ގައުމީ އެއާލައިން މޯލްޑިވިއަންގެ ފްލައިޓްތައް އޮޮންނަ ގަޑިތަކާ ދިމާވާގޮތަށް ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) ފެރީގެ ޚިދުމަތް ލިބޭނެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތް ފަށައިފި އެވެ.
މޯލްޑިވިއަންއިން ބުނީ މާލެއިން ކޫއްޑޫއަށް ކޮންމެ ދުވަހަކު ހެނދުނު އޮންނަ ޝެޑިއުލް ފްލައިޓާއި ދިމާކޮށް ކޫއްޑޫއަށް އާރްޓީއެލް ފެރީ އޮންނާނެ ކަމަށެވެ. އަދި މޯލްޑިވިއަންގެ ޝެޑިއުލް ދަތުރުތައް އޮންނަ ކޮންމެ އެއާޕޯޓަކަށް ވެސް މި ހިދުމަތް ދިނުމަށް މިހާރު އާރްޓީއެލްއާ ގުޅިގެން މަސައްކަތް ކުރާ ކަމަށް އެ ކުންފުނިން ބުނެ އެވެ.
ކޫއްޑޫއަށް މިހާރު ކޮންމެ ދުވަހަކު ވެސް މޯލްޑިވިއަންގެ Q2260 ފްލައިޓް ދަތުރު ކުރެ އެވެ.
މި ފްލައިޓް ކުއްޑޫގައި ޖައްސަނީ ހެނދުނު 8:55 ގަ އެވެ. މި ފްލައިޓާ ދިމާވާގޮތަށް ގއ. ކޫއްޑޫއިން ގއ. ވިލިނގިލިއަށް ދަތުރުކުރާ އާރްޓީއެލް ފެރީ މިހާރު އޮންނާނެ އެވެ. މި ފެރީ ފުރާ ގަޑިއަކީ 9:30 އެވެ.
އެއާޕޯޓުތައް ހިމެނޭ ބައެއް ސަރަހައްދުތަކަށް އާރްޓީއެލް ފެރީގެ ހިދުމަތް ދެމުންދާއިރު، ބައެއް ސަރަހައްދުތަކުގައި ފްލައިޓް ގަޑިތަކާއި ފެރީ ޝެޑިއުލްތައް ދިމާނުވެ އެވެ. އެހެންކަމުން މޯލްޑިވިއަންގެ ފްލައިޓް ޝެޑިއުލް އާއި އާރްޓީއެލްގެ ފެރީގެ ހިދުމަތް ގުޅުވާލުމުގެ މަސައްކަތް މިހާރު ފަށާފައިވާއިރު، އާރްޓީއެލްގެ ހިދުމަތް ވެސް ރާއްޖޭގެ ހުރިހާ އަތޮޅަކަށް ފުޅާ ކުރަން އަންނަނީ މަސައްކަތް ކުރަމުންނެވެ.
އެގޮތުން މިހާތަނަށް ރާއްޖޭގެ 9 އަތޮޅެއްގައި މި ހިދުމަތް ދޭން ވަނީ ފަށާފަ އެވެ. އެންމެ ފަހުން މި ހިދުމަތް ފަށާފައި ވަނީ ނ. އަތޮޅުގަ އެވެ. އަދި ރ. އަތޮޅާއި ބ. އަތޮޅުގައި ވެސް މި ހިދުމަތް ފެށުމަށް އެމްޓީސީސީއާ ވަނީ ހަވާލުކޮށްފަ އެވެ.
އާރްޓީއެލްގެ ފެރީގެ ނިޒާމަކީ މުޅި ރާއްޖެ ދަތުރުފަތުރު އެއް ވިއުގާއަކުން ގުޅާލުމަށް ކުރަމުންދާ މަސައްކަތެކެވެ.