އިސްލާހު ހުށަހަޅާފަ އެވެ.

ނަމަވެސް ކައުންސިލުގެ ނުވަތަ ކޮމިޓީގެ ގާނޫނީ އަދަދު ހަމަވާ މިންވަރަށް މެންބަރުން ނެތް ހާލަތެއްގައި 60 ދުވަހުގެ ތެރޭގައި ބައި-އިލެކްޝަން ބާއްވަންޖެހޭނެ ކަމަށް އިސްލާހުގައިވެ އެވެ.

ކައުންސިލްގެ މެންބަރަކު ވަކިވިއިރު ކައުންސިލްގެ އުމުރުގައި އެއް އަހަރު ދުވަސް ނުވަތަ އެއަށްވުރެ ކުރު މުއްދަތެއް ބާކީ އޮތްނަމަ އެ ހުސްވި ގޮނޑިއަށް މެންބަރަކު އިންތިހާބުކޮށްގެން ނުވާނެ ކަމަށް ގާނޫނުގައި ބުނެފައިވެ އެވެ.

ގާނޫނަށް ހުށަހެޅި އިސްލާހުގައި ކައުންސިލެއްގެ މެންބަރެއްގެ މަގާމު ހުސްވިއިރު އެ ކައުންސިލްގެ އުމުރުގެ ބާކީ އޮތީ 365 ދުވަސް ނުވަތަ އެއަށްވުރެ ކުރު މުއްދަތެއް ނަމަ އެ ހުސްވި މަގާމަށް މެންބަރަކު އިންތިހާބުކުރުން ލާޒިމުނުވާ ގޮތަށް ވަނީ ހިމަނާފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355