- މިނިސްޓްރީތަކާއި މުއައްސަސާތަކުގެ ތެރޭގައި ހަރަދު ބޮޑު ނަތީޖާއެއް ނުނެރެވޭ.
- މިނިސްޓްރީތަކުން ކުރާ މަސައްކަތަކީ ހަމައެކަނި ސިޓީ ބިޓީ ފޮނުވުން
- ކައުންސިލްތައް ކުޑަކުރުމަކީ ހައްލެއް ނޫން. ކައުންސިލްތަކުން ރަށްތަކަށް މަންފާކުރޭ
ކައުންސިލްތައް މަދުކުރުމަކީ ހައްލެއް ނޫން ކަމަށާއި ރަށްރަށަށް ވަޒީފާގެ ފުރުސަތުތައް ހުޅުވި ކޮންމެ ރަށެއްގައިވެސް ރަނގަޅު އިގްތިސޯދެއް ގާއިމުކުރެވެން ޖެހޭނެކަމަށް ހަނިމާދޫ ދާއިރާގެ މެންބަރު އަބުދުލްގަފޫރު މޫސާ (ގަޕޯ) ވިދާޅުވެއްޖެ އެވެ.
ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ގާނޫނަށް އިސްލާހު ގެންނަން ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލްގެ ބަހުސްގައި ވާހަކަދައްކަވަމުން އަބުދުލް ގަފޫރު މޫސާ ވިދާޅުވީ، ކޮންމެ 183 ދުވަހަކުން ކައުންސިލްތަކުގެ ބައި-އިލެކްޝަން ބާއްވަން ތާއިދުކުރާ ކަމަށާއި ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބުއެކުގައި ބާއްވަން ނިންމާއިރު ކައުންސިލްތަކުގެ އިންތިހާބު އޭގެ ތެރޭގައި ނުހިމަނަވާނީ ކީއްވެތޯ ގަފޫރު ސުވާލު އުފެއްދެވި އެވެ.
"އަޅުގަނޑުގެ ސުވާލަކީ ރައްޔިތުން މަޖިލީހުގެ އިންތިހާބާއި ރިޔާސީ އިންތިހާބު އެއްކޮށް ބާއްވާއިރު ކީއްވެގެންތޯ ކައުންސިލްތަކުގެ އިންތިހާބުވެސް މީގެ ތެރެއަށް ނުލާންވީން. އެ ނުލުމުގައި ހުންނާނެ ބައިވަރު ސަބަބުތައް. ވެރިންގެ މުށުގައި ހުންނަ ބާރު ރައްޔިތުންނާ ހިސާބަށް ދޫކޮށްލުމަކީ އަބަދުވެސް އުނދަގޫކަމެއް. އަޅުގަނޑުމެން މި ނިޒާމު [ލާމަރުކަޒީ ނިޒާމު] ގެނެސްފައި މަސައްކަތްކުރަމުންގެންދާތާ ދުވަސްތަކެއް ވެއްޖެ. އެހެންނަމަވެސް މި ނިޒާމު ހަޖަމު ކުރެވޭ ސަރުކާރެއް މިގައުމަށް ނާދޭ. ވެރިކަމުގައި އޮންނައިރު އެ ވެރިކަމުގެ ބާރުވެރިކަން ހުރިހާ ހިސާބަކަށް ހިންގަން ބޭނުންވާ ސަރުކާރުތަކެއް މިގައުމުގައި އަންނަމުން މިދަނީ. މިއީ ގޯހެއް." ގަފޫރު ވިދާޅުވި އެވެ.
މި ނިޒާމު ގަބޫލުކުރަނީ ސަރުކާރުގައި ތިބިކަމުގައި ވިޔަސް އިދިކޮޅު ކައުންސިލެއް އޮތްކަމުގައިވިޔަސް އެކައުންސިލްތަކާ އެއްކޮށްގޮސް މިކަންކަން ކުރުން ކަމުގައި އެވެ. ކައުންސިލްތަކުގެ ވާހަކަދައްކާއިރުގައި ހަރަދު ބޮޑުވަނީ ކައުންސިލްތަކުގައި އެކަނި ނޫން ކަން ގަފޫރު ފާހަގަކުރެއްވި އެވެ.
"ދައުލަތުގެ ބަޖެޓް 50 ބިލިއަނަށް އަރާފައި އޮތްއިރު އޭގެ ތެރެއިން 42 ބިލިއަން ރުފިޔާއަކީ ރިކަރަންޓް ހަރަދު. ހަމައެކަނި ދެ ބިލިއަން ރުފިޔާ ކައުންސިލްތަކަށް މިދެނީ. ކޮބާތޯ އަނެއް 40 ބިލިއަން ރުފިޔާ. ދައުލަތުގެ ކިތަށް މުއައްސަސާ އެބަހުރިތޯ؟. ކިތަށް މިނިސްޓްރީ އެބަހުރިތޯ؟ މިތަންތަނުން ނަތީޖާ ހާސިލްކުރެވޭތޯ ނޫން. މަދު ތަނަކުން ނަތީޖާ ހާސިލުކުރެވެނީ. ހަރަދުކުރަމުންދާ ބައިވަރު ފައިސާތަކެއް. ރައްޔިތުންގެ ހިތްހަމަޖެހުން ނުލިބެނީ އެހެންވީމަ ސަރުކާރަށް." މަޖިލީހުގެ މާލިއްޔަތު ކޮމެޓީގައި 15 އަހަރު މަސައްކަތްކުރެއްވި ގަފޫރު ވިދާޅުވި އެވެ.
ދައުލަތުގެ މިނިސްޓްރީތަކާއި މުއައްސަސާތަކުގައި އެތައް ގިނަ މުވައްޒަފުންނެއް ތިބިއިރުގައި ގިނަ ތަންތަނުގައި މެނޭޖްމެންޓް އޮޑިޓެއްވެސް ހެދިފަ ނެތްކަން އޭނާ ފާހަގަކުރެއްވި އެވެ. ކިތަށް މުއައްޒަފުން ތޯ ބޭނުންވަނީ ނުވަތަ ކިތަށް މުއައްޒަފުން ބޭނުންކޮށްގެންތޯ މިނިސްޓްރީ ހިންގެނީ މިކަން ހޯދިފައި ނެތް ކަމަށެވެ. އަދި ކޮންމެ އަހަރެއް ނިމިގެންދާއިރުގައި 15 ޕަސެންޓް 20 ޕަސެންޓް ބަޖެޓް އިތުރުކުރަން ހިމަނާލާފައި ރައްޔިތުން މަޖިލީހަށް ބަޖެޓް ހުށަހަޅަމުން އިދާރާތަކުންދާ ކަމަށާއި އެ ހުށަހަޅާ ބަޖެޓުން އެ އަހަރުގެ ތެރޭގައި ރައްޔިތުންނަށް ދެވުނީ ކޮން ހިދުމަތެއް ތޯ ހާސިލްކުރެވުނީ ކޮން ނަތީޖާއެއް ތޯ ބަލާ އެއްވެސް ތަނެއް ނެތްކަން ގަފޫރު ފާހަގަކުރެއްވި އެވެ.
"އެއްވެސް ނަތީޖާއެއް ހާސިލުނުކޮށް ރައްޔިތުންގެ ފައިސާތައް ހޭދަކުރަމުން އެދަނީ. މިނިސްޓްރީއެއް ވިއްޔާ ހަމައެކަނި ކުރާ ކަމަކީ ސިޓީ ބިޓީ ދޫކުރުން. އެއްވެސް ދިރާސާއެއް ނުކުރޭ. ރައްޔިތުން ބޭނުންވާ ހިދުމަތެއް ދެވުނީތޯ ބަލަނީކީއެއްވެސް ނޫން. އަދި ކުރިއަށްއޮތްތަނުގައި އެ މިނިސްޓްރީއެއް އޮންނާނެ ތަސައްވަރެއްވެސް އެއިންތާކު ނެތް." ގަފޫރު ވިދާޅުވި އެވެ.
އިންތިހާބުތަކުގައި ރައްޔިތުން ވޯޓްލުމަށް ނުނިކުންނަ ސަބަބާ ބެހޭގޮތުން ވާހަކަދައްކަވަމުން މެންބަރު ގަފޫރު ވިދާޅުވީ، ރައްޔިތުން ވޯޓްލާން ނުނިކުންނަނީ ދުނިޔޭގެ ފިކުރީ ނިޒާމަށް އަންނަމުންދާ ބަދަލުތަކުގެ ސަބަބުން އެއީ މި ގައުމުގައި އެކަނި ހިނގާކަމެއް ނޫން ކަމަށާއި އެހެން ގައުމުތަކުގައިވެސް މިކަން އޮތީ މިހެން ކަމަށެވެ.
ކައުންސިލްތަކުގެ ސަބަބުން ރަށްރަށުގެ އިގްތިސޯދީ ހާލަތު ރަނގަޅުވާކަން ފާހަގަކުރައްވަމުން ގަފޫރު ވިދާޅުވީ، ކައުންސިލްތައް މަދުކުރުމަކީ ހައްލެއް ނޫން ކަމަށެވެ.
"ކައުންސިލްތައް މަދުކުރުމަކީ އެއީކީ ހައްލެއް ނޫން. ރަށްށަށް ވަޒީފާގެ ފުރުސަތުތައް ހުޅުވެން ޖެހޭނެ. ކޮންމެ ރަށެއްގައިވެސް ރަނގަޅު އިގްތިސޯދެއް ގާއިމުކުރެވެން ޖެހޭނެ. ރަނގަޅަށް ފައިސާ ރަށްރަށަށް ވަންނަ ޖެހޭނެ. އިގްތިސޯދީ ހަރަކާތްތައް ހިންގެން ޖެހޭނެ. އެހެންނޫނީ ކަންކަން ދާނީ ގޯހުން ނުބަޔަށް."
ބާރުވެރިކަން ލިބޭ ކޮންމެ ފަހަރަކު އަންނަ ސަރުކާރަކުން ދަނީ ބޭނުންވާ ގޮތަކަށް ކަންކަން ބަދަލުކުރަމުން ކަމަށާއި އެހެންނަމަވެސް މިގައުމުގެ ވެރިކަމާ ހަވާލުވާ ކޮންމެ ފަރާތްތަކުން ވިސްނަންޖެހޭކަމަކީ އެގޮތަށް ބަދަލުކުރީމަ އާހިރުގައި އެއްވެސް ނަތީޖާއެއް ލިބިފައިނުވާ ކަމަށެވެ.