ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންގެ ތެރެއިން ކޮރަޕްޝަނުގެ ތުހުމަތުވާ މުވައްޒަފުން ވަގުތުން ވަޒީފާއިން ވަކިކުރެވޭގޮތް ހެދުމަށް ސަރުކާރަށް ލަފާދިނުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ފާސްކޮށްފިއެވެ.
މާލިއްޔަތު ކޮމިޓީއަށް މިކަން ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމެވެ. އެގޮތުން، ކޮރަޕްޝަންގެ ތުހުމަތުވާ މުވައްޒަފުން ވަގުތުން ވަޒީފާއިން ވަކިކުރެވޭނެ ގޮތަށް ހެދުމަށްޓަކައި ދައުލަތުގެ ކުންފުނިތަކުގެ ހިއުމަން ރިސޯސަސް އޮނިގަނޑަށް ބަދަލު ގެންނަން ސަރުކާރަށް ލަފާދިނުމަށް އެމަނިކުފާނު ހުށަހެޅުއްވިއެވެ.
މަޖިލީހުގެ ނައިބު ރައީސް ވިދާޅުވީ މިހާރު އޮންނަ ގޮތުން ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ކޮރަޕްޝަނުގެ މައްސަލަތައް އޭސީސީއަށް ހުށަހަޅައި އެ ކޮމިޝަނުން ތަހުގީގުކޮށް ނިމެންދެން މުވައްޒަފުންނަށް މަގާމުގައި ތިބެވޭ ކަމަށެވެ. މީގެ ސަބަބުން ކުންފުނީގައި ކޮރަޕްޝަނަށް އިތުރު ފުރުޞަތުތައް ފަހިވާކަމަށް ނާޒިމް ވިދާޅުވިއެވެ.
އެހެންކަމުން، ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ހިންގާ ކަންތައްތައް ހުޓުވުމަށް އޭސީސީން ސަރުކާރަށް ހުށަހެޅޭ ކަންތައްތައް އަމަލީ ފިޔަވަޅު އެޅޭނެ ގޮތަށް ކުންފުނިތަކުން ހިއުމަން ރިސޯސް ޕޮލިސީ ބަދަލުކުރުން މުހިންމު ކަމަށްވެސް ނާޒިމް ވިދާޅުވިއެވެ. އަދި ކޮރަަޕްޝަނަށް ތުހުމަތުވާ މައްސަލައެއް އޭސީސީއަށް ހުށަހަޅައި ތަހުގީގަށް މުވައްޒަފެއް ހުށަހެޅޭ ހިސާބުން ކޮމިޝަނުން ސަރުކާރަށް އެކަން އެންގުމުން އެ މުވައްޒަފަކު ވަގުތުން ވަޒީފާއިން ވަކިކުރެވޭނެ ގޮތަށް ވަޒީފާގެ އޮނިގަނޑު ބަދަލު ގެންނަން ޖެހޭކަމަށް ނާޒިމް ވިދާޅުވިިއެވެ.
ނާޒިމްގެ ހުށަހެޅުއްވުމަށް ތާއީދު ކުރެއްވީ ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާއެވެ. ސަރުކާރަށް އެ ލަފާ ދިނުމަށް ފާސްކޮށްފައިވަނީ ކޮމިޓީ މެންބަރުންގެ އިއްތިފާގުންނެވެ.