ސްކޫލްތަކުގައި އިތުރު ހަރަކާތްތަކުގައި އުޅޭ ކުދިންގެ ކޮންފިޑެންސް (ކެރުންތެރިކަން) އެފަދަ ހަރަކާތްތަކުގައި ނޫޅޭ ކުދިންނަށްވުރެ ވަރުގަދަކަން ފާހަގަކުރެވިފައިވާކަމަށް ކުޅުދުއްފުށީ މޭޔަރު މުހައްމަދު އާތިފް ވިދާޅުވެއްޖެ އެވެ.
އަފީފުއްދީން ސްކޫލްގެ 'ފޭމް ނައިޓް' ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މޭޔަރު ވިދާޅުވީ، ކިޔެވުމުން ކުއްޖާގެ ސިކުނޑި ތައްޔާރުކުރުމަށް އެހީތެރިވެދޭ ކަމަށާއި އެކަމަކު ސްކޫލް ނިންމާ އާންމު ދިރިއުޅުމަށް ކުއްޖާ ނުކުންނައިރު އިތުރު ހަރަކާތްތަކުގެ އުޅޭ ކުދިންގެ ފަރާތުން ތަފާތު ކަމެއް ހާއްސަކޮށް ފާހަގަކުރެވޭ ކަމަށެވެ.
އެގޮތުން މޭޔަރު ވިދާޅުވީ، އެފަދަ ކުދިން މުޖުތަމައުގައި އުޅެން ފަރިތަވުމާއި މުއާމަލާތްކުރުމުގައި އެހެން ކުދިންނަށްވުރެ ފަރިތަކަށެވެ. އަދި އެ ދަރިވަރުންގެ ކޮންފިޑެންސް ވަރުގަދަކަން މޭޔަރު ފާހަގަކުރެއްވި އެވެ.
"އެކޮންފިޑެންސް އަކީ ކޮންމެ ކަމެއް ކުރުމުގައިވެސް އެންމެ މުހިންމު ކަންތައް. ދިރިއުޅުގައިވިޔަސް މުބާރާތުގައި ކަމަށްވިޔަސް ކޮންފިޑެންސްއަކީ އެންމެ މުހިންމު އެއްކަންތައް، އަޅުގަނޑުމެން ގައިގަ އަށަގަންނަވަންޖެހޭ."
އިތުރު ހަރަކާތްތަކުގައި އުޅޭ ކުދިންގެ ޓީމު ވޯރކާއި ޓައިމް މެނޭޖްކުރުމާއި އާންމު ދިރިއުޅުމުގައި މަސައްކަތުގެ ވަގުތާއި ޖިސްމާނީ ދުޅަހެޔޮކަމުގައި ހޭދަކުރަން ޖެހޭ ވަގުތުގެ އިތުރުން ނަފުސު ތަރައްގީކުރަން ޖެހޭ އިލުމް ހޯދުމަށް ދޭން ޖެހޭ ވަގުތު އެފަދަ ކުދިންނަށް ދަސްވެފައި ހުންނަ ކަމަށެވެ.
މޭޔަރު ވިދާޅުވީ، އިތުރު ހަރަކާތްތަކުގެ ސަބަބުން ދަރިވަރުންގެ ގައިގާ މުހިންމު ހުނަރުތަކެއް އަށަގަންކަން ތަފާތު އެކި ހޯދުންތަކުން އެނގޭ ކަމަށެވެ.
ދިރިއުޅުމުގައި އަބަދުވެސް ކުރިއަށް ފޯކަސްކޮށް، ކުރިއަށްއޮތްތަނުގައި ރަނގަޅު ކުރެވޭނެ ކަންތައްތައް ބަލައި އެމަގުން ކުރިއަށް ދަތުރުކުރުމަށް މޭޔަރު ނަސޭހަތްތެރިވި އެވެ.
" ހަނދާނުގައި ބަހައްޓާތި ކާމިޔާބީގައި އެވޯޑުތަކެއް އެއްފަހަރު ހާސިލުކުރުމެއް ނޫން ކާމިޔާބީއަކީ. އެކާމިޔާބީ ތަކުރާރުކޮށް ދެމެހެއްޓޭނެ ގޮތަކަށް ކުދިން މަސައްކަތް ކުރުން ހަގީގަތުގައި ކާމިޔާބީއަކީ."
ކިތަމެއް މަތީ ފާހެއް ލިބި ކިތަށްމެ މޮޅު މަގާމެއް ލިބުނުކަމުގައިވިޔަސް އަބަދުޗެސް އަނެއްކާއަށް އިހްތިރާމްކުރުމަށް ހަނދާނުގައި ބެހެއްޓުމަށް މޭޔަރު އެދިލެއްވި އެވެ.