ބާޒާރުގައި ފިޔާ ލިބުމުގައި ކުރިމަތިވެފައިވާ ދަތިކަމަށް އަންނަ ހަފްތާއިން ފެށިގެން ހައްލެއް އަންނާނެކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހީނާ ވިދާޅުވީ ފިޔާ ލިބުމުގައި ކުރިމަތިވެފައިވާ ދަތިތައް ހައްލުކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވަމުން އަންނަކަމަށެވެ.
ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ހީނާ ވިދާޅުވީ، ބާޒާރުގައި މިވަގުތު ފިޔާގެ ދަތިކަން ހުރިކަން ފާހަގަވެފައިވާކަމަށާއި، އެކަމުގެ ސަބަބުން އަގުވެސް އުފުލިފައިވާކަމަށެވެ.
ފިޔާ ލިބުމުގައި ކުރިމަތިވެފައިވާ ދަތިކަމަށް ހައްލެއް ގެނައުމަށް ސަރުކާރުން މަސައްކަތް ކުރައްވަމުން ގެންދަވާކަން ފާހަގަކުރައްވައި ހީނާ ވިދާޅުވީ، އެސްޓީއޯއާއި އިޤްތިސާދީ ތަރައްގީއާއި ވިޔަފާރިއާ ބެހޭ ވުޒާރާ ގުޅިގެން އެކަން ހައްލު ކުރެއްވުމަށް މަސައްކަތް ކުރައްވަމުންދާކަމަށެވެ.
"އިރާދަކުރެއްވިއްޔާ އަންނަ ހަފްތާގެ ހޮނިހިރު ނުވަތަ އާދިއްތަ ހިސާބުގައި އެސްޓީއޯ މެދުވެރިކޮށް ރާއްޖެއަށް އިތުރަށް ފިޔާ ގެނައުމުގެ މަސައްކަތް ކުރައްވަމުން އެބަ ގެންދަވާ. އެއާއެކީގައި މިހާރު ދިމާވެގެން މިއުޅޭ އިޝޫއަށް ހައްލު ލިބިގެންދާނެކަމަށް އުންމީދު މިކުރެވިގެންދަނީ". ހީނާ ވިދާޅުވިއެވެ.
ބާޒާރުގައި ފިޔާގެ ދަތިކަން ކުރިމަތިވެގެން އުޅޭ މައިގަނޑު އެއް ސަބަބަކީ، އިންޑިއާއަށް މޫސުން ގޯސްވުމުގެ ސަބަބުން ފިޔާ ދަނޑުތަކަށް ލިބުނު ގެއްލުންތަކާއެކު، އިންޑިއާއިން ފިޔާ އެކްސްޕޯޓު ކުރުމުގައި ކުރިމަތިވި މައްސަލަތަކެއްގެ ސަބަބުނެވެ. ރާއްޖޭގެ އިތުރުން އަވަށްޓެރި ސްރީލަންކާއަށްވެސް އިންޑިއާއިން ފިޔާ އެކްސްޕޯޓް ކުރުމުގައި ދަތިތަކެއް ވަނީ ކުރިމަތިވެފައެވެ.
ބާޒާރުގައި ފިޔާ ލިބުން ދަތިވެ ފިޔާގެ އަގު ވަރަށް ބޮޑަށް އުފުލުމުން ގިނަ ބަޔަކު ވަނީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ.
މާލޭ ބާޒާރުމަތީގައި ހޯލްސެއިލްކޮށް ވިޔަފާރިކުރާ ފަރާތްތަކުން މިހާރު ފިޔާ ވިއްކަމުން އަންނަނީ ބަސްތާއެއް 900 ރުފިޔާއަށެވެ. މިދިޔަ ހުކުރު ދުވަހު ހެނދުނު ފިޔާ ބަސްތާއެއްގެ އަގު އުޅުނީ 650 ރުފިޔާ އަށެވެ. ނަމަވެސް އެދުވަހު ހަވީރުން ފެށިގެން އަގު ވަނީ 900 ރުފިޔާއަށް އުފުލިފައެވެ.
ހީނާ ވިދާޅުވީ، އަސާސީ މުދަލުގެ ލިސްޓެއް އިކޮނޮމިކް މިނިސްޓްރީގައި އަބަދު ވެސް އޮންނަ ކަމަށެވެ.
"އޭގެ އެއްވެސް މުދަލެއް ބާޒާރުގައި މަދުވެގެން އުޅޭނަމަ، އެ މުދަލެއް ފޯރުކޮށްދިނުމަށް ސަރުކާރުން މަަސައްކަތްތަކެއް ކުރައްވާ ކަމަށެވެ.