ހއ އަތޮޅުގެ ރަށްތަކަށް އަމާޒުކޮށްގެން "ތިލައުތުރު ފުޓްސަލް މުބާރާތް" ނަމުގައި ފުޓްސަލް މުބާރާތެއް ހއ އަތޮޅު ކައުންސިލާއި ކެލާ ކައުންސިލާ ގުޅިގެން ބާއްވަން ހަމަޖައްސާ ބައިވެރިވުމަށް ހުޅުވާލައިފި އެވެ.
އެ އަތޮޅު ކެލާގައި ނަސްރުންގެ ދުވަހާ ގުޅުވައިގެން އަންނަ ނޮވެމްބަރު 3 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވަނީ ހއ އަތޮޅު ކޮންމެ ރަށަކުންވެސް އެ ރަށެއް ތަމްސީލުކުރާނެ އެއް ޓީމެކެވެ.
މިއީ އެ އަތޮޅުގެ ރަށްތަކުގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން ދަމަހައްޓައި އާލާކޮށް، އިޖްތިމާއީ ގުޅުން ބަދަހިކުރުމާއި ކުޅިވަރުގެ ރޫހު އާލާކޮށް ދެމެހެއްޓުމުގެ ގޮތުން އެ އަތޮޅު ކައުންސިލުން ކުރިއަށް ގެންދާ މުބާރާތެކެވެ.
މި މުބާރާތުގެ ޗެމްޕިއަން ޓީމަށް 30000 ރުފިޔާ، ރަނަރަޕް ޓީމަށް 15000 ރުފިޔާ އަދި ފެއާޕްލޭ ޓީމަށް 10000 ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން ވެސް ގިނަ ވަނަތަކެއް ހޮވައި އިނާމް ދިނުމަށް ވަނީ ހަމަޖެހިފައެވެ.
ޓީމް ލިސްޓްގައި ހިމަނާ ކުޅުންތެރިން އެ ރަށެއްގެ ކުޅުންތެރިއެއް ކަމަށް ބެލުމަށް ނިންމާފައި ވަނީ މި އަހަރުގެ ޖަނަވަރީ އެއްވަނަ ދުވަހުގެ ކުރިން އެ ރަށެއްގައި ރަޖިސްޓަރީ ކޮށްފައިވާނަމައެވެ.
އެ ކައުންސިލުން ބުނީ މުބާރާތުގައި ބައިވެރިވާ ކޮންމެ ޓީމަކުން ޓީމު ލިސްޓު ހުށަހެޅުމުގެ ކުރިން ޑިޕޮސިޓް ފައިސާގެ ގޮތުގައި 5000 ރުފިޔާ އެ ކައުންސިލަށް ދައްކަން ޖެހޭކަމުގަ އެވެ. އަދި މި ޑިޕޮސިޓް ފައިސާ މުބާރާތް ނިމުމުން ޓީމަކުން ޖޫރިމަނާ ފައިސާ ދައްކަން ޖެހޭ ނަމަ އެ ފައިސާ ކެނޑުމަށްފަހު މުބާރާތް އިންތިޒާމު ކުރާ ފަރާތުން ޓީމަށް އަނބުރާ ހަވާލުކުރާނެ ކަމަށެވެ.
މުބާރާތުގައި ބައިވެރިވާން ބޭނުންވާ ޓީމްތަކުން، މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމު ފުރިހަމަ ކުރުމަށްފަހު މި މަހުގެ 22 ވަނަ ދުވަހުގެ 12:00 ގެ ކުރިން އަތޮޅު ކައުންސިލަށް ހުށަހެޅުން ނުވަތަ އެ ކައުންސިލަސް މެއިލް ކުރުމަށް އެ ކައުންސިލުން ވަނީ އެދިފައެވެ. އަދި ކުޅުންތެރިން ރަޖިސްޓަރީ ކުރާ ފޯމް ފުރިހަމަ ކުރުމަށްފަހު އޮކްޓޯބަރ މަހުގެ 17 ވަނަ ދުވަހުގެ 12:00 ގެ ކުރިން އެ ކައުންސިލަށް ހުށަހަޅަން ޖެހެއެވެ.
ހއ.އަތޮޅު ކައުންސިލުން އިންތިޒާމް ކޮށްގެން "ތިލައުތުރު ފުޓްސަލް މުބާރާތް" ނަމުގައި ފުރަތަމަ މުބާރާތެއް ބާއްވާފައި ވަނީ 2022 ވަނަ އަހަރުއެވެ. މިއީ މި މުބާރާތް ބާއްވާ 3ވަނަ ފަހަރެވެ. އެ މުބާރާތް ކުޅުނީ އުތީމުގައެވެ. އެ މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ފިއްލަދޫއިންނެވެ. މިދިޔަ އަހަރު މުބާރާތް ކުޅުނީ މަރަންދޫގައެވެ. މުބާރާތް ކާމިޔާބުކުރީ ވަށަފަރުންނެވެ.