އަލިފާނުގެ ހާދިސާތަކުގައި އާއި މީހާގެ ސިފަ ގެއްލޭ ވަރަށް ފިހުމާއި ގައިގައި ހެދިފައި ހުންނަ ބޮޑެތި ފާރުގަނޑުތައް ރަނގަޅުކުރުމަށްކުރާ ޕްލާސްޓިކް ސާޖަރީގެ ހިދުމަތް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި ފަށައިފި އެވެ.
އައިޖީއެމްއެޗާ ގުޅިގެން ކޭއާރުއެޗުގައި އަލަށް ފެށި މި ހިދުމަތާއެކު މިފަދަ މައްސަލަތަކަށް ފަރުވާހޯދައި ފަރާތްތަކަށް ބޮޑެތި ލުއިތަކެއް ލިބިގެންދާނެކަމަށް ކޭއާރުއެޗުގެ ސީއީއޯ ނާޒިމާ އަލީ ފާހަގަކުރެއްވި އެވެ.
މި ހިދުމަތް ފެށުމަށް އިސްކޮށް އުޅުއްވަނީ އައިޖީއެމްއެޗްގެ އެކްޓިންގ މެޑިކަލް ޑިރެކްޓަރ، ޑިޕާންޓްމެންޓް އޮފް ސާޖަރީގެ ހެޑް އަދި ޕްލާސްޓިކް ސާޖަރީގެ ފުރަތަމަ ސަބް ސްޕެޝަލިސްޓް ޑރ މުހައްމަދު ވަހީދެވެ. މީގެ ކުރިން ޑރ ވަހީދުގެވެސް ވަރަށް ބޮޑު އިސްނެންގެވުމާއެކު ކޭއާރުއެޗުގައި ވޫޑް ކެއަރ އަލި ލެޕްރޮސްކޯޕިކް ސާޖަރީތަކެއް ކުރިއަށްގެންދެވި އެވެ.
ޕްލާސްޓިކް ސާޖަރީގެ ހިދުމަތް ފެށުމުގެ ގޮތުން މިއަދު ހެނދުނު ކޭއާރުއެޗްގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސީއީއޯ ނާޒިމާ އަލީ ވިދާޅުވީ، އައިޖީއެމްއެޗާ ގުޅިގެން ކޭއާރުއެޗްގެ ހިދުމަތްތައް މިހާރަށް ވުރެ ހަރުދަނާކޮށް ހިދުމަތް މަތިކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަން ފަށާފައިވާ ކަމަށެވެ.
އެގޮތުން މިހާރުވެސް ދެ ހޮސްޕިޓަލްގެ ސީނިއާ މެނޭޖްމެންޓް ބައްދަލުކޮށް ހިދުމަތް ފުޅާކުރުމުގެ މަޝްވަރާތައް ފަށާފައިވާކަން ފާހަގަކުރެއްވި އެވެ. ވަކިން ހާއްސަ ގޮތެއްގައި ހިތުގެ ބަލިތަކާއި ކިޑްނީ، ނާރު އަދި ނަފުސާނީ ކަންކަމަށް ހާއްސަ ޑޮކްޓަރުންގެ ޓީމުތައް ގެނެވި ދެމެހެއްޓެނިވި ގޮތެއްގައި މި ސަރަހައްދުގެ ރައްޔިތުންނަށް ހިދުމަތްދެވޭނެ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތްކުރަމުންދާކަމުގައި ނާޒިމާ އަލީ ވިދާޅުވި އެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ކުޅުދުއްފުއްޓާ ގާތް ގުޅުމެއް ބާއްވަމުންގެންދަވާ ޑރ ވަހީދު ވިދާޅުވީ، ޕްލާސްޓިކް ސާޖަރީއޭ ބުނުމުން އެންމެންނަށްވެސް ހީވެފައި އޮންނަނީ މިއީ މީހާގެ ސޫރަ ރީތިކުރުމަށް ކުރާ އޮޕަރޭޝަންތަކެއް ކަމަށެވެ.
އެހެންނަމަވެސް އޭނާ ވިދާޅުވި ޕްލާސްޓިކް ސާޖަރީ އަކީ ހަމައެކަނި ރީތިވާންކުރާ އޮޕަރޭޝަންތަކެއް ނޫން ކަމަށާ އެކަމަކު އޭތެރޭގައި އަލިފާނުގެ ހާދިސާތަކުގައި ފިހުމާއި ހޫނު އެއްޗެހި އެޅިގެން ފިހި އަދި ތަފާތު އަނިޔާތަކާއި ހާނިކަތައް ލިބި ހަށިގަނޑުން ބައެއް މަދުވުމުން މަސް އަރުވައި ހަންގަނޑު އެރުވުމަށްވެސް ހިމެނޭ ކަމަށެވެ. އަދި ދުވަސްވީ ފާރުގަނޑުތައް ރަނގަޅުކުރުމަށްވެސް ޕްލާސްޓިކް ސާޖަރީ ކުރެ އެވެ.
އައިޖީއެމްއެޗްގެ ސީއީއޯ އިބުރާހިމް ހަލީމް އަބުދުލްރައްޒާގް ވިދާޅުވީ، ކޭއާރުއެޗްގައި މި ފެށުނު ހިދުމަތާއެކު ހަގީގަތުގައި ދިވެހި ރައްޔިތުން ކުރިއަށް އޮތްތަނުގައި ވަރަށް ފައިދާ ކުރާނެކަމަށެވެ. އެގޮތުން މާލެއަށް ބޮޑު ހަރަދުކޮށްފައި ފަރުވާ ހޯދުމަށް ރައްޔިތުން ކުރާ ހަރަދު ވަރަށް ބޮޑަށް ކުޑަވެގެން ދާނެ ކަމެއްކަމަށެވެ.
މި ހިދުމަތް ހުއްޓާނުލައި ވަކި ޕްލޭނެއްގެ ދަށުން ކުރިއަށްގެންދާނެކަމުގެ ޔަގީންކަން ހަލީމް ދެއްވި އެވެ.