ރައީސުލްޖުމްހުރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިހާރު އިންޑިއާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ރާއްޖޭގެ ވިޔަފާރި ޕްރޮމޯޓްކުރުމުގެ ފަހު މަންޒިލެެއްގެ ގޮތުގައި ބެންގަލޫރަށް ވަޑައިގެންފި އެވެ. މި ފުރަމާނަ ދަތުރުފުޅުގެ ތެރެއިން އެމަނިކުފާނު އިންޑިއާއަށް ވަޑައިގަތުމުން އެ ގައުމުގެ ސަރުކާރުން ވަނީ ހޫނު މަރުހަބާއެއް ދަންނަވައިފަ އެވެ.
ރައީސް ބެންގަލޫރަށް ވަޑައިގެންނެވީ މިއަދުގެ ހެނދުނުގެ ވަގުތެއްގައެވެ. ވިޔަފާރީގެ ދާއިރާއިން މަގުބޫލު ބެންގަލޫރުގައި ބިޒްނަސް ފޯރަމެއް ބާއްވަން ވަނީ ނިންމާފައެވެ. އަދި އެ ފޯރަމަށް ފަހު، އެތަނުގައި އުޅޭ ދިވެހިންނާވެސް ރައީސް ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
ބެންގަލޫރުގައި ގިނަ އަދަދެއްގެ ދިވެހި ދަރިވަރުން ވެސް ކިޔަވަމުން އަންނައިރު އެ ސިޓީއަށް ސިއްހީ އެކި ބޭނުންތަކަށް ދާ ދިވެހިންގެ އަދަދު ވެސް ވަނީ ވަރަށް ބޮޑުތަނުން އިތުރުވެފަ އެވެ.
އެމަނިކުފާނު ވަނީ އިއްޔެ މުމްބާއީގައި ރާއްޖޭގެ ވިޔަފާރި އާއި ޓޫރިޒަމް ޕްރޮމޯޓް ކުރައްވައިފަ އެވެ. ބޮލީވުޑުގެ މަޝްހޫރު ތަރިން ވެސް ބައިވެރިވި މި އިވެންޓުގައި ރައީސް މުއިއްޒު ވަނީ ރާއްޖޭގައި ބޮލީވުޑްގެ ފިލްމުތައް ޝޫޓްކުރުމަށް އިންޑިއާގެ ފިލްމީ އިންޑަސްޓްރީއަށް ދައުވަތުދީފަ އެވެ.
މިދިޔަ އާދިއްތަ ދުވަހު ރައީސް އިންޑިއާއަށް ފެއްޓެވި ދަތުރުފުޅުގައި ވަނީ ބޮޑުވަޒީރު މޯދީއާ ބައްދަލުކުރައްވައި ދެ ގައުމުގެ ރަސްމީ ވާހަކަތައް ވެސް ނިއު ދިއްލީގައި ބާއްވައިފަ އެވެ.
ރައީސް އާއި ބޮޑުވަޒީރު މޯދީގެ ބައްދަލުކުރެއްވުމަށް ފަހު ދެ ބޭފުޅުން އެކުގައި ދެއްވި މީޑިއާގައި ސްޓޭޓްމަންޓުގައި ރައީސް ވިދާޅުވީ އިންޑިއާއަކީ ރާއްޖޭގެ ޓޫރިޒަމް ސިނާއަތުގައި މުހިއްމު ދައުރެއް އަދާކުރާ ގައުމެއް ކަމަށެވެ. އެ ގައުމުން އިތުރު ޓޫރިސްޓުންނަށް މަރުހަބާ ކިޔާ ކަމަށް ރައީސް ވިދާޅުވި އެވެ.
ދިއްލީގައި ބޭއްވި ބިޒްނަސް ފޯރަމްގައި ވެސް ރައީސް ވަނީ ރާއްޖޭގެ ޓޫރިޒަމް ދާއިރާ ތަރައްގީކުރުމުގެ އިތުރުން އާމްދަނީ ލިބޭނެ އިތުރު ކަންކަން ތައާރަފުކުރެއްވުމުގެ ޝައުގުވެރިކަން ފާޅުކުރައްވައިފަ އެވެ.
ރައީސްގެ މި ދަތުރުފުޅުގެ ތެރެއިން ވަނީ އިންޑިއާ އިން ރާއްޖެއަށް 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕް ފެސިލިޓީއެއްގައި ސޮއިކޮށްފަ އެވެެ.