twitterviber whatsapp telegramfacebookyoutube instagram
16th October 2025

ފެންބޮޑުވެ ގެއްލުންވެގެން 36 ގެޔަކުން ރިޕޯޓްކުރި

އަބްދުލް ވާހިދު ޙަސަން
Oct 16, 2025

ކުޅުދުއްފުއްޓަށް ރޭ ފަތިހުން ފެށިގެން ކުރަމުންދާ ބޯވިއްސާރައިގައި މިހާތަނަށް 36 ގޭބިސީއަކަށް ފެންވަދެ ގެއްލުވެގެން ރިޕޯޓްކުރިކަމަށް ސިޓީ ކައުންސިލުން ހާމަކޮށްފި އެވެ.

ކޭއޯއާ ވާހަކަދައްކަވަމުން މޭޔަރު މުހައްމަދު އާތިފް ވިދާޅުވީ، ވިއްސާރައާ ގުޅިގެން މިހާތަނަށް 36 ގޭބިސީއަކުން ރިޕޯޓްކޮށްފައިވާ ކަމަށާއި އެއްގެއިން މީހުން ދިރިނޫޅެވޭ ވަރަށް ގެއްލުވި ކަމަށެވެ. އަދި އެ ގޭބިސީގައި ދިރިއުޅޭ ފަރާތްތައް ވަގުތީ ހިޔާ ފޯރުކޮށްދިނުމުގެ މަސައްކަތްކުރަމުންދާކަމަށް މޭޔަރު ވިދާޅުވި އެވެ.

އަދި ވެލިބަސްތާ ފޯރުކޮށްދިނުމުގެ މަސައްކަތްކުރަމުންދާއިރު މިހާތަނަށް 10 ގޭބިސީއަކަށް ވެލިބަސްތާ ފޯރުކޮށްދީފައިވާއިރު އަވަސްކުރުމުގެ ގޮތުން ބައެއް ގޭބިސީތަކަށް ވެހި ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމުން އަމިއްލައަށް ވެލި ގެންގޮސް ބަސްތާ ޖަހަމުންދާކަންވެސް މޭޔަރު ފާހަގަކުރެއްވި އެވެ.

މޭޔަރު ވިދާޅުވީ، މިހާރު ފަސް ސަރަހައްދެއްގެ ޕަމްޕް ޖަހައިގެން ފެން ހިއްކުމުގެ މަސައްކަތްކުރަމުންދާ ކަމަށާއި މިވަގުތު ފެން ހިއްކުމަށް ބޭނުންކުރަމުންދަނީ ކައުންސިލްގެ ތިން ޕަމްޕަކާއި އެމްއެންޑީއެޕްގެ ޕަމްޕަކާއި އެމްއާރުސީގެ ޕަމްޕެއް ބޭނުންކޮށްގެން ކަމަށެވެ. އެ ޕަމްޕްތަކުގައި ޖެއްސުމުގައި ހަރަކާތްތެރިވަނީ ކައުންސިލާއި ޕޮލިހާއި އެމްއެންޑީއެޕް އަދި އާރުޑީސީގެ މުވައްޒަފުންކަން މޭޔަރު އާތިފް ފާހަގަކުރެއްވި އެވެ.

އަދި ވެލި ދޫކުރުމާއި ބަސްތާ ޖެހުމުގެ މަސައްކަތުގައި ޕަބުލިކް ވޯކްސްގެ މުވައްޒަފުން ހަރަކާތްތެރިވަމުންދާކަމަށްވެސް މޭޔަރު ވިދާޅުވި އެވެ.

ޕަމްޕް ޖަހައިގެން ހިއްކަމުންދަނީ ކަސްޓަމްސް ސަރަހައްދާއި، އަތޮޅު ކައުންސިލް ސަރަހައްދާއި ރަންވޭ ގޯތި ހިމެނޭ ސަރަހައްދާއި މަދީނާ ގޯތި ހިމެނޭ ސަރަހައްދުގެ އިތުރުން ފާހި ގޯތި ހިމެނޭ ސަރަހައްދުގަ އެވެ. ފެންބޮޑުވުމުގެ ހާދިސާއާ ގުޅިގެން އާންމުންނާއި އެކި އިދާރާތަކުގެ މުވައްޒަފުންގެ ފަރާތުން ލިބެމުންދާ އެހީތެރިކަން މޭޔަރު ފާހަގަކުރެއްވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355