twitterviber whatsapp telegramfacebookyoutube instagram
22nd October 2024

ކުޅުދުއްފުށީ ސްކޫލުތަކުގެ ދަރިވަރުންގެ ޤުރުއާން ކިޔެވުމުގެ ފެންވަރު ރަނގަޅުކުރުމަށް ކައުންސިލުން ޤުރުއާން ކޯޗުން ހަމަޖައްސައިދެނީ

ނަބީލާ އިސްމާޢީލް
Oct 20, 2024
2

ކުޅުދުއްފުށީގެ ސަރުކާރު 3 ސްކޫލުގެ ދަރިވަރުންނަށް ޤުރުއާންގެ ހަމަތަކުގެ މަތިން ޤުރުއާން ދަސްކޮށްދިނުމާއި އެފަންނުން ދަރިވަރުންގެ ހުނަރު އިތުރަށް ތަރައްގީކުރުމަށް ސިޓީ ކައުންސިލުން ޤުރުއާން ކޯޗުން ހަމަޖެއްސުމަށް ނިންމައިފި އެވެ.

ސްކޫލުތަކަށް ޤުރުއާން ކޯޗުން ހޯދުމަށް މަޝްވަރާކޮށްފައިވަނީ ސިޓީ ކައުންސިލުން މިދިޔަ ބުދަ ދުވަހު ބޭއްވި އެ ކައުންސިލްގެ އާންމު ބައްދަލުވުމުގަ އެވެ.

ކޭއޯއަށް މައުލޫމާތު ދެއްވަމުން ކުޅުދުއްފުށީ މޭޔަރު މުހައްމަދު އާތިފް ވިދާޅުވީ ޤުރުއާން ކޯޗުން ހޯދުމަށް ނިންމާފައިވަނީ މީގެ ކުރިން ކައުންސިލުން ބާއްވަމުން އައި ޤުރުއާން މުބާރާތްތަކުން ކުދިން ފެންވަރު ރަނގަޅުކުރަން ޖެހޭކަން ފާހަގަވެފައިވާތީ އެ ރޮނގުން ކުދިން ކުރިއެރުވުމުގެ މަގުސަދުގައި ކަމަށެވެ.

މޭޔަރު ވިދާޅުވީ ޤުރުއާން މުބާރާތްތަކަށް ގެނެވިފައިވާނީ ފެންވަރު ރަނގަޅު ޖަޖުން ކަމަށާއި އެ ޖަޖުންވެސް ފާހަގަކޮށްފައިވާ ގޮތުގައި ދަރިވަރުންގެ ފެންވަރު ވަރަށް ރަނގަޅުކުރަން ޖެހޭކަމަށެވެ.

"އެހެންކަމުން އަޅުގަނޑުމެން މި އަހަރު ވިސްނިގޮތަކީ ޤުރުއާން މުބާރާތަށް ކުރާ ހަރަދު ސްކޫލަށް ކޯޗެއް ހަޔަރކޮށްފައި ތަމްރީން ޕްރޮގުރާމެއް ހިންގިއްޖެއްޔާ މާބޮޑު ނަތީޖާއެއް މުސްތަގުބަލުގައި ނެރެވިދާނެކަމަށް. އެގޮތުން މުބާރާތުގައި ކުޅުދުއްފުށީ ކުދިން ހޯދާ ނަތީޖާ އިތުރުވެގެން ދާނެ ކަމަށް." މޭޔަރު ވިދާޅުވީ އެވެ.

މޭޔަރު ވިދާޅުވީ މިގޮތަށް ކޯޗެއްގެ ހޯދުމަށް ސްކޫލުތަކާއެކުވެސް މަޝްވަރާކުރެވުނު ކަމަށާއި ސްކޫލުތަކުންވެސް އެގޮތަށް ވަރަށް ބޮޑަށް ބޭނުންވި ކަމަށެވެ.

"އެހެންކަމުން ޤުރުއާން މުބާރާތުގެ ބަދަލުގައި މި އަހަރު އެ ހަރަދު މި ކުރަނީ 3 ސްކޫލަށްވެސް ރަނގަޅު ކޯޗެއް ހަޔަރކޮށް ރަނގަޅު ޕްރޮގުރާމުތަކެއް ހިންގަން" މޭޔަރު ވިދާޅުވީ އެވެ.

ގާތްގަނޑަކަށް 50 ވަރަކަށް ދުވަހަށް ކުރިއަށްގެންދަން ނިންމާފައިވާ މި ޕްރޮގުރާމުގެ ކޯޗުންގެ ހުރިހާ ހަރަދެއް ހަމަޖައްސައިދޭނީ ސިޓީ ކައުންސިލުންނެވެ. މޭޔަރު ވިދާޅުވީ، ކައުންސިލުން ކޯޗުން ފޯރުކޮށްދިނުމުން ސްކޫލުތަކުން ނިންމާގޮތަކަށް ދަރިވަރުންނަށް ފަސޭހަ ގަޑިތަކަކަށް ބަހާލައިގެން ޕްރޮގުރާމުތައް ކުރިއަށްގެންދާނެ ކަމަށެވެ.

މޭޔަރު ވިދާޅުވީ ޤުރުއާން މުބާރާތް ބާއްވަމުން އައީވެސް ޤުރުއާނުގެ ފެންވަރު، ކިޔުމުގެ އެ ފެންވަރު ކުޅުދުއްފުށީގެ ދަރިވަރުން އިތުރުކުރުމުގެ މަގުސަދުގައި ކަމަށެވެ. އަދި ފެންވަރު ރަނގަޅު ޖަޖުން މުބާރާތަށް ގެނެވުމުން، ޖަޖުންގެ ފަރާތުންވެސް ފާހަގަވީ ކުދިން ވަރަށް ބޮޑަށް ޤުރުއާން ކިޔެވުމުގައި ރަނގަޅުކުރަން ޖެހޭކަ ކަމުގަ އެވެ. އެހެންކަމުން އެކަމަށް ހައްލެއް ހޯދުމުގެ ގޮތުން މުސްތަގުބަލުގައި އެކަމުގެ ފައިދާ، އެ ދަރިވަރުންނަން ކުރާނެ ގޮތަކަށް ކަންކުރުން ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355