ބާރު ސްޕީޑުގައި ވެހިކަލް ދުއްވާ މީހުންނަށް ހަރުކަށި ފިޔަވަޅުތައް އެޅުމަށް ގާނޫނުތަކާއި ގަވައިދުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނެސް ތަންފީޒު ކުރަން ފެށުމަށް ރައީސުލްޖުމްހުރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކަމާ ގުޅޭ އިދާރާތަކަށް އަންގަވައިފި އެވެ.
ރައީސް އެގޮތަށް އެންގެވީ މިދިޔަ ބުރާސްފަތިދުވަހުގެ ރޭ މެންދަމުގެ ވަގުތެއްގައި ބާރު ސްޕީޑުގައި ދުއްވި ސްޕޯޓްސް ކާރަކާއި ސައިކަލެއް ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި ޒުވާނަކު ނިޔާވެފައިވަނިކޮށެވެ.
ބުރާސްފަތިދުވަހުގެ މެންދަމު ތިނެއް ޖަހަން އުޅެނިކޮށް ހުޅުމާލޭގެ ސެންޓްރަލް ޕާކު ސަރައްދުން އުރީދޫގެ ހެޑް އޮފީހާ ދިމާލުން ހިނގި އެކްސިޑެންޓުގައި ނިޔާބީ ލ. އިސްދު އަށް އުފަން ހަސަން ސަމާހު އެވެ.
ނުރައްކާތެރިކޮށް ދުއްވުމުގެ ސަބަބުން ވި އެކްސިޑެންޓެއްގައި ރޭ މެންދަމުވަނީ ވަރަށް ހިތާމަވެރި ޙާދިސާއެއް ހިނގާ އަނެއްކާވެސް މީހެއްގެ ފުރާނަ ގެއްލިފައި. ރޭގައި ހިތާމަވެރި ގޮތެއްގައި މި ދުނިޔެ ދޫކުރި 23 އަހަރުގެ ޒުވާން ޙަސަން ސަމާޙުގެ ފުރާނައަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު…
— Dr Mohamed Muizzu (@MMuizzu) September 6, 2024
ސަމާހުގެ އާއިލާއަށް ކެތްތެރިކަން ދެއްވުމަށް އެދި ދުޢާ ކުރައްވައި ރައީސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެފަދަ ހިތާމަވެރި ހާދިސާތައް ހިނގުން ހުއްޓުވުމަކީ އެކަމުގައި އެންމެންގެ ވެސް އެއްބާރުލުން ބޭނުންވާ ކަމެއް ކަމަށެވެ.
"ނުރައްކާތެރިކޮށް ބާރު ސްޕީޑުގައި ދުއްވާ ދުއްވުންތައް ހުއްޓުވައި، މާލެއާއި ރާއްޖޭގެ އެހެނިހެން ރަށްރަށުގެ މަގުތަކަކީ އެންމެންނަށްވެސް އަމާންކަމާއެކު ބޭނުންކުރެވޭނެ ތަންތަންކަމުގައި ހެދުމަށްޓަކާ ސަރުކާރުން ކުރަންޖެހޭ އެންމެހާ ކަންކަން މިސަރުކާރުން ކުރާނެކަމުގެ ޔަގީންކަން ހުރިހާ ރައްޔިތުންނަށް އަރުވަން،" ރައީސް ވިދާޅުވިއެވެ.
އެހެންވެ، ރާއްޖޭގެ އެއްވެސް ރަށެއްގައި، އެއްވެސް ވަގުތަކު ބާރު ސްޕީޑުގައި ވެހިކަލް ދުއްވާ ފަރާތްތަކާމެދު ހަރުކަށި ފިޔަވަޅުތައް އެޅުމަށް ގާނޫނުތަކާއި ގަވާއިދުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނެސް، އެކަންކަން ތަންފީޒުކުރަން ފަށަން ސަރުކާރުގެ ކަމާގުޅުންހުރި އިދާރާތަކަށް އެ މަނިކުފާނު މިހާރު އަންގަވައިފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.
ފުލުހުން ވަނީ ކާރު ދުއްވަން އިން މީހާ ހައްޔަރުކޮށްފައެވެ. އެއީ އައްޑޫ ސިޓީ ހިތަދޫ، ވައިލެޓްފިހި، އުމުރުން 26 އަހަރުގެ މުހައްމަދު ވިސާމް ސިދުގީ ކަމަށް ފުލުހުން ބުނެފައިވެއެވެ.