twitterviber whatsapp telegramfacebookyoutube instagram
19th September 2024

ހިޔާލު: ރައްޔިތުން ވާންވާނީ ސިޔާސީ ބަޔަކަށް

Aug 28, 2024
1

އަޅުގަނޑުގެ އުމުރުން މިހާރު ތިރީހާ ގާތްކުރަނީއެވެ. ކަން ދިމާކުރިގޮތުން އަޅުގަނޑަށް މިހާތަނަށް ފެނުނު އަދި ތަޖުރިބާ ކުރަން މިލިބުނު އަހަރުތަކަކީ ރާއްޖެއަށް އިންގިލާބީ ބޮޑެތި ބަދަލުތަކެއް އައި އަހަރުތަކެކެވެ. ރައީސް މަޢުމޫން ކުރެއްވި "ކޮންސަރވެޓިވް" ވެރިކަމުގެ ފަހު އަހަރުތަކާއި، ޤައުމަށްއައި ބޮޑެތި ސިޔާސީ ލޮޅުންތަކާއި، މަލްޓި-ޕާޓީ ނިޒާމް ތަޢާރަފްވީތަނާއި، ޤާނޫނު އަސާސީއަށް ބޮޑެތި ބަދަލުތަކެއް ގެނެވުނު ތަނާއި، ފުރަތަމަ ޑިމޮކްރެޓިކް އިންތިހާބު ބޭއްވިގެން ދިޔަތަނާއި، 30 އަހަރުވީ ވެރިކަމެއް ފުރޮޅިގެން ދިޔަތަނާއި، ދެން އައި އެތައް އެތައް ރައީސުންނަކާއި ސަރުކާރުތަކެއްވެސް ފެނިއްޖެއެވެ. ތެދު ތެދަށް ބުނާނަމަ، މާގިނައިންވެސް ސަރުކާރު ބަދަލުވާތަން ފެނިއްޖެއެވެ.

އެކަމަކު ޑިމޮކްރަސީއެއްގެ ރީތިކަމަކީ އެއީތާއެވެ. ތިރީސް އަހަރުވީއިރު ގުޑައިނުލި ވެރިކަން ގުޑުވާލަން ޖެހުނީވެސް އެހެންވެތާއެވެ. ޤައުމަށް ޑިމޮކްރަސީއެއް ގެނައީ ރައްޔިތުން ސިޔާސީ ގޮތުން ބުނަން ބޭނުންވާ ކޮންމެ އެއްޗެއް ބުނުމުގެ ހައްޤު ހޯދައިގަތުމަށެވެ. ޚިޔާލުފާޅުކުރުމާއި، އެއްވެއުޅުމުގެ މިނިވަންކަން ހޯދައިގަތުމަށެވެ. ރައްޔިތުން ބޭނުންވެއްޖެނަމަ ވެރިކަމުގެ ދައުރު ނިމުމުން ނުކުމެ، މިނިވަން، އިންސާފުވެރި އިންތިހާބެއްގައި ވޯޓުލައިގެން ވެރިކަން ފުރޮޅާލުމުގެ ބާރު ލިބިގަތުމަށެވެ. ނޫސްވެރިންނަށް މިނިވަންކަމާއެކު ސަރުކާރުގެ މަސައްކަތްތަކަށް ފާރަވެރިވެ، ލިޔެއުޅުމުގެ ބާރު ކަށަވަރުކުރުމަށެވެ. އަދި ޤައުމުގައި ހިނގާ ވެރިކަމަކީ ރައްޔިތުން ބޭނުންވާގޮތަށް ހިނގާ ވެރިކަމެއްކަން ކަށަވަރުކުރުމަށެވެ. ބަޔަކު މެދުނުކެނޑި އެކިގޮތްގޮތުން ކުރިމަތި ކުރުވި ފިއްތުންތަކާއި ކުރި މިންނެތް މަސައްކަތުން ރާއްޖެއަށް މިގެނެވުނު ޑިމޮކްރަސީގެ ސަބަބުން ރައްޔިތުންނަށް ކިތަންމެހާވެސް ގިނަ ބާރުތަކަކާއި މިނިވަންކަމެއް ލިބިދީފިއެވެ. ނަމަވެސް މި ބާރުތަކަކީ ރައްޔިތުންނަށް ހިލޭ ލިބިދެވޭ އެއްޗެއްކަމަކަށް އަޅުގަނޑު ނުދެކެމެވެ.

ޑިމޮކްރަސީއަކުން ރައްޔިތުންނަށް ލިބިދެވޭ ބާރުތަކުގެ ބަދަލުގައި ރައްޔިތުން ދައްކަންޖެހޭ އަގަކީ، އެބާރުތަކާއި ވިއްދައިގެން ރައްޔިތުންގެ ބޮލުގައި އެޅޭ ބުރަ، ބޮޑެތި ޒިންމާތަކެވެ. ވޯޓުލާން ނުކުތުން އެއީ އެންމެ އަސާސީ ޒިންމާއެވެ. އެއަށްވުރެ ފުނަށް ވިސްނާއިރު، ޤައުމު ހިނގާ މިސްރާބު ބައްޓަންކުރުމުގެ ޒިންމާއެވެ. ޤައުމު ހިންގުމަށްޓަކައި ތަޚުތަށް އިސްކުރެވޭ ވެރިންގެ ގޮތްފާޑު ދެނެގަނެ، އެއީ ކަމަށް ޤާބިލުބައެއްކަން ކަށަވަރުކުރުމުގެ ޒިންމާއެވެ. ސިޔާސީ ގޮތުން ނިންމާ ނިންމުންތަކާއި ދައްކާއުޅޭ ވާހަކަތަކުގެ ދެކޮޅު ބެލުމާއި، ތެދު ހަޤީގަތް ކަށަވަރުކުރުމުގެ ޒިންމާއެވެ. ނޫސްވެރިން ދަޢުލަތަށް ފާރަވެރިވާ އުޞޫލުން، ނޫސްވެރިންނާމެދު ފާރަވެރިވުމުގެ ޒިންމާއެވެ.

އަޅުގަނޑުގެ ހިތާއި އެންމެ ގާތުން އޮތް ލާމަރުކަޒީ ނިޒާމުގެ ތެރޭގައި ރައްޔިތުންނަށް މިބުނާ ޒިންމާތައް އަދާކުރެވެނީ ކިހާވަރަކަށްކަން ވަޒަންކޮށްލެވޭތޯ ބަލާނަމެވެ. ލާމަރުކަޒީ ނިޒާމެއްގެ ރޫހަކީ ޑިމޮކްރަސީއާއި ގުޅި ލާމެހިފައި އޮންނަ އެއްޗެކެވެ. މި ދެ ނިޒާމުންވެސް ކުރަނީ ދާދި އެއްކަހަލަ މަސައްކަތެކެވެ. ރައްޔިތުންގެ އަތްމައްޗަށް ގިނަ ބާރުތަކެއް ގެނެސްދިނުމުގެ މަސައްކަތެވެ. ޒަމާނުއްސުރެ މާލޭގައި ތިބި ބައެއްގެ މުށުތެރޭގައި މަރުކަޒު ވެފައިހުރި އެތައް ބާރުތަކެއް ރައްޔިތުން އިންތިޙާބުކުރާ، ރައްޔިތުންނާއެކު ރަށުގައި ޤާއިމުވެ ތިބޭ ބަޔަކަށް ދިނުމުގެ މަސައްކަތެވެ. ދަޢުލަތުން ކަނޑައަޅާ ބަޖެޓް ރަށަށް އެންމެ ފައިދާހުރި ގޮތަކަށް ހޭދަކުރުމާއި، ރަށުގެ ކަންކަން ތަރުތީބުކުރާނެ ގޮތުގެ އުޞޫލުތަކާއި ގަވާއިދުތައް އެކުލަވާލުމާއި، ރަށުގެ ބިނާވެށްޓާއި ތަރައްޤީ ބައްޓަންކުރުމާއި، ރަށްތައް މާލީގޮތުން މައި ދަޢުލަތަށް ބަރޯސާވާން ޖެހޭ މިންވަރު ކުޑަކޮށް، މާލީ ގޮތުން ބާރުވެރިވުމަށް ކުރެވެންހުރި ކޮންމެ ކަމެއް ކުރުމުގެ ބާރު ހޯދައިދިނުމުގެ މުހިއްމު މަސައްކަތެވެ.

ރައްޔިތުންގެ މަސައްކަތަކީ އަދި ޒިންމާއަކީ، ލާމަރުކަޒީ ނިޒާމުގެ ތެރެއިން ރަށްތަކުގައި އުފެދިފައިހުރި ކައުންސިލްތަކަށް މަގުދައްކައި ދިނުމެވެ. ކައުންސިލްތަކުން ކުރާ މަސައްކަތްތައް ބަލާ، އެކަންކަމަށް ގޮތްކިޔުމެވެ. ސުވާލު ކުރުމެވެ. ޖަވާބުދާރީ ކުރުވުމެވެ. މިމަސައްކަތް ރައްޔިތަކު ކުރަން އުޅެފިނަމަ ކިތަންމެ ރަނގަޅަކަށްވެސް ކުރެވޭނެ މަގު ޤާނޫނުތަކުން އޮތީ ފަހިކޮށްދީފައެވެ. ކައުންސިލުން ކުރާ މަސައްކަތްތައް ކިޔައިދިނުމަށްޓަކައި ރައްޔިތުންގެ ބައްދަލުވުންތައް ބޭއްވުމާއި، ކޮންމެ އަހަރެއްގެ ފުރަތަމަ 06 މަސްދުވަހުގެ ރިޕޯޓް ނެރުމާއި، އަހަރީ ރިޕޯޓް ނެރުމާއި، ކޮންމެ 02 މަހަކުން ކައުންސިލުން އެކުލަވާލާފައިވާ ތަރައްޤީގެ ޕްލޭނަށް ޢަމަލީ ސިފަ އަންނަމުންދާ ގޮތުގެ ރިޕޯޓް ނެރުމާއި، ކައުންސިލުން ހުޅުވާލާ ބީލަންތަކާއި، ކުރިއަށްގެންދާ ޕްރޮކިއުމަންޓްތަކުގެ މަޢުލޫމާތު އާންމުކުރުމާއި މިހެން ގޮސް ކައުންސިލްތަކުން ރައްޔިތުންނަށްޓަކާ ކިތަންމެ ކަމެއް ކުރަން ލާޒިމުކޮށްފައި އެބަހުއްޓެވެ. ކުރަންވެސް ކުރޭމެއެވެ.

އެކަމަކު، އަޅުގަނޑަށް ސޯޝަލް މީޑިޔާގެތެރޭގައި ރައްޔިތުން ހަރަކާތްތެރިވެ އުޅޭގޮތަށް ބަލާލުމުން ފެންނަނީ ވަރަށް ފާޑެއްގެ މަންޒަރެކެވެ. ކައުންސިލުން ބާއްވާ ރައްޔިތުންގެ ބައްދަލުވުންތަކުގެ ފޮޓޯތައް ބަލާލާފައި އެބަލާ މީހަކުވެސް ލަދުގަންނަވަރުވެއެވެ. ކައުންސިލުން ހިންގާ ހުރިހާ ހަރަކާތެއް ސޯޝަލް މީޑިޔާގައި އާންމުކޮށް ރިޕޯޓްތަކުގައި ލިޔެގެން ނެރުނަސް، ރައްޔިތުންނަށް ކައުންސިލުން ކުރާ މަސައްކަތްތަކާއި އަދާކުރާ ޒިންމާތައް އަދިވެސް އޮޅުމަކުން ނުފިލައެވެ. އަޑު އިވެނީ ބީލަންތަކާއި ގުޅޭގޮތުން އާންމުކުރާ މަޢުލޫމާތަށް އެއްވެސް ވަރަކަށް ރިޢާޔަތްކުރުމެއްނެތި، ހިތު ލަފައެއްގެ މައްޗަށް ކައުންސިލުން މިވެނި ކަމަކަށް މިވެނި އަދަދެއް ޚަރަދުކޮށްފިޔޭ ބުނާ އަޑެވެ. ކުޑަމިނުން ކައުންސިލްތަކުން އެބައިމީހުންގެ ވޯރކްޕްލޭންތަކާއި ތަރައްޤީގެ ޕްލޭންތަކުގައި ކަނޑައަޅާފައިހުރީ ކޮން ލަނޑުދަނޑިތަކެއް ކަމެއްވެސް ބަލާލާނެ ބަޔަކު ނެތް ކަހަލައެވެ. އެކަމަކު ކައުންސިލްއާއި ދެކޮޅަށް ބަހެއް ބުނެލަން ރައްޔިތުން ތިބެނީ ކެތްމަދުވެފައެވެ. ކައުންސިލުން ކުރާ އިޢުލާނަކާއި ގުޅުވައިގެން ޖަހާ ޕޯސްޓް ބަލާލާފައި ނިކަން ރުޅިއައިސްގެން ކޮމެންޓްކޮށް ސުވާލު އުފައްދަފާނެއެވެ. ނަމަވެސް ފުރިހަމަ އިޢުލާން ކިޔާލަން އޮންނަ ލިންކަށް އޮބާލައިގެން އެކުރި ސުވާލުގެ ޖަވާބު ލިބެންހުންނަ މަންޒަރު ފެންނަނީ މަދެއްކޮށެއް ނޫނެވެ.

އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި އެއީ އަދި ރައްޔިތުންނަށް ރަނގަޅަށް ސިޔާސީ ބަޔަކަށް ނުވެވެނީއެވެ. ޑިމޮކްރަސީއިން އައިސް ރައްޔިތުންގެ ބޯމައްޗަށް ވައްޓާލި ޒިންމާތައް އަދި ނުއުފުލެނީއެވެ. ރައްޔިތުންނަށް ބަސްބުނުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމެއް އަދި ލިބުނަކަސް، ކަންކަމުގެ ހަޤީޤަތް އޮޅުން ނުފިލުވާ، އެކި ސިޔާސީ ފިކުރުތަކުން ދައްކާ ވާހަކަތައް ރަނގަޅަށް އަޑުނާހާ، ކުރަންޖެހޭ ދިރާސާތައް ނުކޮށް، ކިޔަންޖެހޭ ލިޔުންތައް ނުކިޔާ، ކަންކަމާއިމެދު ދެކޭގޮތްކަމަށް ބުނެ ފާޅުކުރާ ޚިޔާލަކީ ވަރަށް މާނައެއް ނެތް ބޭކާރު އެއްޗެކެވެ. ތިމާގެ ގައިގައި ވަކި ސިޔާސީ ކުލައެއް ޖެހިފައިހުރުމަކީ، އެކުލައިގައި ތިބި އެހެން މީހުން ޖަހާހާ ބެރަކަށް ނަށަންޖެހުމެއް ނޫނެވެ. ދައްކާހާ ވާހަކައެއް ޤަބޫލުކުރަންޖެހުމެއް ނޫނެވެ. ތިމާގެ ޚިޔާލުތަކާއި، ވިސްނުންތައް ބައްޓަންކުރަންވާނީ ތިމާ އަމިއްލައަށެވެ. ކަމަކާއިމެދު ފާޅުކުރާ ވަރުގެ ޚިޔާލެއް ހުރި ރައްޔިތަކުނަމަ، އެމީހާ ވާންވާނީ އަމިއްލަ ވިސްނުމާއި، އަމިއްލަ ދިރާސާތަކުގެ މައްޗަށް ބިނާކޮށް އެކަމަކާއިމެދު އަމިއްލައަށް ދެކޭ ވަކިގޮތެއް ދެނެގަނެވޭނެ ވަރުގެ މީހަކަށެވެ.

ޚަބަރުތަކުގައި އެބުނާ އެފް.ޓީ.އޭގެ ވާހަކަ މިސާލަކަށް ބަލަމާ ހިނގާށެވެ. ސަރުކާރުން ބޭނުންވަނީ ޗައިނާއާއި އެކު ފްރީ ޓްރޭޑް އެގްރީމެންޓެއް ނުވަތަ މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް އެކުލަވާލައިގެން އެއަށް އަމަލުކުރަން ފަށާށެވެ. ސަރުކާރުން ދައްކާ ވާހަކައަކީ، ރާއްޖެއިން މި އެކްސްޕޯޓްކުރާ މަހަށް އިތުރު މާރކެޓެއް ލިބިގެންދާނެ ވާހަކައެވެ. ދިވެހިންގެ އަތުން ޑިއުޓީގެ ގޮތުގައި އިތުރު ޚަރަދުތަކެއް ނުގޮސް ފަސޭހައިން ޗައިނާއަށް އެކްސްޕޯޓް ކޮށްލެވޭނެ ވާހަކައެވެ. މީގެން ޗައިނާއަށްވުރެ ބޮޑަށް ރާއްޖެއަށް ފައިދާކުރާނެ ވާހަކައެވެ. އެތަށް އެތަށް ބާވަތެއްގެ މަސް ޗައިނާއަށް އެތެރެކުރެވޭނެ ކަމުގެ ވާހަކަތަކެވެ.

އިދިކޮޅު ޕާޓީގައި ތިބި މީހުން އާދައިގެ މަތިން ދައްކަނީ އެއާއި މުޅިން އިދުކޮޅު ވާހަކަތަކެކެވެ. ޗައިނާއަކީ މަސް އިމްޕޯޓްކުރަންޖެހޭ ބައެއްވެސް ނޫންކަމަށެވެ. އަޅުގަނޑުމެން އެމީހުންނަށް ވިއްކަން މިއުޅޭ މަހަކީ އެމީހުން ގަންނާނެވެސް އެއްޗެއް ނޫންކަމަށެވެ. މި އެއްބަސްވުމުގެ ސަބަބުން ރާއްޖެއަށް މުދާ އިމްޕޯޓްކުރަން ބަލާއިރު، ހުރިހާ މުދަލެއް ޗައިނާއިން ގެނައުމުން ވާ ފައިދާ ބޮޑުވެގެން ދިޔަދިޔައީނުން ރާއްޖެއާއި އެހެން ޤައުމުތަކާއި ދެމެދު ޤާއިމުވެފައިހުރި ޓްރޭޑް ލިންކްތައް މުޅިން ފުނޑިގެން ދާނެ ވާހަކައެވެ. މުޅި އިޤްތިޞާދު ޗައިނާއިން އެތެރެކުރާ މުދަލަށް ބަރޯސާވާން ޖެހޭނެ ވާހަކައެވެ. މީގެ ފައިދާ ރާއްޖެއަށްވުރެ މާބޮޑަށް ޗައިނާއަށް ކުރާނެ ވާހަކައެވެ.

އަޅުގަނޑަކަށް މައްޗަށް ބަހައްޓަންވީކޮޅެއް ނޭނގުނެވެ. ޤަބޫލުކުރަންވީ ކޮން ވާހަކައެއް ކަމެއް ނޭނގުނެވެ. އެކަމަކު ޗައިނާއިން މިހާރު އިމްޕޯޓްކުރަނީ ކިހާ މަހެއްކަމާއި، ކޮންކޮން ބާވަތްތަކެއްކަމާއި، ކޮންކޮން ޤައުމުތަކަކުން ކަމާއި، ޗައިނާއިން އެކްސްޕޯޓްކުރަނީ ކިހާ މަހެއްކަމާއި، ޗައިނާއިން މިހާރު ރާއްޖެއަށް ގެންނަނީ ކިހާ މުދަލެއްކަމާއި، ރާއްޖެއިން އެކި ޤައުމުތަކަށް އެކްސްޕޯޓްކުރަނީ ކިހާ މަހެއްކަން ބަލާލުންވީ ގޫގުލްއަށް ވަރަށް ފަސޭހަކަމަކަށެވެ. މިލިބުނު މަޢުލޫމާތުގެ އަލީގައި އަޅުގަނޑު އަމިއްލައަށް ހިސާބު ޖަހާލީމެވެ. ޗައިނާއަކީ އެތެރެ ކުރާ ވަރަށް ވުރެ މާގިނައިން މަހުގެ ބާވަތްތައް ބޭރުކުރާ ބައެކެވެ. އެމީހުން އެތެރެކުރާ މަދު މަސްކޮޅު އެތެރެކުރަންވެސް އެފް.ޓީ.އޭތަކުގައި މިހާރުވެސް ސޮއިކޮށްގެން ތިބި ޓްރޭޑް ޕާރޓްނަރުން އެބަތިއްބެވެ. އަދި ޗައިނާއިން ރާއްޖެއަށް ކޮންމެ އަހަރަކު އެތަން މިލިއަން ޑޮލަރެއްގެ މުދާ އެބަ އެތެރެކުރެއެވެ.

އަޅުގަނޑަށް ވިސްނުނު ގޮތުގައި، ރާއްޖެއިން ޗައިނާއަށް ވިއްކަން މިއުޅޭ މަސްކޮޅު ގަންނާނެ ބޭނުމެއް ޗައިނާއަށް ނެތްތަނުގައި، ރާއްޖެއަށް ޗައިނާއިން މިއެތެރެކުރާ މުދަލުން ޑިއުޓީގެ ގޮތުގައި ލިބޭ އެތައް މިލިއަން ޑޮލަރެއްވެސް ގެއްލިގެން ދާނެއެވެ. ވިޔަފާރިވެރިން ޗައިނާއިން އެތެރެކުރާ މުދަލުގެ އަގު ހެޔޮވުމުގެ ސަބަބުން، އެހެން ޤައުމުތަކުން އެތެރެކުރާ ބާވަތްތަކުގެ މުދާވެސް ޗައިނާއިން އެތެރެކުރަންފަށާނެއެވެ. އެހެން ޤައުމުތަކުން ޑިއުޓީގެ ގޮތުގައި ލިބޭ އާމްދަނީވެސް ދާނީ ގެއްލިގެންނެވެ.

އަޅުގަނޑު މިކުރި ކުޑަކުޑަ ދިރާސާއަކީ ވަރަށް ސިޔާސީ މަސައްކަތެކެވެ. އެފް.ޓީ.އޭގެ މައްސަލައިގައި ޖެހޭނެ ކޮޅެއް މި ނިންމީ އަޅުގަނޑު އަމިއްލައަށެވެ. އަޅުގަނޑު ނިންމި ނިންމުމަށް ބާރު ލިބޭވަރަށް ހެކިވެސް ހޯދައިގެންނެވެ. އަޅުގަނޑަށް ޑިމޮކްރަސީއެއްގައި ރައްޔިތުންނާއިމެދު ކުރެވެނީ މި އުއްމީދެވެ. ކަންކަމުގައި ދެކޮޅު ބެލުމުގެ އުއްމީދެވެ. ވަކި އަތަކަށް މާބޮޑަށްނުޖެހި، މިނިވަންކަމާއިއެކު ވިސްނާ ފިކުރުކޮށް، ދިރާސާކޮށްގެން ބަސްބުނުމުގެ އުއްމީދެވެ. ޤައުމުގައި ކަންތައްތައް ހިނގާ ނުހިނގާގޮތް ދެނެގަތުމަށް ޝައުޤުވެރިކަމެއް ގެންގުޅުމުގެ އުއްމީދެވެ. ޑިމޮކްރަސީއިން ލިބިދީފައިހުރި ހައްޤުތަކާއި ލާމަރުކަޒީ ނިޒާމުން ހޯދައިދީފައިހުރި ފުރުޞަތުތަކުގެ ބޭނުން ހެޔޮގޮތުގައި، ޒިންމާދާރުކަމާއިއެކު ހިފުމުގެ އުއްމީދެވެ. ރައްޔިތުން ނިކަން ސިޔާސީ ބަޔަކަށްވުމުގެ އުއްމީދެވެ.

ލިޔުނީ: ނޫނުހާ
Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355