twitterviber whatsapp telegramfacebookyoutube instagram
19th September 2024

އާސާރަކާއި އާޓިފިޝަލް ބީޗެއް ތަރައްގީކުރުމުގެ މަސައްކަތް އަންނަނީ ކުރެވެމުން: މޭޔަރު

ސިޓީ ކައުންސިލުގެ ބަޖެޓުން އާސާރަކާއި އާޓިފިޝަލް ބީޗް ތަރައްގީކުރުމުގެ މަސައްކަތް އަންނަނީ ކުރަމުން ކަމަށާއި ވަރަށް އަވަހަށް އަމަލީ މަސައްކަތް ފެށޭނެކަމުގައި މޭޔަރު ވިދާޅުވި

ނަބީލާ އިސްމާޢީލް
Sep 18, 2024

ކުޅުދުއްފުށީގައި އާސާރަކާއި އާޓިފިޝަލް ބީޗެއް ތަރައްގީކުރުމުގެ މަސައްކަތް ޕްލޭން ކުރެވި، މަސައްކަތްތަކެއް ކުރެވެމުންދާކަމުގައި ކުޅުދުއްފުށީ މޭޔަރު މުހައްމަދު އާތިފް ވިދާޅުވެއްޖެ އެވެ.

ސިޓީ ކައުންސިލުން ތަރައްގީކުރި ނޮލެޖް ސެންޓަރާއި އާންމު ކުތުބުޚާނާ ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މޭޔަރު މުހައްމަދު އާތިފް ވިދާޅުވީ، ނޮލެޖް ސެންޓަރުގައި އެއްބައިގައި ރަށުގެ އާސާރެއް ތަރައްގީކުރުމުގެ ޕްލޭން ކުރެވި މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށެވެ.

އަދި މީގެ އިތުރުން އާޓިފިޝަލް ބީޗެއް ތަރައްގީކުރުމުގެ މަސައްކަތްވެސް ކުރިއަށްދާ ކަމަށާއި އެކަމުގެ އަމަލީ މަސައްކަތް އަވަސް މުސްތަގުބަލެއްގައި ފެށިގެންދާނެ ކަމަށެވެ. ސިޓީ ކައުންސިލް ލެވްލްގައި ގިނަ މަސައްކަތްތަކެއް ކުރެވި އަދި ކުރިއަށްވެސް ގިނަ ކަންތައްތައް ޕްލޭންކުރެވިފައިވާކަން މޭޔަރު ފާހަގަކުރެއްވި އެވެ.

އެގޮތުން މިސްކިތްތަކުގައި ސޯލާ ހަރުކުރެވި އަދި މިސްކިތްތަކުގެ ބޮޑެތި މަރާމާތުތަކެއް ކުރެވިފައިވާކަން ފާހަގަކުރެއްވި އެވެ. މީގެ އިތުރުން ކުޅިވަރުގެ ގިނަ ވަސީލަތްތަކާއި މައިޒާންތަކާއި ރަށުތެރޭ އަލިކުރުމާއި މުނިސިޕަލް ގިނަ ހިދުމަތްތަކެއް ހަރުދަނާކުރެވިފައިވާކަން މޭޔަރުގެ ވާހަކައިގައި ވިދާޅުވި އެވެ.

މޭޔަރު ވަނީ ރަށު ފެންވަރުގައި ސިޓީ ކައުންސިލުން މިހާރު ކުރިއަށްދާ ބައެއް މަޝްރޫއުތަކުގެ ވާހަކަވެސް ވިދާޅުވެފަ އެވެ. އެގޮތުން އިރުމަތި ފަރާތުގައި ތަރައްގީކުރާ ކޮމިއުނިޓީ ޕާރކުގެ މަސައްކަތާއި ހިނަވާގެ އާއި މަށިކުޅީގައި ތަރައްގީކުރާ ޕްލެޓްފޯމާއި ޑިޒާސްޓަރ މެނޭޖްމެންޓްގެ މަސައްކަތާއި މީހުން ބިނާކުރުމުގެ ޕްރޮގުރާމްތައްވެސް ހިންގަމުންދާ ކަމަށެވެ.

ތަރައްގީގެ މި މަޝްރޫއުތައް ހިންގެނީ ލާމަރުކަޒީ ގާނޫނުގެ ތެރެއިން ކައުންސިލްތަކަށް ލިބިފައިވާ ބާރާއި މާލީ ފުރުސަތުތަކާއެކު ކަމުގައި މޭޔަރު ވިދާޅުވި އެވެ.

"ހާއްސަކޮށް 19 ވަނަ މަޖިލީހުން ލާމަރުކަޒީ ގާނޫނަށް ގެނައި 8 ވަނަ އިސްލާހާއި 9 ވަނަ އިސްލާހަށްފަހު އަޅުގަނޑުމެންނަށް [ކައުންސިލްތަކަށް] ފަހި ފުރުސަތުތަކެއް ރަށްރަށުގެ ތަރައްގީއަށް ރަށްރަށުގެ ރައްޔިތުން ނިންމާ އެ ރައްޔިތުން ބޭނުންވާ ގޮތަށް ކުރިއަށް ދިއުމުގައި ފުރުސަތުތަކެއް ލިބިގެންދިޔަ." މޭޔަރު އާތިފް ވިދާޅުވި އެވެ.

އެ ބާރާއެކު ކުޅުދުއްފުށީ ސިޓީ ކައުންސިލަށް ކާމިޔާބީތަކެއް ހޯދުނުކަން މޭޔަރު ފާހަގަކުރެއްވި އެވެ. އަދި ކުރިއަށްއޮތްތަނުގައި ރަށުފެންވަރުގެ ބޮޑެތި ޕްރޮޖެކްޓްތަކެއް މިހާރުވެސް ރޭވިފައި އެބަހުރިކަން މޭޔަރު ވިދާޅުވި އެވެ.

"އަޅުގަނޑު މިރޭ އެންމެހާ ރައްޔިތުންގެ އަރިހުންވެސް އެދެން އަޅުގަނޑުމެންގެ މި ލާމަރުކަޒީ ގާނުނޫގެ ދިފާއުގައި މަސައްކަތްކޮށްދިނުމަށް. އަދި ރަށުގެ ތަރައްގީގެ ކަންކަމުގައި އެންމެން އެކައްޗެއް ކިޔާ އެބައިވަންތަވެ ރައްޔިތެއްގެ ގޮތުގައިވުމަށް." މޭޔަރު ވިދާޅުވި އެވެ.

ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ އާބަން ޑިވެލޮޕްމެންޓްގެ ބިލާއެކު ކައުންސިލްތަކަށް ލިބިފައިވާ ބާރުތައް މައި ސަރުކާރަށް މަރުކަޒު ކުރެވިދާނެކަމުގެ ބިރު އޮތީ ހީވެފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355