ސިޓީ ކައުންސިލުން ތަރައްގީކޮށް ހުޅުވި އާންމު ކުތުބުޚާނާއާއެކު ލިޔަން ފެށިގެން މިދިޔައީ ހަގީގަތުގައި ކުޅުދުއްފުށީގެ ތަރައްގީ އާއި ތަހުޒީބުގެ މުޅިން އާ ސޮފްހާއެއްކަމުގައި ކުޅުދުއްފުށީ މޭޔަރު މުހައްމަދު އާތިފް ވިދާޅުވެއްޖެ އެވެ.
ސިޓީ ކައުންސިލްގެ ބަޖެޓުން ދެ މިލިއަނަށްވުރެ ގިނަ ރުފިޔާ ހޭދަކޮށްގެން ގާއިމުކުރި ނޮލެޖް ސެންޓަރުގައި ހެދި އާންމު ކުތުބުޚާނާ އާއި ސްޓަޑީ ރޫމާއި ވެލްނެސް ރޫމް ހުޅުވައި ހިދުމަތް ދޭން ފެށީ ރޭގަ އެވެ. އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މޭޔަރު މުހައްމަދު އާތިފް ވިދާޅުވީ، މިއީ ހަމައެކަނި ފޮތްތަކެއް ލާފައި ހުޅުވި އިމާރާތެއް ނޫން ކަމަށާއި މިއީ މައުލޫމާތާއި އިލުމުގެ ބޮޑު ހަޒާނާއެއް ކަމަށެވެ.
"މިއީ ހަމައެކަނި ފޮތްތަކެއް ލާފަ ހުޅުވި އިމާރާތެއް ނޫން. އެއަށްވުރެއް މާ ފުޅާކޮށް ވިސްނަށް ޖެހޭ. މާ ފުޅާ ދާއިރާއެއްގައި މިތަނުން އަޅުގަނޑުމެންގެ މުޖުތަމައުއަށް ފައިދާވާނެ ތަނެއް ހަގީގަތުގައި މިއީ."
"މިރޭ ހުޅުވިގެން މިދިޔައީ އަޅުގަނޑުމެންގެ އިންސާނީ ވަސީލަތް ތަރައްގީކޮށް މީހުން ބިނާކުރާނޭ އެދުރުގެޔެއް. މިރޭ މި ރޯކުރެވުނީ އަޅުގަނޑުމެންގެ މުސްތަގުބަލަށް މަގުދައްކާ އަލިކުރާނޭ އަލިގަދަ އިލްމީ ދަންމަރެއް. މިރޭ މި ރުވާލެވުނީ އަޅުގަނޑުމެންގެ ދަރީންގެ ސިކުނޑިތަކުގެ ކާނާގެ ގޮވާން ދަނޑެއް. މިރޭ މި ބަނދެވުނީ އަޅުގަނޑުމެން ތަހުޒީބަށް ކުރާ ދަތުރުގެ ވަރުގަދަ ބައްތެއްޔެއް.ކުޅުދުއްފުށީ މޭޔަރު ވިދާޅުވި އެވެ.
"މިރޭ ހުޅުވިގެން މިދިޔައީ އަޅުގަނޑުމެންގެ އިންސާނީ ވަސީލަތް ތަރައްގީކޮށް މީހުން ބިނާކުރާނޭ އެދުރުގެޔެއް. މިރޭ މި ރޯކުރެވުނީ އަޅުގަނޑުމެންގެ މުސްތަގުބަލަށް މަގުދައްކާ އަލިކުރާނޭ އަލިގަދަ އިލްމީ ދަންމަރެއް. މިރޭ މި ރުވާލެވުނީ އަޅުގަނޑުމެންގެ ދަރީންގެ ސިކުނޑިތަކުގެ ކާނާގެ ގޮވާން ދަނޑެއް. މިރޭ މި ބަނދެވުނީ އަޅުގަނޑުމެން ތަހުޒީބަށް ކުރާ ދަތުރުގެ ވަރުގަދަ ބައްތެއްޔެއް." ކުޅުދުއްފުށީ މޭޔަރު ވިދާޅުވި އެވެ.
މިއީ އަންނަ އޮތް ޖީލުތަކުގެ މުސްތަގުބަލަށް ބިނާކުރުމަށް ކުރެވޭ ވަރަށް ބޮޑު މަސައްކަތެއްކަން މޭޔަރު ފާހަގަކުރެއްވި އެވެ.
" ހަގީގަތުގައި ދެންނެވިދާނެ ސިޓީ ކައުންސިލުން މިހާތަނަށް ކުރާ އެންމެ ބޮޑު އެއް އިންވެސްޓްމެންޓް ކަމަށް މިއީ. ފައިސާގެ ގޮތަކުން ނޫން އަޅުގަނޑު މި ދަންނަވަނީ." މޭޔަރު ވިދާޅުވި އެވެ.
މޭޔަރު ވިދާޅުވީ، ތާރިހުން ފެންނަ ހުރިގޮތުގައި ދުނިޔޭގައި ކުރިއަރާފައިވާ ހަލޯރަތްތައް ނުވަތަ ޒަމާނީ ސިޓީ ކުރިއެރުމުގައި ކުތުބުޚާނާތަކުގެ ދައުރު ބޮޑު ކަމަށެވެ. މި ކުތުބުޚާނާ ވެގެންދާނީ މުޖުތަމައު ބިނާކުރުމުގެ ވަރުގަދަ ބިންގަލަކަށްކަމުގައި މޭޔަރު ވިދާޅުވި އެވެ.