ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ރާއްޖޭގައި ކުކުޅު އާލާކޮށް ރާއްޖެއަށް ކުކުޅު ބިސް އެތެރެކުރުން އެއްކޮށް ހުއްޓާލެވޭނެ ފެންވަރުގެ ޕޯލްޓްރީ ފާމެއް ތަރައްގީކުރުމަށް ހަމަޖެހިފަވާކަމަށް ދަނޑުވެރިކަމާއި އެގުރިކަލްޗަރަލް މިނިސްޓަރު ޑރ. އާއިޝަތު ރަމީލާ ވިދާޅުވެއްޖެއެވެ.
ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަަކަދައްކަވަމުން މިނިސްޓަރު ރަމީލާ ވިދާޅުވީ އުތުރު ތިލަފަޅުގައި ތަރައްގީކުރާ 200 ހެކްޓަރުގެ އެގްރިކަލްޗަރ އިކޮނޮމިކް ޒޯންގެ އަމަލީ މަސައްކަތް އަންނަ ޖެނުއަރީ މަހުގެ ތެރޭގައި ފެށުމަށް ތައްޔާރުވަމުންދާކަމަށާއި މިއީ އިގުތިސާދީ އަދި އިޖުތިމާއީ އެތައް މައްސަލައެއްގެ ހައްލާއި ގުޅިފައިވާ އުއްމީދީ މަޝްރޫއެއް ކަމަށް އޭނާ ވިދާޅުވި އެވެ.
ރާއްޖެއަށް އެތެރެކުރާ ކާބޯތަކެތީގެ ނިސްބަތް މަދުކޮށް ކާނާގެ ޔަގީންކަން ކަށަވަރުކުރުމަށްޓަކައި އުތުރު ތިލަފަޅުގައި ދަނޑުވެރިކަމުގެ މެގަ މަޝްރޫއެއް ފެއްޓެވުމަށް ރައީސް މުއިއްޒު ވަނީ ޢިއުލާންކުރައްވާފައެވެ. މިމަޝްރޫއާއެކު ރާއްޖެއަށް އެތެރެކުރާ ކާބޯތަކެތީގެ ނިސްބަތް މަދުކުރެވި އެކަމަށް ކުރާ ހޭދަ ކުޑަކުރެވޭނެކަމަށް ސަރުކާރުން ވިދާޅުވެއެވެ. ހަމައެއާއެކު ކާނާގެ ޔަގީންކަން ކަށަވަރުކުރެވި ސިއްހީގޮތުން ޔަގީންކަން އޮތް ކާނާގެ ބާވަތްތައް ލިބޭނެ މަގުފަހިވެގެންދާނެކަން ސަރުކާރުން ފާހަގަކުރައްވައެވެ.
ރަމީލާ ވިދާޅުވީ މަޝްރޫއު އެކުލަވާލުމުގެ މަސައްކަތް އެއްކޮށް ނިމި މަސައްކަތް ކުރިއަށްގެންދާނެ ގޮތުގެ ޓައިމްލައިނެއްވެސް އެކުލަވާލާފައިވާކަމަށެވެ. އަދި ބިން ހިއްކުމަށް ބޭނުންވާ އީއައިއޭގެ މަސައްކަތް މިހާރު ކުރިއަށްދާކަމަށެވެ. މީގެ އިތުރުން މިމަޝްރޫއުގެ އަމަލީ މަސައްކަތް 2025 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ފެށޭނެކަމަށް ވަޒީރު ވިދާޅުވިއެވެ.
"އަދި އެތަނުން އުފައްދާނެ ރާއްޖެ އެތެރެ ކުރާ %100 އެގް ޕްރޮޑަކްޝަން އުތުރު ތިލަފަޅުގެ އެގްރިކަލްޗާ ޒޯންގައި އުފެދިގެން ދާނެ،". މިނިސްޓަރު ވިދާޅުވި އެވެ.
އެހެންކަމުން މި މަޝްރޫއަކީ ރާއްޖެއަށް ވަރަށް މުހިންމު އަދި ފުޑް ސެކިރިޓީއަށް ބަލާ ކަމުގައިވަންޏާމުން ކާބާތޯކަތި އަބަދުވެސް ލިބެން ހުންނާނެ ކަމުގެ ޔަގީންވާ މަޝްރޫއެއް ކަަމަށެވެ.
ވަޒީރު ވިދާޅުވީ، ފުރަތަމަ ފޭސްގެ ދަށުން 100 ހެކްޓަރު ހާއްސަކުރެވިގެން ދާނީ ހަމައެކަނި ގްރީން ހައުސް އެޅުމަށް ކަމަށެވެ. އަދި، ގްރީންހައުސްތަކުގައި އިންދާނެ ކާބޯތަކެތީގެ ލިސްޓެއް މިހާރު ފައިނަލްކޮށްފައިވާކަމަށާއި އޭގައި ހިމަނާފައިވާނީ ރާއްޖެއަށް އާންމުކޮށް އެތެރެކުރާ ރާއްޖޭގައި ހެއްދޭނެ ތަކެތި ކަމަށެވެ. ދެވަނަ ފޭސްގައި "އޯޕަން ލޭންޑް'ގައި ހެއްދޭނެ ތަކެއްޗަށް ހާއްސަކޮށްފައިވާއިރު، ބޮޑަށް ހިމެނެނީ ބިމު އަޑިއަށް ފައިބާ އެއްޗެހި ކަމަށް ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
ވަޒީރު އިތުރަށް ވިދާޅުވީ، އެ ވުޒާރާގެ މެންޑޭޓްގައި ހިމެނިފައި ހުރި ކަންކަމުގެ ތެރޭގައި ޕޯލްޓްރީ ފާމެއް ގާއިމްކޮށް ކުކުޅު ގެންގުޅުމާއި ބަކަރި ގެންގުޅުން އެބަ އޮތް ކަމަށެވެ. އަދި ކައުންސިލްތަކާއެކު މިކަން ޕްރޮމޯޓް ކުރަމުންދާ ކަމަށްވެސް ރަމީލާ ވިދާޅުވިއެވެ.
"ހާއްސަކޮށް ބިން ބޮޑު ރަށްރަށުގައި ބަކަރި ކޮށި އަޅައިގެން ބަރަކި ގެންގުޅުމަކީ ވަރަށް ބޮޑު އާމްދަނީ ލިބިގެންދާނެ މަސައްކަތެކޭ، އަދި މިހާރު ރާއްޖޭގައި ބަދަލު ވަމުން އަންނަ ކަލްޗާ ނޫނީ އާދަތައް ބަދަލުވަމުން އަންނަ ގޮތަށް ބަލާއިރު، އެކި އެކި މުނާސަބަތަކުގައި ބަކަރިތައް ކަތިލަންވެސް ބޭނުންވޭ،". އޭނާ ވިދާޅުވިއެވެ.
އަދި މިފަދަ ބަކަރިތަކަކީ ކާން އަދި ބޭނުން ކުރަން އެންމެ ރަނގަޅު ބަކަރިތަކުގެ ގޮތުގައި އެކަށައެޅުމަކީ އެ ވުޒާރާގެ ޒިންމާއެއް ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ. އޭގެ އިތުރުން ބަލިތައް ނުޖެހި އެ އެއްޗެހި މަރުނުވެ ގެންގުޅެވޭނެ ކަހަލަ ގޮތަކަށް، ކަންކަން މަގުފަހިވެގެން ދިއުން ކަމަށްވެސް ރަމީލާ ވިދާޅުވިއެވެ. އެކަމަށް މަގުފަހި ކުރުމަށް ވެޓެނަރީ ކްލިނިކް ގާއިމް ކުރުން ހިމެނޭ ކަމަށްވެސް ފާހަގަކުރެއްވިއެވެ.