ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) އަށް ދިވެހި ސަރުކާރުން ވިއްކި ޓީ ބޮންޑުގެ ތެރެއިން ބާކީ ނުދައްކާ 50 މިލިއަން ޑޮލަރު އަނބުރާ ދެއްކުން ވެސް އިންޑިއާ ސަރުކާރުން އިތުރު އެއް އަހަރަށް ފަސްކޮށްދީފި އެވެ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި 2019 ގައި ސަރުކާރުން ވަނީ އެސްބީއައި މެދުވެރިކޮށް ބަޖެޓް ސަޕޯޓަށް 200 މިލިއަން ޑޮލަރު ހޯދައިފަ އެވެ.
އޭގެ ތެރެއިން 50 މިލިއަން ޑޮލަރަކީ ހިލޭ އެހީ އެވެ. ބާކީ 150 މިލިއަން ޑޮލަރު ލިބުނީ 50 މިލިއަން ޑޮލަރުގެ ތިން ޓީބިލްގެ ގޮތުގަ އެވެ. އޭގެ ތެރެއިން މިދިޔަ ޖެނުއަރީ މަހު ވަނީ 50 މިލިއަން ޑޮލަރު (770 މިލިއަން ރުފިޔާ) ގެ އެއް ޓީބިލް ސަރުކާރުން އަނބުރާ ދައްކައިފަ އެވެ. ބާކީ ނުދައްކާ ހުރި 100 މިލިއަން ޑޮލަރުގެ ތެރެއިން 50 މިލިއަން ޑޮލަރު މިދިޔަ މޭ މަހު އަނބުރާ ދައްކަން ޖެހިފައި ވަނިކޮށް އެ ފައިސާ ވެސް އިންޑިއާ ސަރުކާރުން އިތުރު އެއް އަހަރަށް އެ މަހު ދަންމާލި އެވެ. ނަމަވެސް ތިން ވަނަ ޓީ ބިލް ދެއްކުމުގެ މުއްދަތު މި މަހު ހަމަވެ އެވެ.
އެކަމަކު، ރާއްޖޭގެ ފޮރިން މިނިސްޓްރީން ނެރުނު ނޫސްބަޔާނެއްގައި ބުނީ، ތިން ވަނަ ޓީ ބިލްގައި ހިމެނޭ 50 މިލިއަން ޑޮލަރު ވެސް އަނބުރާ ދެއްކުމަށް ދިވެހި ސަރުކާރަށް އިތުރު އެއް އަހަރު ދޭން އިންޑިއާ ސަރުކާރުން މިހާރު ނިންމާފައިވާ ކަމަށެވެ.
"ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) މެދުވެރިކޮށް ނަގާފައިވާ 50 މިލިއަން ޑޮލަރުގެ ޓްރެޜަރީ ބިލު ދެއްކުމުގެ މުއްދަތު އިތުރު އަހަރަކަށް އިތުރު ކުރުމަށް އިންޑިއާ ސަރުކާރުން ނިންމައިފި އެވެ. މިއީ މި އަހަރުގެ ޓްރެޜަރީ ބިލުގެ ދެވަނަ ބައި ކަމަށް ވާއިރު، ފުރަތަމަ ބައި ވަނީ 13 މެއި 2024 ގައި ރޯލްއޯވާ ކޮށްފަ އެވެ،" ދިވެހި ސަރުކާރުގެ ބަޔާނުގައި ވެ އެވެ.
ފޮރިން މިނިސްޓްރީން ބުނީ، ތިންވަނަ ޓީ ބިލް ދެއްކުމުގެ މުއްދަތު އިންޑިއާ ސަރުކާރުން ފަސްކޮށްދިނީ އެ ގައުމުގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޖައިޝަންކަރު މިދިޔަ މޭ މަހު ރާއްޖެ އަށް ކުރެއްވި ދަތުރުގައި ކުރެއްވި މަޝްވަރާތަކާ ގުޅިގެން ކަމަށެވެ. އެ މަޝްވަރާތަކުގައި ރާއްޖޭގެ ފޮރިން މިނިސްޓަރު މޫސާ ޒަމީރު ވަނީ ބާކީ 50 މިލިއަން ޑޮލަރު ދެއްކުން ވެސް ފަސްކޮށްދިނުމަށް އިންޑިއާ ސަރުކާރުގައި އެދިވަޑައިގެންފަ އެވެ.
ރާއްޖޭގެ ބަޖެޓް ސަޕޯޓަށް އިންޑިއާ އިން އަނެއްކާވެސް އެހީތެރިކަން ފޯރުކޮށްދިން އިރު ރައީސް ޑރ. މުހައްމަދު މުއިއްޒު ރަސްމީ ދަތުރުފުޅެއްގައި ވަރަށް އަވަހަށް އިންޑިއާ އަށް ވަޑައިގަންނަވާނެކަން ދިވެހި ސަރުކާރުން ވަނީ ހާމަކޮށްފަ އެވެ.