twitterviber whatsapp telegramfacebookyoutube instagram
28th April 2024

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓަށް އޯގަސްޓްމަހު ޓެސްޓް ފްލައިޓް ޖައްސާނެ: ގަފޫރު

ނަބީލާ އިސްމާޢީލް
May 31, 2023

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓަށް އަންނަ އޯގަސްޓް މަހުގެ ތެރޭގައި ޓެސްޓް ޕްލައިޓް ޖެއްސޭ ވަރުވާނެކަމަށް ހަނިމާދޫ ދާއިރާގެ މަޖިލިސް މެމްބަރު އަބްދުލް ގަފޫރު މޫސާ ވިދާޅުވެއްޖެ އެވެ.

މެމްބަރު ގަފޫރު މިހެން ވިދާޅުވީ އަންގާރަ ދުވަހު މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ހުށަހަޅުއްވާފައިވާ ރާއްޖޭގެ މުދަލާ ހިދުމަތުގެ އަގު ބޮޑުވުން ކޮންޓްރޯލްކުރަން ސަރުކާރަށް ގޮވާލާ ހުށަހަޅާފައިވާ ގަރާރަށް ބަހުސްކުރަމުންނެވެ.

މި ބަހުސްގައި ވާހަކަ ދައްކަވަމުން ގަފޫރު ވިދާޅުވީ އިރާދަކުރެއްވިއްޔާ މޫސުން ގޯސް ނޫންނަމަ ހަނިމާދޫ އެއާޕޯޓަށް އޯގަސްޓްމަހުގެ ތެރޭގައި ޓެސްޓް ފްލައިޓް ޖެއްސޭ ވަރުވާނެ ކަމަށާއި މި ދައްކަނީ އޭ320 ގެ މަތިންދާ ބޯޓު ޖެއްސާ ވާހަކަ ކަމަށެވެ.

"އިރާދަކުރެއްވިއްޔާ މޫސުން ގޯސް ނޫންނަމަ ހަނިމާދޫ އެއާޕޯޓަށް އަޅުގަނޑުމެންނަށް އޯގަސްޓް މަހުގެ ތެރޭގައި ޓެސްޓް ޕްލައިޓް ޖެއްސޭ ވަރުވާނެ މި ދައްކަނީ އޭ320 ގެ މަތިންދާ ބޯޓު ޖެއްސާ ވާހަކަ".ގަފޫރު ވިދާޅުވި އެވެ.

ހަނިމާދޫ އެއާޕޯޓް ތަރައްގީކުރަން ސަރުކާރުން ހަވާލުކޮށްފައިވަނީ އިންޑިޔާގެ އެންމެ ބޮޑު އެއް އީޕީސީ ކުންފުންޏާ މިއަހަރު ޖެނުއަރީމަހު 136.6 މިލިއަން ރުފިޔާއަށެވެ. އިންޑިއާގެ އެގްޒިމް ބެންކާއި ދިވެހި ސަރުކާރާ ދެމެދު 2019 ގައި ސޮއި ކުރެވުނު ކްރެޑިޓް ލައިންގެ ދަށުން ކުރިއަށް ގެންދަން ހަމަޖެހިފައިވާ މި މަޝްރޫއުގެ ދަށުން ހަނިމާދޫގައި 2.46 ކިލޯމީޓަރުގެ އާ ރަންވޭއަކާއި އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ހިދުމަތްދެވޭނެ ޖާގައިގެ ޓާމިނަލެއް އިމާރާތްކުރާނެ އެވެ.

މިމަޝްރޫއު ނިމުމުން ބައިނަލްއަގްވާމީ ދަތުރުތަކުގައި ބޭނުންކުރާ އެއާބަސް A320 އާއި ބޯއިންގ 737 މަރުކާގެ ބޯޓް ފަހަރަށް ހަނިމާދޫ އެއާޕޯޓުން ހިދުމަތް ދެވިގެންދާނެކަމަށެވެ.

މީގެ އިތުރުން މާފަރު އެއާޕޯޓް ބޮޑުކުރުމުގެ މަސައްކަތް ކުރިއަށް ދާކަމަށާއި އައްޑޫ އެއާޕޯޓް ބޮޑުކުރުމުގެ މަސައްކަތްވެސް ވަރަށް އަވަހަށް ފަށާނެ ކަމަށް ގަފޫރު ވިދާޅުވި އެވެ. ގަފޫރު ވިދާޅުވީ މިއީ ގައުމެއް ތަރައްގީކުރުމަށްޓަކައި ބޭނުންވާ ވަސީލަތްތައް ގާއިމްކުރުމަށްޓަކައި ކުރެވެމުންދާ މަސައްކަތްތައް ކަމަށާއި އެއްވެސް ސަރުކާރެއްގައި މިއިން އެއްވެސް މަސައްކަތެއް ކޮށްފަނެތް ކަމަށެވެ.

އޭނާ ވިދާޅުވީ ރާއްޖޭގައި އިންފްލޭޝަން އެބަ އޮތް ކަމަށާއި ތަކެތީގެ އަގު ބޮޑުވެއްޖެ ކަމާމެދު ދެކޮޅެއް ނަހަދާކަމަށެވެ. 5 ޕަސެންޓާ 7 ޕަސެންޓާ ދޭތެރޭގެ އަދަދެއް ރާއްޖޭގައި އިންފުލޭޝަން އެބައޮތް ކަމަށެވެ.

"އެކަމަކު މި އިންފުލޭޝަންއަކީ ރާއްޖެއަށް އިންޕޯޓަޑް އިންފުލޭޝަން އެއް، ބޭރުގެ މުދަލާ ހިދުމަތުގެ އަގު ބޮޑުވުމުގެ ސަބަބުން، މިކަން އައިސްގެން މި އުޅެނީ. އެހެންވީމަ ހަމަ އެކަނި ރާއްޖޭގައި އޮތް އިންފުލޭޝަންއެއް ނޫން މިއީއެއް." ގަފޫރު ވިދާޅުވި އެވެ.

ކައިރި ގައުމުތަކަށް ބެލީމައި ތަކެތީގެ އަގު ބޮޑުވި މިންވަރު ވަރަށް ބޮޑަށް އިހުސާސް ކުރެވޭނެ ކަމަށާއި އިންޑިއާ، ސްރީލަންކާ، ސިންގަޕޫރް، ދުބާއިއާއި މެލޭޝިއާ މި ގައުމުތަކުގައި އިންފްލެންޝް އުޅެނީ 10 ޕަސެންޓާ 15 ޕަސެންޓްގަ ކަމަށެވެ. ސަރުކާރު ކެނޑިނޭޅި މަސައްކަތް ކުރަނީ އިންފުލޭޝަން ދަށްކުރުމަށް ކަމަށާއި ކާޑާއި ފެނާއި ކަރަންޓު އަދިވެސް އޮތީ ބޮޑުނުކޮށްކަމަށާއި މި ގޮތުގައި އަގުތައް ބަހައްޓާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ގަފޫރު ވިދާޅުވީ މި ސަރުކާރުން މަސައްކަތް ކުރަނީ ގައުމެއްގެ އިގްތިސޯދު ފުޅާކޮށް ގައުމަށް ލިބޭ އާމްދަނީ ދެގުނަ ކުރަންވެގެންކަމަށާއި އެހެން އެެއްވެސް ސަރުކާރަކުން އެކަން ކޮށްފަނެތް ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355