ހުޅުމާލެ ދެވަނަ ފިޔަވަހީގައި އުރީދޫ އެކްސްޕީރިއަންސް ސެންޓަރެއް ހުޅުވައިފި އެވެ.
އުރީދޫ މޯލްޑިވްސް އިން ބުނީ އެސެންޓަރަކީ ހުޅުމާލެ ދެވަނަ ފިޔަވަހި ސަރަހައްދުގެ ކަސްޓަމަރުންނަށް ފަސޭހައިން ހިދުމަތް ދިނުމަށްޓަކައި ތައްޔާރުކޮށް ހުޅުވި ސެންޓަރެކެވެ.
އުރީދޫގެ އެހެން އެކްސްޕީރިއަންސް ސެންޓަރުތަކުންވެސް ލިބޭ ހުރިހާ ހިދުމަތާއި އެހީތެރިކަން މި ސެންޓަރުން ލިބޭނެ ކަމަށް އެ ކުންފުނިން ބުނެ އެވެ. މި އެކްސްޕީރިއަންސް ސެންޓަރު ހުޅުވީ ވިނަރެސް ފްލެޓްގެ ވީ6-ޖީ-03 ގަ އެވެ.
ކަސްޓަމަރުންގެ ތަޖުރިބާ ރަނގަޅުކޮށް ހިދުމަތްތަކުގެ މައުލޫމާތު ފަސޭހައިން ފޯރުކޮށް ދިނުމަށްޓަކައި އުރީދޫއިން ކުރަމުންދާ މަސައްކަތުގެ ދަށުން ހުޅުވި މި އެކްސްޕީރިއަންސް ސެންޓަރުން ސިމްކާޑު ރަޖިސްޓްރީ ކުރުމާއި ބިލަށް ފައިސާ ދެއްކުމާއި ޑިވައިސް ގަތުމާއި ޕާސަނަލައިޒްޑް ކަސްޓަމާ ސަޕޯޓް ފަދަ ހިދުމަތްތައް ފުޅާ ދާއިރާއެއްގައި ފޯރުކޮށްދޭނެ އެވެ.
މި ސެންޓަރަކީ އެންމެ ފަހުގެ ޓެކްނޮލޮޖީއާއެކު ކަސްޓަމަރުންނަށް ބޭނުންވާ ޓެލެކޮމިއުނިކޭޝަން ބޭނުންތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ތައްޔާރަށް ތިބި ތަމްރީނު ލިބިފައިވާ ފަންނުވެރިންގެ ޓީމަކުން މަސައްކަތްކުރާ ސެންޓަރެކެވެ.
އާ ސެންޓަރަކީ އިން ޕާސަން ހިދުމަތް ދިނުމުގެ އިތުރުން އުރީދޫގެ ޑިޖިޓަލް ޕްލެޓްފޯމްތައް ބޭނުންކުރުމަށް ކަސްޓަމަރުންނަށް އިރުޝާދު ދީ، އެމް-ފައިސާ މޮބައިލް ޕޭމަންޓް، އުރީދޫ އެޕް ބޭނުންކުރާނެގޮތް ކަސްޓާމަރުންނަށް ކިޔާދޭނެ ތަނެކެވެ.
މި އެކްސްޕީރިއަންސް ސެންޓަރު ހުޅުވާފައި ހުންނާނީ ހޮނިހިރު ދުވަހުން ފެށިގެން ބުރާސްފަތި ދުވަހަށް ހެނދުނު 0900 - 1200 އަދި މެންދުރުފަހު 1:00 އިން ހަވީރު 4:00 އަށެވެ.