twitterviber whatsapp telegramfacebookyoutube instagram
21st September 2024

ރައްޔިތުންގެ އަތުގައި އޮތް ބާރެއް ފޭރިގަތުން، ރަށްތަކަށް ދެވޭނެ ބޮޑު އަނިޔާއެއް

Sep 16, 2024

ރާއްޖޭގެ ސިޔާސީ މަސްރަޙުގައި ހަރަކާތްތެރިވާ އެކި ބޭފުޅުންގެ ތުންތުން މަތިން ކޮންމެވެސް އާރބަން ޑިވެލޮޕްމަންޓް ބިލަކާއި ބިނާވެށި ޕްލޭންކުރުމުގެ ޤާނޫނެއްގެ ވާހަކަ އަޑު އިވޭތާ ދުވަސްކޮޅެއް ވެއްޖެއެވެ. އެބޭފުޅުން ދައްކަވަނީ ލާމަރުކަޒީ ނިޒާމު ފުނޑާލާ، އެނިޒާމުގެ ރޫޙާއި މުޅިން ޚިލާފު ޤާނޫނުތަކެއް ސަރުކާރުން އެކުލަވާލަމުން އަންނަ ވާހަކައެވެ. މީގެ ސަބަބުން ކައުންސިލްތަކަށް މިހާރު ލިބިފައިއޮތް ކައުންސިލްގެ އިހްތިޞާސްގެ ތެރޭގައި ހިމެނޭ ބިމުގެ ބިނާވެށި ޕްލޭންކުރުމާއި އެތަންތަން ތަރައްޤީކުރުމުގެ ބާރާއި އިޚްތިޔާރު ކައުންސިލްތަކުގެ އަތުން ނިގުޅިގެން، މައި ސަރުކާރުން ކަނޑައަޅާ ބައެއްގެ މުށުތެރެއަށް ވަދެގެންދާނެކަމުގެ ވާހަކައެވެ. މަރުކަޒުކޮށް ޤައުމު ހިންގަން ސަރުކާރުން ނުސީދާކޮށް މަސައްކަތްތަކެއް ކުރަމުންދާ ވާހަކައެވެ. އަދި ކައުންސިލްތަކާއި، ލާމަރުކަޒީ ޤާނޫނުގެ ބާރު ކަނޑުވާލަން އުޅޭ ވާހަކައެވެ.

ނަމަވެސް މިވާހަކަތަކަކީ ޤަބޫލުކުރަން ދަތި ވާހަކަތަކެކެވެ. އަޅުގަނޑުމެން ވެރިކަން ހަވާލުކޮށްގެން މިއުޅެނީ މާލެ ސިޓީގެ މޭޔަރާއެވެ. ލާމަރުކަޒީ ނިޒާމުގެ ތެރޭގައި ހުރިނަމަ ހުރި ހަރުދަނާކަމަކާ، ބަލިކަށިކަމަކާ، ފުރުޞަތަކާ، ގޮންޖެހުމަކާ، ލާމަރުކަޒީ ނިޒާމު އިތުރަށް ވަރުގަދަކުރުމަށް ކުރަން ހުރިނަމަ ހުރި މަސައްކަތެއް އަލިފުން ޔާޔަށް އެނގިވަޑައިގަންނަވާނެ ބޭފުޅަކާއެވެ. މިނިޒާމުގެ އުފެއްދުމަކާއެވެ. ލާމަރުކަޒީ ނިޒާމަށް އެމަނިކުފާނުގެ ފުރިހަމަ ތާއީދު އޮތްކަމާއި، ރަނގަޅު އިޞްލާހުތަކެއް ގެނެސްދެއްވާނެކަމުގެ ފުރިހަމަ ޔަޤީންކަން އަރުވަމުން ވެރިކަމަށް ވަޑައިގެންނެވި ބޭފުޅަކާއެވެ. އެމަނިކުފާނު ވެރިކަމުގެ ހުވާ ކުރެއްވި ދުވަހުވެސް ތަފާތު ދެއްކެވިއެވެ. ކައުންސިލްތަކާއި ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ހިންގުން އިތުރަށް ވަރުގަދަކޮށް، ކައުންސިލްތަކަށް ބޭނުންވާ ސަޕޯޓް ފޯރުކޮށްދީ، މަގުތައް ފަހިކޮށްދިނުމަށް، ސިޓީ ތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާއިބެހޭ ވުޒާރާއެއް އުފައްދަވާ، ނުހަނު ޤާބިލް، ވަޒީރެއް ކައުންސިލްތަކަށް ހޯއްދަވައިދެއްވާ، ވަރަށް އުއްމީދީ މަންޒަރެއް ކުރެއްސެވިއެވެ.

ނަމަވެސް އެބުނާ އާރބަން ޑިވެލޮޕްމަންޓް ބިލާއި ބިނާވެށި ޕްލޭންކުރުމުގެ ޤާނޫނަށް ބަލާލުމުން ދައްކުވައިދެނީ މުޅިން އެހެން މަންޒަރެކެވެ. އާރބަން ޑިވެލޮޕްމަންޓް ބިލު ޤާނޫނަކަށް ވެގެން އަންނައިރު އާބާދީއަށް ބަލައި ރާއްޖޭގެ ބައެއް ސަރަހައްދުތަކަކީ މެޓްރޮޕޮލިޓަން، އާރބަން ރީޖަން އަދި އާރބަން ސެންޓަރުތަކުގެ ގޮތުގައި ކަނޑައެޅުމުގެ އިޙްތިޔާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންދެއެވެ. އަދި މިގޮތަށް ކަނޑައެޅޭ އާރބަން ސަރަހައްދުތައް ޕްލޭންކުރުމާއި ތަރައްޤީކުރުމަށް ކުރަންޖެހޭ ހުރިހާ ކަމެއްކުރުމުގެ ބާރާއި އިޚްތިޔާރު މައިސަރުކާރުން އައްޔަންކުރާ ބަޔަކަށް ލިބިގެންދެއެވެ.

އަޅުގަނޑުމެންގެ ރަށްތަކާއި ސިޓީތަކުގައި ކަންހިނގަންވީ، ކަންކަން ތަރުތީބުވާންވީ ކިހިނެތްކަން ނިންމުމަށް ޤާނޫނުތަކުން އަޅުގަނޑުމެންނަށް ހޯދާދީފައިއޮތް މުހިއްމު ބާރެއް ފޭރިގަނެގެން ގެންދަނީ އެވެ. އަޅުގަނޑުމެންގެ ރަށްތަކުގެ މުސްތަޤްބަލާމެދު ކުރާ ފޮނި އުއްމީދުތައް ވިއްސިވިހާލިވެގެން ދަނީއެވެ. އަޅުގަނޑުމެންގެ ކައުންސިލްތަކުން ވިޔަފާރިކޮށްގެން، މާލީ ގޮތުން ބާރުވެރިވެގެން، އަމިއްލަޔަށް ފައިސާ އެއްކޮށްގެން ރަށުގެ ސަރަހައްދުތައް ތަރައްޤީކުރުމަށް ދެކެމުން އައި ހުވަފެންތައް މުޅިން ބިލާހަކަށްވެގެންދަނީއެވެ. ސަރުކާރެއްގެ މިހާ ޅަފަތުގައި މިކަހަލަ ކަންކަން ކުރާނަމަ އެއީ އަދި އަންނަން ކޮޅިގަނޑުގެ މަލަމައްޗެވެ. އަޅުގަނޑުމެން މިކަމުގައި ފައިނުވިއްދައިފިނަމަ މިކޮޅިގަނޑުގެ ތެރެއިން ލާމަރުކަޒީ ނިޒާމުވެސް އަޅުގަނޑުމެންނަށް ގެއްލިގެން ދިޔުން ގާތްކަމުގައި ދެކެމެވެ.

ލާމަރުކަޒީ ނިޒާމު މުހިއްމުވަނީ ކީއްވެ؟

ދިވެހިރާއްޖޭގެ ޖޯގްރަފީއާއި، ރާއްޖޭގެ ރަށްތަކުގެ މައްޗަށް އާބާދީ ފެތުރިފައިވާ ގޮތާއިމެދު ވިސްނާލައިފި މީހަކަށްނަމަ ރާއްޖޭގެ ރަށްތަކާއި، އަތޮޅުތަކާއި ސިޓީތައް ހިންގުމަށް ހުރިހާ ގޮތަކުން އެންމެ ހޭޖެހޭ، ގުދުރަތީ ނިޒާމަކަށްވާނީ ލާމަރުކަޒީ ނިޒާމެވެ. ރާއްޖެއަކީ ކިތައްމެ އެކުވަންތަ، އެއްބައިވަންތަ ޤައުމަކަށްވީނަމަވެސް، ރާއްޖޭގެ ކޮންމެ ރަށެއްގެ ރައްޔިތުންނަކީވެސް ތަފާތު ވިސްނުމުގެ، ތަފާތު ކަންކަމަށް ބޭނުންވާ، ތަފާތު ކަންކަމަށް އިސްކަންދޭ، ތަފާތު އިޤްތިޞާދީ ހަރަކާތްތަކެއް ހިންގާ، މުޅިން ތަފާތު ވައްޓަފާޅިއަކަށް ދިރިއުޅޭ، ސިންދަފާތު ބައެކެވެ. ރަށްތަކުގައި ތިބި ރައްޔިތުން ބޭނުންވާ ގޮތަށް ރަށުގެ ކަންތައްތައް ތަރުތީބު ކުރެވޭނެ އެންމެ ކުރުންތެރި ގޮތަކަށްވާނީ ރަށުގައި ތިބޭ ބަޔަކަށް އެކަންކަން ތަރުތީބު ކުރަންބޭނުންވާ މާލީ އަދި ޤާނޫނީ ބާރުވެރިކަން ހޯދައިދީގެން އެކަންކަން ކުރަންއުޅުމެވެ. ނުމިސާލު ބަހަކުން ކިޔައިދޭނަމަ، ޤައުމުގެ މުޅި ރައްޔިތުންގެ ގައިގައި އެޅޭ ގޮތަށް މައިސަރުކާރުން މާލޭގައި ހުރި ފަހާފޮށްޓެއްދަށުގައި ތިބެގެން، ފަހާލާ ބޮޑު ރަޖާގަނޑެއް އެޅުމަކުން ހުރިހާ ރައްޔިތުންގެ ހީފިލާނީ ފަހެ ކިހިނެތް ހެއްޔެވެ. އެކި ރަށްރަށުގެ މާހައުލު އެކިގޮތެވެ. އެކި ރައްޔިތުންނަށް ފިނި ތަހައްމަލު ކުރެވޭ ނިސްބަތް ތަފާތެވެ. އެރަށެއްގެ ރައްޔިތުން ބޭނުންވާ ގޮތަށް، މިން ނަގައިގެން، ބޭނުންވާ ފޭރާމަކުން ރަޖާގަނޑު ފެހޭނީ، އެރަށެއްގައި ތިބޭ ބައެއްގެ އަތަށް ފަހާފޮށްޓާ، ކަތުރާ، ބަރަންޏާ ތިނޯހާވެސް ދީގެންނެވެ.

އަޅުގަނޑަށް ފެންނަ ފެނުމުގައި ދިވެހިރާއްޖޭގެ ޤާނޫނު އަސާސީގެ 08 ވަނަ ބާބުން ދިވެހި ރައްޔިތުންނަށް ކަށަވަރު ކޮށްދީފައިއޮތް، ލާމަރުކަޒުކޮށް ޤައުމު ހިންގުމުގެ ނިޒާމަކީ، ޑިމޮކްރަސީގެ ހަޔާތުގައިވެސް ރާއްޖެތެރޭގައި ތިބި ރައްޔިތުންނަށް ހޯދުނު އެންމެ ބޮޑު، އެންމެ ކުލަގަދަ މޮޅެވެ. ކޮންމެ ޕާޓީއެއްގެ ކޮންމެ މީހަކަސް، ރަށު މީހެއްނަމަ އިސްކުރައްވާނީ ރަށަށް މޮޅު ގޮތެވެ. އަދި ލާމަރުކަޒީ ނިޒާމަކީ ކޮންމެ ރަށަކަށްވެސް އޮތް އެންމެ މޮޅުގޮތެވެ. ކުރިއާ ޚިލާފަށް، މިނިޒާމުގެ ތެރެއިން ރައްޔިތުންގެ ޚިޔަލާއި މަޝްވަރާގެ މަތިން ރަށުގެ ތަރައްޤީ ރާވާލުމާއި، ރަށުގައި ހިންގާނެ ޕްރޮޖެކްޓްތައް ކަނޑައެޅުމާއި، ކުރެހުމާއި، ބީލަމުގެ މަރުހަލާތައް ކުރިޔަށްގެންދިޔުމާއި، ފައިސާ ޚަރަދުކުރުމާއި، ރަށުގެ ރައްޔިތުންނަށް ދިމާވާ ކުދި އަދި ބޮޑެތި ކަންކަމަށް ދުވަހުން ދުވަހަށް އެޓެންޑްވުމާއި، އިޖުތިމާޢީ ކަންބޮޑުވުންތައް ޙައްލުކުރުމާއި، ނިންމަންޖެހޭ ނިންމުންތައް ނިންމުމާއި، ރައްޔިތުންނަށް ބޭނުންވާ ޚިދުމަތްތައް ފޯރުކޮށްދިނުމާއި އަދި ރަށަށް ބޭނުންވާ ގަވާއިދުތަކާއި އުޞޫލުތައް ހެދުމުގެ ބާރުތައް އޮންނަނީ ރައްޔިތުން އިންތިހާބުކުރާ، ކޮންމެދުވަހަކުހެން މަގުމަތިންނާއި ކޮފީތަކުން ފެންނަ، ރައްޔިތުންގެ ރަށްޓެހި، ރަހުމަތްތެރި ކައުންސިލަރުންތަކެއްގެ އަތްމަތީގައެވެ.

މިއީ ކިހާވަރެއްގެ ކާމިޔާބީއެއްކަން މިނިޒާމު ރަނގަޅަށް ނޭނގޭ މީހަކަށް އޮޅުންނުފިލާ އޮވެދާނެއެވެ. މިނިޒާމު ރާއްޖެއަށް ތަޢާރަފްވުމުގެ ކުރިން ރަށްރަށުގައި ހުރީ ރަށު އޮފީސްތަކެކެވެ. އަތޮޅު ވެރިރަށުގައި އަތޮޅު އޮފީހެކެވެ. އަދި މިތަންތަނުން އަހާ ކޮންމެ ސުވާލެއްގެ ޖަވާބުދޭން، ކުރަންބޭނުންވާ ކޮންމެ ކަމަކަށް ހުއްދަދޭން، ރަށުގައި ޖެހޭ ކޮންމެ މައްސަލައެއް ހައްލުކުރަން ދާންޖެހޭ ތަނަކީ މާލޭގައި އޮންނަ އެޓޯލްސް މިނިސްޓްރީއެކެވެ.

ރަށްރަށުގައި ހިންގާނެ ޕްރޮޖެކްޓްތައް ކަނޑައަޅާ، ހުރިހާ ކުރެހުމެއް ކުރަހާނީ ރަށް ދުވަހަކު ލޮލުންވެސް ނުދެކި، މާލޭގެ ކޮންމެވެސް ވުޒާރާއެއްގެ މޭޒެއްދޮށުގައި ކިޔަވާ ދަސްކިޔައިގެން އިންނަ ކުއްޖެކެވެ. މިހާރު ރަށަށް ބޭނުންވާ ރަށްވެހިކަމުގެ ޚިދުމަތްތަކާއި، ޢިޖުތިމާއި މަސައްކަތްތަކާއި، އިޤްތިޞާދާއި ވިޔަފާރީގެ މަސައްކަތްތަކާއި، ޕްރޮކިއުމަންޓްގެ މަސައްކަތްތައް ރޭވިގެން، ނިމިގެން އަންނަނީ އެރަށެއްގެ ކައުންސިލެއްގެ ތެރެއިންނެވެ. ޕްރޮޖެކްޓްތައް ޑިޒައިންކުރަނީ ކައުންސިލްގެ ޕޭރޯލްގައި ތިބޭ އާރކިޓެކްޓުންނާއި އިންޖިނިއަރުންނެވެ. ޕްރޮޖެކްޓް ހިންގާނެ ފައިސާ ހުންނަނީ ކައުންސިލްގެ ބޭންކް އެކައުންޓެއްގައި ހަމަ މިބުނި ހިނދުން ބިލްތަކަށް ފައިސާ ދައްކާލެވޭހާ ގާތުގައެވެ.

މީގެ ސަބަބުން ރަށުގެ ތަރައްޤީގެ ދުވެލި ހަލުވިވެ، ރައްޔިތުންގެ ޚިޔާލާ އެއްގޮތަށް، ރަށަށް އެންމެ އެކަށީގެންވާ، އެންމެ ފައިދާހުރި ގޮތަށް ކަންތައްތައް ބައްޓަންކުރެވެއެވެ. ރަށްރަށަށް ވޭތުވެމިދިޔަ އަހަރުތަކުގައި އައިސްފައިވާ ތަރައްޤީއާއި، އުފެދިފައިވާ ވިޔަފާރީގެ ފަހި ފުރުޞަތުތަކާއި، އާރޯވެފައިވާ އިޤްތިޞާދުތަކާއި ފުޅާވެފައިވާ ޚިދުމަތްތައް ގުޅެނީ ލާމަރުކަޒީ ހިންގުމާއެވެ. ހަމަލާއެއް ކުރިމަތިވާހިނދު ތިމާ އެންމެ ލޯބިވާ މީހާ ހިމާޔަތްކުރުމަށް ބަގުޑިބައްދާ އުޞޫލުން، ރައްޔިތުން އެއްބައިވެގެން ލާމަރުކަޒީ ނިޒާމު ހިމާޔަތްކުރަންޖެހެނީ މިހެންވެގެންނެވެ. ލާމަރުކަޒީ ނިޒާމުން ކައުންސިލްތަކަށް ލިބީދީފައިވާ ބާރާއި އިޚްތިޔާރަށް އުނިކަން އަންނަ ގޮތަށް އަދި ޤާނޫނު އަސާސީއިން ރައްޔިތުންނަށް ހޯދައިދީފައިވާ ހައްޤަކަށް ކުޑައިމީސްވާގޮތަށް ސަރުކާރުން ނިންމާ ނިންމުންތަކާއި، އެކުލަވާލާ ޤާނޫނުތަކާއި ދެކޮޅަށް އަޑުއުފުލަން ޖެހެނީ މިހެންވެގެންނެވެ.

ލިޔުނީ: ނޫނުހާ
Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355