twitterviber whatsapp telegramfacebookyoutube instagram
18th October 2024

ލާމު މެރަތަންގެ އެއްވަނަ ކުޅުދުއްފުށީ ދުވުންތެރިޔަކަށް

ހ.މ
Sep 28, 2024

ލާމު އަތޮޅު ކައުންސިލުން އިންތިޒާމް ކޮށްގެން ބޭއްވި ލ. ޒިއަމެން މެރަތަން 2024 ގެ ހާފު މެރަތަން ކެޓަގަރީ ބައިން ފަޚުރުވެރި އެއްވަނަ ކުޅުދުއްފުށީ، އަހުމަދު އަލީ ކާމިޔާބުކޮށްފި އެވެ.

ހާފު މެރަތަން ރޭސް ފެށުނީއްސުރެ އެންމެ ކުރީގައި އޮވެ، އަހުމަދު މި ރޭސް ނިންމާފައިވަނީ 01:30:56 އިންނެވެ.

އައިރަނާސްގެ ކޯޗު ހުސައިން ޝުޖާއުގެ ކޯޗު ކަމުގެ ދަށުން މެރަތަން ތަމްރީން ފުރިހަމަ ކުރަމުން އަންނަ އަހުމަދު ދާދިފަހުން ޓީއެފްޖީން މާލޭގައި ބޭއްވި "އާރޯ އެމްވީ ރަން - 2024" 5 ކިލޯމީޓަރު ދުވުމުގެ އޯޕަން ކެޓަގަރީންވެސް 1 ވަނަ ހާސިލްކޮށްފައެވެ. މީގެ އިތުރުން އަހުމަދަކީ ދުބާއީ މެރަތަން - 2024 ގައި ދުވެ މެޑަލް ހާސިލްކޮށްފައިވާ ދުވުންތެރިޔެއްކަން ފާހަގަކޮށްލެވެއެވެ.

ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުގައި ވަޒީފާ އަދާކުރަމުން ލިބޭ ހުސް ވަގުތުގައި މެރަތަން ތަމްރީނު ފުރިހަމަ ކުރަމުންގެންދާ އަހުމަދަށް ލިބުނު މި ކާމިޔާބީއާ ގުޅިގެން، ކޭއޯއަށް ދެއްވި އިންޓަރވިއުގައި ބުނެފައިވަނީ، މި ކާމިޔާބީގައި އެންމެ ބޮޑަށް އުފާވަނީ، އުފަން ރަށަށް ރީތި ނަން ހޯދައި ދެވުމުންނެވެ. ރަށުގެ ނަން ތާރީޚުގައި ރަންވަނައެއްގެ ގޮތުގައި ލިޔެވިގެންދިޔަ ދިޔުމެވެ.

އަހުމަދު މި ކާމިޔާބީގައި އޭނާގެ މުޅި އާއިލާގެ އެހީތެރިކަމާ އެއްބާރުލުން ފާހަގަކޮށް އެ ފަރާތްތަކަށް ޝުކުރު އަދާކޮށްފައިވެއެވެ. އަދި އޭނާއާއެކު ދުވުމުގައި ހަރަކާތްތެރިވާ ދުވުންތެރިންނަށްވެސް ޝުކުރު އަދާކޮށްފައިވެއެވެ.

ލާމު ހާފު މެރަތަންގައި ކުޅުދުއްފުށީ އައިރަނާސް ޓީމުގެ 5 ބައިވެރިޔަކު ބައިވެރިވެ ރޭސް ނިންމާ މެޑަލް ހާސިލްކޮށްފައިވެއެވެ. މީގެ ތެރެއިން 2 ވަނަ އަދި 3 ވަނައަށް ގޮސްފައިވަނީވެސް މި ޓީމުގެ ބައިވެރިންނެވެ. އެއީ 2 ވަނަ ހޯދި ހއ.ހޯރަފުށީ، އަހުމަދު ޙާމީ އަދި 3 ވަނަ ހޯދި ކުޅުދުއްފުށީ، އަލީ އަހުމަދެވެ.

މި ފަހަރުގެ ލާމު މެރަތަންގައި 500 ބައިވެރިން ރަޖިސްޓްރީ ވެފައިވެއެވެ. ލާމު މެރަތަންގެ މެއިން ސްޕޮންސަރަކީ ޗައިނާގެ ޒިއަމެން ސްޕޯޓްސް އެވެ. ހާފު މެރަތަން ކެޓަގަރީ ބައިން އެއް ވަނައަށް ހޮވުނު އަންހެން ބައިވެރިއަށާއި ފިރިހެން ބައިވެރިއާއަށް މާލެ ޗައިނާގެ ޒިއަމެން ދެކޮޅު ޓިކެޓު އިނާމެއްގެ ގޮތުގައި ދީފައިވެއެވެ. އަދި މުޅި މެރަތަންގެ ބައިވެރިންގެ މެދުގައި ނެގުނު ގުރުއަތުން ހޮވުނު ނަސީބުވެރި އެއް ބައިވެރިއަކަށްވެސް މާލެއިން ޗައިނާގެ ޒިއަމެން ދެކޮޅު ޓިކެޓު ދީފައިވެއެވެ.

މި މެރަތަންގައި ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލާއި ސްޕޯޓްސް މިނިސްޓަރު އަބްދު ﷲ ރާފިއު އާއި ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ވަން ލިޒިން އާއި ޗައިނާ އެމްބަސީގެ ޑިޕްލޮމެޓިކުން އަދި ޒިއަމެންގެ މަންދޫބަކު ބައިވެރިވެވަޑައިގެންނެވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355