ދައުލަތުގެ ބައެއް ކުންފުނިތައް އެއްކޮށްލުމާގުޅޭ މުހިންމު ނިންމުންތަކަކާގުޅޭގޮތުން މިއަދުގެ ކެބިނެޓު ބައްދަލުވުމުގައި މަޝްވަރާކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މިއަދުގެ ކެބިނެޓު ބައްދަލުވުމުގެ ކުރިން، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ބަސްދީގަތުމެއް ސޯޝަލް މީޑިއާގައި ހިއްސާކުރައްވާފައެވެ.
ކެބިނެޓު ބައްދަލުވުމާއި ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވީ، ކެބިނެޓުގައި މިއަދު މަޝްވަރާކުރައްވާނެ އެންމެ މުހިންމު އެއްކަމަކީ ރީޖަނަލް އެއަރޕޯޓްސް ކުންފުނި، މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް، އެމްއޭސީއެލްގެ ދަށަށް ބަދަލުކުރުމާގުޅޭގޮތުންކަމަށެވެ. އެއީ ރީޖަނަލް އެއަރޕޯޓްސް ކުންފުންޏަށް އެންމެ ފައިދާވާނެގޮތްކަމަށް ދެކެވަޑައިގަންނަވާކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުން ކުޑައިރުކޮޅެއްގެ ތެރޭގައި ފެށޭނެ pic.twitter.com/Ptjf8Xkcka
— The President's Office (@presidencymv) September 1, 2024
މީގެއިތުރުން ފަހިދިރިއުޅުން ކޯޕަރޭޝަން، ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެޗްޑީސީގެ ދަށަށް ބަދަލުކުރުން ނުވަތަ ދެކުންފުނި އެއްކޮށްލުމާ ގުޅޭގޮތުންވެސް މަޝްވަރާކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ހަމައެހެންމެ ފަންޑު މެނޭޖުމަންޓް ކޯޕަރޭޝަން، ބިޒްނަސް ސެންޓަރ ކޯޕަރޭޝަން، ބީސީސީގެ ދަށަށް ބަދަލުކުރުން ނުވަތަ އެއްކޮށްލުމަށް މަޝްވަރާކުރައްވާ ގޮތެއް ނިންމަވާނެކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
"ރާއްޖޭގެ ތަރައްޤީއަށް ވަރަށް މުހިންމު އަދި ކުރިއަރާފައިވާ ކުދި ބައެއް ގައުމުތަކުގައިވެސް ކަންކުރާ އަދި ދުބާއީ ސިންގަޕޫރުފަދަ ތަންތާނގައިވެސް ކަންކުރާ ގޮތަށް، އިޤްތިޞާދު ޑައިވަރސިފައިކުރުމަށް އިންވެސްޓަރ ރެސިޑެންސް ޕްރޮގްރާމެއް ތަޢާރަފްކުރުން. މިކަމަށް މަޝްވަރާކުރުމަށްވެސް އެޖެންޑާކޮށްގެން މިއުޅެނީ." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.