twitterviber whatsapp telegramfacebookyoutube instagram
5th February 2025

އުރީދު އަށް 19 އަހަރު: 5ޖީ ހިދުމަތް ފުޅާކޮށް ކަސްޓަމަރުންނަށް ގިނަ އޮފާތަކެއް

Aug 1, 2024

އުރީދޫ މޯލްޑިވްސްގެ 19 ވަނަ އަހަރީ ދުވަހާ ގުޅުވައި 60 އިންސައްތައަށް 5ޖީގެ ހިދުމަތް ފުޅާކޮށް، އިތުރު އާ ހިދުމަތްތަކެއް ތައާރަފުކޮށްފިއެވެ.

މިކަން އިއުލާނުކޮށްފައި ވަނީ ރޭ އުރީދޫގެ އަހަރީ ދުވަހާ ގުޅުވައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގަ އެވެ.

އުރީދޫން އަލަށް ތައާރަފުކުރި ހިދުމަތްތަކާ ގުޅޭގޮތުން ބުނީ، ރާއްޖޭގެ އެކި ކަންކޮޅުތައް ގުޅާލުމުގައި އުރީދޫން ކުރަމުން ގެންދާ މަސައްކަތުގެ ތެރެއިން، އުރީދޫ 5ޖީ މިހާރު ރާއްޖޭގެ 60 އިންސައްތައަށް މިހާރު ލިބޭނެ ކަމަށެވެ.

އެ މަސައްކަތުގެ ފޭސް ތިނެއްގައި 100 އިންސައްތަ ކަވަރޭޖް ހާސިލްކުރެވޭނެކަން ފާހަގަކޮށް އުރީދޫން ބުނީ ހަލުވި ސްޕީޑާއި، ލެޓެންސީ ދަށްވެ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ކަސްޓަމަރުންނަށް ރަނގަޅު 5ޖީ ނެޓްވޯކެއް ލިބޭނެކަމަށެވެ. މި ހިދުމަތް 22 ރަށަކާއި ފަސް ރިސޯޓަކަށް ވަނީ ފުޅާވެފައެވެ.

ޕްރެސް ކޮންފަރެންސްގައި ވާހަކަދައްކަވަމުން އުރީދޫގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ހާލިދު އަލް ހަމަދީ ވިދާޅުވީ، ދުނިޔެއަށް ޓެކްނޮލޮޖީ ފުޅާވެގެންދާއިރު ލިބޭ ހިދުމަތްތައް ރާއްޖެއަށް ވެސް ގެނެސްދިނުމަށްޓަކައި ކުރެވެން ހުރި ހުރިހާ މަސައްކަތެއް އުރީދޫން ކޮށްދޭނެ ކަމަށެވެ.

"ލޯޔަލް ކަސްޓަމަރުންގެ ފަރާތުން ލިބެމުންދާ އިތުބާރާއި އެއްބާރުލުމަށް ޝުކުރު އަދާކުރަން. ކުރިއަށް އޮތްތަނުގައި ވެސް އާ އީޖާދީ ޓެކްނޮލޮޖީ ތައާރަފުކޮށް ފުޅާކުރުމަށް މަސައްކަތްކުރާނަން،" އުރީދޫގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ވިދާޅުވި އެވެ.

މީގެ އިތުރުން ވެސް އެ ކުންފުނިން ދޭ ގިނަ ހިދުމަތްތަކެއް ފުޅާކޮށް، އަލަށް ވަނީ ގިނަ ހިދުމަތްތަކެއް ތައާރަފުކޮށްފައެވެ. އެގޮތުން:

1. ނުޖޫމް: ލޯޔަލްޓީ ޕްރޮގްރާމް

އުރީދޫގެ ލޯޔަލްޓީ ޕްރޮގްރާމް، ނުޖޫމް ފަރުމާކުރެވިފައި ވަނީ، ހުރިހާ ކަސްޓަމަރުންގެ ބައިވެރިވެވޭ ގޮތަށެވެ. ނުޖޫމްއާއެކު ކަސްޓަމަރުންނަށް އުރީދޫ އެޕް މެދުވެރިކޮށް ކުރާ ކޮންމެ ޓްރާންސެކްޝަނަކާއެކު ޕޮއިންޓް ހޯދައި، އުރީދޫގެ ގިނަ ޚިދުމަތްތަކަށާއި ތާޑް ޕާޓީ އޮފާތަކަށް ރިޑީމް ކުރެވޭނެއެވެ. މި ޕްރޮގްރާމަކީ ކަސްޓަމަރުންގެ ތަޖުރިބާ އިތުރަށް ފުރިހަމަކޮށްދިނުމަށް ރޭވިފައިވާ ޕްރޮގްރާމެކެވެ. ނޫޖޫމް އަކީ އުރީދޫ ގްރޫޕުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބޭނުންކުރާ ލޯޔަލްޓީ ޕްރޮގްރާމެކެވެ.

2. އާޗާ ސުޕަނެޓް އަދި އާޗާ އެއާފައިބާ: ޑެއިލީ ޑޭޓާ މިހާރު ފައިބާ ބްރޯޑްބޭންޑަށް

އުރީދޫގެ އާޗާ ސުޕަނެޓުން ކޮންމެ ދުވަހަކު ޑޭޓާ ލިބޭ ޕްލޭންތަކެއް މިވަނީ ތައާރަފުކުރެވިފައެވެ. ބްރޯޑްބޭންޑް މެދުވެރިކޮށް ކަސްޓަމަރުން ގުޅިފައި ތިބުމަށާއި، ކޮންމެ ދުވަހަކު ވެސް މެދުނުކެނޑި އިންޓަނެޓްގެ ޚިދުމަތް ލިބުމަށް މި ޕްލޭންތައް މެދުވެރިކޮށް ކަސްޓަމަރުންނަށް އިތުރަށް ފަސޭހަވެގެން ދާނެއެވެ. މި ކުރިއެރުމަކީ ރާއްޖޭގައި އެންމެ ފުރިހަމަ އިންޓަނެޓްގެ ޚިދުމަތް ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން އިތުރުކުރެވުނު ބޮޅެކެވެ.

3. އޭއައި ޕޯސްޓްޕެއިޑް މެދުވެރިކޮށް ޕޯސްޓްޕެއިޑް ޕްލޭން ތައްޔާރުކޮށްލެވޭނެ

މިއީ ރާއްޖޭގައި ފުރަތަމަ ފަހަރަށް ތައާރަފްކުރި އޭއައި ޕޯސްޓްޕެއިޑްއެވެ. އާޓިފިޝަލް އިންޓެލިޖެންސް ބޭނުންކޮށްގެން ކަސްޓަމަރުންގެ ބޭނުންތަކާއި ބޭނުންކުރުމުގެ ވައްޓަފާޅިއަށް ފެތޭ ގޮތަށް ޕާސަނަލައިޒްޑް ޕޯސްޓްޕެއިޑް ޕްލޭންތައް ހެދުމަށް މި އިނޮވޭޓިވް ޚިދުމަތުން ލިބިގެންދާއެވެ. އޭއައި ޕޯސްޓްޕެއިޑް އާއެކު ކަސްޓަމަރުންނަށް ތަފާތު ފްލެކްސިބިލިޓީއާއި ވެލިއު ލިބޭ ގޮތަށް ޚާއްސަ ޕްލޭނެއް ބޭނުން ކުރެވޭނެއެވެ.

4. ހެއްސަ ޑޭޓާ: ރާއްޖޭގެ އެންމެ ބޮޑު ޑޭޓާ އެލަވަންސް

ހެއްސަ ޑޭޓާ އަކީ ޕޯސްޓްޕެއިޑް އަދި ޕްރީޕެއިޑްއަށް ތައާރަފުކުރެވޭ ރާއްޖޭގެ އެންމެ ބޮޑު ޑޭޓާ އެލަވަންސް ލިބޭ ޕްލޭނެވެ. ކަސްޓަމަރުންގެ އެކި ބޭނުންތަކަށް ގިނަ ޑޭޓާ ބޭނުންކުރާ ފަރާތްތަކަށް މި އޮފާއަކީ އިންޓަނެޓު ބޭނުން ކުރުމާއި ސްޓްރީމް ކުރުމާއި ޗެޓުކުރުމުގައި ލިމިޓަކާ ނުލައި ގުޅާލުމުގެ މިނިވަންކަން ފަހިކޮށްދޭ ޕްލޭނެކެވެ.

5. އާޗާ ދަންދަން: ދަންވަރަށް ޚާއްސަ

ސޯޝަލް މީޑިއާގައި ދަންވަރު ވަގުތު ހޭދަކުރާ ފަރާތްތަކަށް ޚާއްސަ 'އާޗާ ދަންދަން'އިން ކޮންމެ ދުވަހަކު ވެސް ސޯޝަލް މީޑީއަގެ ގިން އެޕްލިކޭޝަންތަކަށް ޑޭޓާ އެލަވަންސެއް ލިބޭ އިރު، ދަންވަރު 1:00 އިން ފަތިހު 5:00 އަށް ލިބިގެންދާނެއެވެ. މި ޕްލޭންއާއެކު މެދުނުކެނޑި ސޯޝަލް މީޑިއާގައި ވަގުތު ހޭދަކުރެވޭނެއެވެ.

6. އެންޓަޓައިނިއާ: އެންޓަޓެއިންމަންޓް އާ ހަރުފަތަކަށް

މުނިފޫހިފިލުވުމުގެ ގިން އެޕްލިކޭޝަންތަކާއި އެޕްތައް ހިމެނޭ ހާއްސަ ޕޭޖެއް ކަމަށްވާ އެންޓަޓައިނިއާގައި ސޮނީލިވް އާއި ލަޔަންސްގޭޓް ޕްލޭ ހިމެނޭ ފިލްމު ޕެކް އޮޕްޝަންތަކުގެ އިތުރުން ސްނެޕްޗެޓާއި ޓިކްޓޮކްގެ ސޯޝަލް އެންޓަޓެއިންމަންޓް ޕެކްތައް ވެސް ހިމެނެއެވެ. މުނިފޫހިފިލުވުމުގެ ހުރިހާ ބޭނުންތަކެއް އެއްތަނަކުން ފުއްދައިދޭ ގޮތަށް އެންޓަޓެއިނިއާ ވަނީ ފަރުމާކޮށްފައެވެ.

7. އުރީދޫ ނޭޝަން: ގްލޯބަލް ފޭސްއޮފް

މިއީ 1919 ޑޮލަރުގެ ޕްރައިޒް ޕޫލަކާއެކު ރާއްޖެއާއި ގަތަރުގެ ޓީމުތައް ވާދަކުރާ ރޮކެޓް ލީގު މުބާރާތެކެވެ. އޮގަސްޓް މަހުގެ އަށް ވަނަ ދުވަހާއި ނުވަ ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މި ހަރަކާތުގައި އުރީދޫ ނޭޝަންގެ އިންޓަނޭޝަނަލް ފުރަތަމަ މުބާރާތެވެ.

އުރީދޫއިން ބުނީ އެ ކުންފުނީގެ 19 ވަނަ އަހަރީ ދުވަސް ފާހަގަކުރަމުން ދާއިރު، ޑިޖިޓަލް ބަދަލުތަކާއި، އީޖާދީ ހައްލުތަކާއި، ތަފާތު ޚިދުމަތުގެ ޒަރިއްޔާއިން ކަސްޓަމަރުންގެ ދިރިއުޅުން ކުރިއެރުވުމަށް އަބަދުވެސް މަސައްކަތް ކުރަމުންދާ ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355