twitterviber whatsapp telegramfacebookyoutube instagram
16th September 2024

މާލެ ދަތުރުކުރާ ބޯޓްތަކުން ކުޅުދުއްފުއްޓަށް އަންނަ ބިދޭސީން ބަލައި ފާސްކުރަން ފަށައިފި

އަބްދުލް ވާހިދު ޙަސަން
Sep 1, 2024
4

މާލޭ ސަރަހައްދުގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދަން އިމިގްރޭޝަން އޮޕަރޭޝަންތައް ފެށުމުން ފިލައިގެން އުޅޭ ގިނަ އަދަދެއްގެ ބިދޭސީންގެ މަންޒިލަކަވީ ކުޅުދުއްފުއްޓެވެ. ދަތުރުފަތުރު ފަސޭހަވުމާއި އެހެން ރަށްރަށަށް ފިލައިގެން ދިޔުމަށެވެ.

މިކަން ކުޅުދުއްފުށީގައި މަސައްކަތްކުރާ ފުލުހުންނަށް ފާހަގަވި ހިސާބުން، ސިޓީ ކައުންސިލްގެ ސަމާލުކަމަށް ގެނެސް، އިމިގްރޭޝަނާއެކު ބައްދަލުކޮށް، މައްސަލަ ހައްލުކޮށްދިނުމަށް އެދުނެވެ. މިކަމާ ގުޅިގެން މިއަދު ވަނީ ކުޅުދުއްފުއްޓާއި މާލެއާ ދެމެދު ދަތުރުކުރާ ބަހާދަރު ބޯޓުން ކުޅުދުއްފުއްޓަށް ފޭބި ބިދޭސީން ބަލައި ފާސްކޮށްފަ އެވެ.

އިމިގްރޭޝަން އޮފިސަރުންނާއި ފުލުހުން އަދި ސިޓީ ކައުންސިލް މި މަސައްކަތުގައި އަންނަނީ ހަރަކާތްތެރިވަމުންނެވެ.

އިމިގްރޭޝަނުން ބުނީ، ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމުގެ އޮޕަރޭޝަން މާލެ ސަރަހައްދުގައި ކުރިއަށްގެންދަން ފެށުމުން ކުޅުދުއްފުއްޓަށް ބިދޭސީން ފިލަންދާކަމުގެ މައްސަލަ އިމިގްރޭޝަނަށް ހުށަހެޅިފައިވާ ކަމަށާއި އެހެންވުމުން ކަމާ ގުޅުން ހުރި އިދާރާތަކާއެކު މާލެއިން ކުޅުދުއްފުއްޓާ ދެމެދު ދަތުރުކުރާ ބޯޓްފަހަރުތަކުން އަންނަ ބިދޭސީން ބަލައި ފާސްކުރަން ފަށާފައިވާ ކަމަށެވެ.

އަދި ގަވައިދާ ހިލާފަށް އަންނަ ބިދޭސީންނަށް ނޯޓިސްދީ ކަމާ ގުޅުން ހުރި އިދާރާތަކާއެކު ފިޔަވަޅުތައް އަޅަމުންގެންދާނެ ކަމަށް އިމިގްރޭޝަނުން މައުލޫމާތުދެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355