twitterviber whatsapp telegramfacebookyoutube instagram
19th September 2024

ކުޅުދުއްފުށީ މިސްކިތު ޓްރަސްޓް ފަންޑެއް ހުޅުވަން ސިޓީ ކައުންސިލުން ނިންމައިފި

މި ފަންޑުން ހުޅުވުމުން މިސްކިތްތަކަށް މާލީ ގޮތުން އެހީވާން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ލިބިގެންދާނެ. މި ފަންޑު ބޭނުންކުރާނީ ކުޅުދުއްފުށީގެ މިސްކިތްތަކުގެ މަރާމާތަށާއި މިސްކިތް ބިނާކުރުމަށް

އަބްދުލް ވާހިދު ޙަސަން
Sep 13, 2024

ކުޅުދުއްފުށީގެ މިސްކިތްތައް މަރާމާތުކޮށް ބެލެހެއްޓުމަށް ބޭނުންވާ ހަރަދާއި މިސްކިތް އިމާރާތްކުރުމަށް ބޭނުންވާ ފަރާތްތަކަށް އެހީތެރިވެވޭނެ ގޮތަށް ސިޓީ ކައުންސިލުން ' މިސްކިތް ޓްރަސްޓް ފަންޑެއް' އެކުލަވާލައި ހުޅުވަން ނިންމައިފި އެވެ.

ބުދަދުވަހު ސިޓީ ކައުންސިލްގައި ބޭއްވި އާންމު ބައްދަލުވުމުގައި މޭޔަރު މުހައްމަދު އާތިފް ވިދާޅުވީ، މިސްކިތްތައް މަރާމާތުކޮށް ބެލެހެއްޓުމާއި ހަރަދުތައް ހަމަޖެއްސުމަށް މާލީ އެހީތެރިކަން ފޯރުކޮށްދޭން ބޭނުންވާ ފަރާތްތަކަށް އެ މަގު ފަހިކޮށްދިނުމުގެ ގޮތުން ކައުންސިލް ބެލުމުގެ ދަށުން ހިންގާ ޓްރަސްޓް އެކައުންޓެއް ހުޅުވައި ޓްރަސްޓް ފަންޑްގެ ސްޓޭޓްމަންޓް ފާސްކުރަން ހުށަހެޅި އެވެ.

މި ހުށަހެޅުން ހުރިހާ މެންބަރުގެ އިއްތިފާގުން ފާސްވި އެވެ.

މޭޔަރު ވިދާޅުވީ، ކޮންމެ އަހަރަކުވެސް މިސްކިތްތައް މަރާމާތުކޮށް އާބާތުރަފިލުވުމަށް ކައުންސިލް ބަޖެޓުން ބޮޑު އިންސަތައެއް ހަރަދުކުރާ ކަމަށެވެ. ބައެއް ފަހަރު ތަރައްގީގެ އެހެނިހެން މަޝްރޫއުތަކަށާއި އާންމު ހިދުމަތްތައް ތަރައްގީކުރުމަށް ހުންނަ ފައިސާގެ ތެރެއިންވެސް، ފައިސާ ނަގައި މިސްކިތްތަކަށް ހަރަދުކުރާ ކަމަށެވެ.

އަދި މީގެ އިތުރުން ރައްޔިތުންގެ ގިނަ ބަޔަކުވެސް މިސްކިތްތަކަށް އެހީތެރިވެވޭނެ ރަނގަޅު ނިޒާމެއް ގާއިމުކޮށްދިނުމަށް ސިޓީ ކައުންސިލުގައި އެދޭ ކަމަށާއި މިސްކިތު ޓްރަސްޓް ފަންޑެއް ގާއިމުކުރުމުގެ މުހިންމުކަން މިވަގުތު ބޮޑުވެފައިވާ ކަމަށެވެ.

މި ބަހުސްގައި ވާހަކަދައްކަވަމުން ޑެޕިއުޓީ މޭޔަރު އަލީ އަހުމަދު ވިދާޅުވީ، މިސްކިތްތަކަށް ހަރަދުކުރުމަށާއި އާ މިސްކިތެއް އިމާރާތްކުރަން ނެގިކަމުގައިވިޔަސް އެކަމުގައި ބައިވެރިވާން ބޭނުންވާ ވަރަށް ގިނަ ރައްޔިތުން އެބަ ތިބި ކަމަށެވެ. އަދި ޓްރަސްޓް ފަންޑްގެ ސްޓޭޓްމަންޓްގައި ޓްރަސްޓް ފައުންޑްގެ މައުލޫމާތު ވަރަށް ތަފުސީލްކޮށް ބަޔާންކޮށްފައިވާ ކަމަށެވެ.

މިސްކިތް ޓްރަސްޓް ފަންޑްގެ ހިންގާ ކޮމެޓީ

  • މޭޔަރު މުހައްމަދު އާތިފް
  • ޑެޕިއުޓީ މޭޔަރު އަލީ އަހުމަދު
  • ކައުންސިލް މެންބަރު އަހުމަދު އަބުދުﷲ
  • ކައުންސިލް މެންބަރު އިބުރާހިމް އަހުމަދު
  • ކައުންސިލް އެގްޒެކްޓިވް ހަސަން ހުސެއިން
  • ފައިނޭންސް އެގްޒެކްޓިވް މުހައްމަދު ރައްޒާން

އެގޮތުން ޓްރަސްޓް ފަންޑުގެ ފައިސާގެ ކަންތައްތައް ހިނގާނެ ގޮތާއި އެ ކައުންޓް ބަންދުކުރެވޭނެ ގޮތްތައް ހިމެނިފައިވާ ކަމަށެވެ. ޑެޕިއުޓީ މޭޔަރު ވިދާޅުވީ، އެކައުންޓްގެ އަހަރީ ރިޕޯޓާއި އަހަރީ ހިސާބުތައް އާންމުކޮށް ފެންނާނެހެން ކޮންމެ މީލާދީ އަހަރެއްގެ ނިމޭތާ ތިން މަސްދުވަސްތެރޭގައި ވޭތުވެދިޔަ އަހަރު ރިޕޯޓް އާންމުކުރަން ޖެހޭނެ ކަމަށެވެ.

އޭގެ ބޭނުމަކީ ދެ ފުށް ފެންނާނެހެން އިތުބާރު ލިބިފައި އޮތް އެކައުންޓަކަށް ހެދުންކަމުގައި އޭނާ ވިދާޅުވި އެވެ.

މި މައުލޫގައި މެންބަރު އަހުމަދު އަބުދުﷲ އާއި މެންބަރު އިބުރާހިމް އަހުމަދުވެސް ވާހަކަ ދެއްކެވި އެވެ. މި ދެބޭފުޅުން ވިދާޅުވީ، މިސްކިތް ބިނާކުރުމަށް ވަރަށް ގިނަ ބަޔަކު ބޭނުންވާ ކަމަށާއި އެހެންނަމަވެސް މާލީ ހާލަތު ހުންނަ ގޮތުން އެކަނި އެންމެ ފަރާތްތަކަށް މިސްކިތް ބިނާކުރުން ދަތިތަކަށްވަނީ ކަމަށެވެ. އެހެންވުމުން ގިނަ ބައެއްގެ ބައިވެރިވުމާއެކު އެހީވެގެން މިސްކިތް ބިނާކުރެވޭނެ އިންތިޒާމު ހަމަޖެހުމަކީ ގިނަ ބަޔަކު ބޭނުންވާ ކަމެއްކަން މެންބަރުން ފާހަގަކުރެއްވި އެވެ.

ކުޅުދުއްފުށީގެ ގިނަ މިސްކިތްތަކަކީ އަމިއްލަ ފަރާތްތަކާއި ރައްޔިތުންގެ ހަރަދުގައި އިމާރާތްކޮށްފައިވާ މިސްކިތްތައްކަން ފާހަގަކުރެވެ އެވެ. އެގޮތުން މިހާރުވެސް އަމިއްލަ ފަރާތްތަކުން އަންނަނީ މިރަށުގައި މިސްކިތެއް އިމާރާތްކުރަމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355