twitterviber whatsapp telegramfacebookyoutube instagram
19th September 2024

ފެންބޮޑުވެ ބައެއް ސަރަހައްދުތަކުން ފެން ހިއްކަނީ

Aug 12, 2024

ރާއްޖެއަށް ކުރަމުންދާ ވިއްސާރައާ ގުޅިގެން ކުޅުދުއްފުށީގެ ބައެއް ސަރަހައްދުތަކުގައި ފެންބޮޑުވެ ފެން ހިއްކުމުގެ މަސައްކަތް ފަށައިފި އެވެ.

ރޭ ފެށިގެން ކުޅުދުއްފުއްޓަށް އަންނަނީ ބޯކޮށް ވާރޭވެހެމުންނެވެ. އެހެންވުމުން ސިޓީ ކައުންސިލުން މިހާރު ވަނީ ޝަކުވާ ހުށަހެޅުމަށް ހޮޓްލައިނެއް ގާއިމުކޮށްފަ އެވެ.

ވިއްސާރައާ ގުޅިގެން ސިޓީ ކައުންސިލުން ގާއިމުކުރި އީއޯސީގެ ހޮޓްލައިނަކީ 6527120 އެވެ.

މޭޔަރު މުހައްމަދު އާތިފް ކޭއޯއަށް ވިދާޅުވީ، މިހާތަނަށް 8 ގޭބިސީއަކަށް ފެންވަދެގެން ރިޕޯޓްކޮށްފައިވާ ކަމަށާއި އެ އެމްއެންޑީއެފާ ގުޅިގެން އެ ގެތަކުގެ ވެލި ބަސްތާ ޖެހުމުގެ މަސައްކަތްކުރަމުންދާ ކަމަށެވެ.

އަދި ބޮޑަށް ފެން ބޮޑުވެފައިވާކަމަށް ފާހަގަކުރެވޭ ސަރަހައްދުތަކުން ފެން ހިންދުމުގެ މަސައްކަތް ކަމާ ގުޅުން ހުރި ފަރާތްތަކާއެކު ކުރަމުންދާ ކަމަށެވެ. އެގޮތުން ބޯޒިޔާރާތް ސަރަހައްދުން އެމްއެންޑީއެފް ފެންހިއްކަމުންދާއިރު އަތޮޅު ކައުންސިލް ސަރަހައްދުން ފެން ހިއްކުމަށް އިތުރު ޕަމްޕެއް ބެހެއްޓުމުގެ މަސައްކަތް ސިޓީ ކައުންސިލާއި ފުލުހުން ގުޅިގެން ކުރަމުންދާ ކަމަށެވެ.

މޭޔަރު ވިދާޅުވީ، އިތުރަށް ވާރޭވެހި ފެންބޮޑުވެއްޖެނަމަ އެހެން ސަރަހައްދުތަކުންވެސް ފެން ހިއްކުމުގެ މަސައްކަތް ކުރާނެ ކަމަށެވެ. އަދި މީގެ އިތުރުން މޭޔަރު ވިދާޅުވީ، ބައެއް ގެތަކުގެ ދިޔަ ދޮވި ހޮޅި ނަރުދަމާ ނިޒާމަށް ގުޅާފައި ހުރުމުގެ ސަބަބުން އެ ސަރަހައްދުތަކުގެ ބައެއް ގޭބިސީތަކުގެ ފާހާނާ ތަށި ފެން ނުދިޔުމުގެ ޝަކުވާ ލިބެމުންދާ ކަމަށެވެ.

އެހެންވުމުން ދިޔަދޮވީގެ ފެން ނަރުދަމާ ނިޒާމަށް ނުގުޅުމަށް މޭޔަރު އިލްތިމާސްކުރެއްވި އެވެ.

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި މިއަދު އުތުރުގެ އަތޮޅުތަކަށް އޮރެންޖް އެލާޓްވެސް ނެރުނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355