ކުޅުދުއްފުށީ އަންހެނުން ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީން ފަހާ ކޯހެއް ބާއްވަން ނިންމާ ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
ކުޅުދުއްފުށިގައި ދިރިއުޅޭ 18 އަހަރުން މަތީގެ އަންހެނުނަށް ހާއްސަކޮށްގެން ހިންގަން ހަމަޖެހިފައިވާ މި ފަހާ ކޯހަކީ 1 މަސްދުވަހުގެ މުއްދަތަށް ކުރިއަށްދާ ކޯހެކެވެ.
ކުޅުދުއްފުށިގައި ފަހަން އެނގޭ ގިނަ ކަނބަލުންތަކެއް އުފައްދާ އެފަރާތްތަކަށް އާމްދަނީއެއް ލިބޭނެ މަގު ތަނަވަސްކޮށް ދިނުމުގެ މަގުސަދުގައި ހިންގަން ހަމަޖެހިފައިވާ މި ކޯހުގައި ލެވެލް 1 ން އެޑްވާންސް ލެވެލްއަށް ކިޔަވާދޭނެކަމަށާއި ކޯހުގެ ބައިވެރިވުމުގެ ފުރުސަތު ދޭން ހަމަޖެހިފައިވަނީ ބައިވެރިވާ ފަރާތްތަކުގެ ތެރެއިން ގުރުއަތުން ނެގޭ 30 ފަރާތަކަށެވެ.
މި ކޯހުގައި ކިޔަވައިދިނުމަށް ހަމަޖެހިފައިވަނީ ހާފް ޓެއިލާސް ޓްރެއިނިސް ސެންޓަރގެ ފަރާތުން ހަފްސާ އާދަމް އެވެ. މިއީ މި ދާއިރާއިން 24 އަހަރުގެ ތަޖުރިބާ ލިބިފައިވާ ފަރާތެކެވެ. އަދި ޓްރެއިނިން ސެންޓަރެއްގެ ގޮތުގައި ފަހާ ކޯސް ހިންގާ ފަރާތެކެވެ.
28 އޯގަސްޓްގެ ހެނދުނު 10:00ގައި ސުންގަޑި ހަމަވާ މި ކޯހުގައި ބައިވެރިވެވޭނީ އެކޮމިޓީން އާންމުކޮށްފައިވާ ގޫގުލް ފޯމު މެދުވެރިކޮށެވެ. މި ކޯސް ފަށަން ހަމަޖެހިފައިވަނީ އޯގަސްޓް ފަހު ކޮޅު ނުވަތަ ސެޕްޓެމްބަރު މަހިގެ ކުރީ ކޮޅުއެވެ.
މި ކޯހަކީ ބައިވެރިންގެ އަތުން އެއްވެސް ފީއެއް ނުނަގާ ހިންގުމަށް ހަމަޖެހިފައިވާ ކޯހެކެވެ. ކޯހުގައި ފެހުމަށް ބޭނުންކުރާ ފަހާ ފޮށިވެސް ކޯސް ހިންގާ ފަރާތުން ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާއިރު ބައިވެރިން ހަމައެކަނި ހޯދަން ޖެހެނީ ފަހަން ބޭނުންވާނެ ފޮތި އެކަންޏެވެ.
ކޯސް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ ގުރުއަތުން ނެގޭ ބައިވެރިންނާ މަޝްވަރާކުރުމަށްފަހު ގިނަ ފަރާތްތަކަށް ފަސޭހަ ގަޑިތަކަކަށް ބަހާލައިގެނެވެ.