އަންނަ އަހަރަށް ދައުލަތުގެ ބަޖެޓު ހުށަހަޅާއިރު، ދައުލަތުގެ މުސާރަތަކަށް ގެންނަ ބަދަލުތަކުގެ ތެރޭގައި ރައީސުލްޖުމްހުރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ މުސާރައިގެ 50 ޕަސެންޓާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި ސިޔާސީ މަގާމުތަކުގެ މުސާރަ ކުޑަކުރަން ނިންމަވައިފިއެވެ.
ރައީސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ 2025 ވަނަ އަހަރަށް ދައުލަތުގެ ބަޖެޓު ހުށަހަޅާއިރު، އިގުތިސާދީ އިސްލާހީ އެޖެންޑާގެ ދަށުން، ދައުލަތުގެ ހަރަދުތައް ކުޑަކުރުމުގެ މަގުސަދުގައި ގިނަ ފިޔަވަޅުތަކެއް އެޅުމަށް ނިންމައިފައިވާ ކަމަށެވެ.
އެ މަނިކުފާނު ވިދާޅުވީ އޭގެ ތެރޭގައި މުސާރައާ ގުޅޭ ގޮތުން ބައެއް ފިޔަވަޅުތައް ދެ އަހަރު ދުވަހުގެ މުއްދަތަށް އެޅުމަށް ނިންމާފައިވާ ކަމަށެވެ.
2025 ވަނަ އަހަރަށް ދައުލަތުގެ ބަޖެޓު ހުށަހަޅާއިރު، އިޤްތިޞާދީ އިޞްލާޙީ އެޖެންޑާގެ ދަށުން، ދައުލަތުގެ ޚަރަދުތައް ކުޑަކުރުމުގެ މަޤްޞަދުގައި ގިނަ ފިޔަވަޅުތަކެއް އެޅުމަށް ވާނީ ނިންމާފައި. މިގޮތުން މުސާރައާއި ގުޅޭ ގޮތުން ތިރީގައިވާ ފިޔަވަޅުތައް 2 އަހަރު ދުވަހުގެ މުއްދަތަށް…
— Dr Mohamed Muizzu (@MMuizzu) October 23, 2024
އެގޮތުން ސިޔާސީ މަގާމުތަކުގައި ތިއްބަވާ ބޭފުޅުންގެ މުސާރައިން 10 ޕަސެންޓް އުނިކުރުން، ބޭންކްތައް ފިޔަވައި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންގެ މުސާރައިން 10 ޕަސެންޓް އުނިކުރުން, އަދި ކުންފުނިތަކުގެ ވެރީންނަށް އެންމެ ބޮޑުކޮށް ދެވޭނީ 90،000 ރުފިޔާ ކަމަށް ކަނޑައެޅުން. (މިހާރު 100،000 ރުފިޔާ އަށްވުރެ ބޮޑު މުސާރަ ބައެއް ކުންފުނި ތަކުގެ މުސާރަ އޮނިގަނޑު އޮތްގޮތުން ލިބޭ)، މިނިވަން މުއައްސަސާތަކުގެ އިސްވެރިންގެ މުސާރައިން 10 ޕަސެންޓް އުނިކުރުމަށް ކަމާބެހޭ ފަރާތްތަކަށް ހުށަހެޅުން, ޝަރުޢީ ދާއިރާގެ އިސްވެރިން އަދި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ މުސާރައިން 10 ޕަސެންޓް އުނިކުރުމަށް އެ ފަރާތްތަކުގައި އެދުމެވެ.
ރައީސް ވިދާޅުވީ އެ ފިޔަވަޅުތައް އެޅުމުގައި 12،000 ރުފިޔާއިން ދަށުން މުސާރަ ލިބޭ މީހުން އިސްތިސްނާކުރާނެ ކަމަށެވެ.
ރައީސާއި ނައިބު ރައީސްގެ މުސާރަ އާއި އިނާޔަތްތައް ކަނޑައެޅުމުގެ ގާނޫނު ބުނާގޮތުން ރައީސްގެ މުސާރައަކީ މަހަކު 100،000 ރުފިޔާއެވެ. އެ އަދަދު 120،000އަށް ބޮޑުކުރަން މިދިޔަ ޑިސެމްބަރު މަހު، އޭރު އެމްޑީޕީގެ އަޣުލަބިއްޔަތު އޮތް މަޖިލީހުގެ އާންމު ކޮމިޓީން ފާސްކުރި ނަމަވެސް ރައީސް ވަނީ މުސާރަ ބޮޑުކުރަން ބޭނުންފުޅުނުވާ ކަމަށް ވިދާޅުވެފައެވެ.
ރައީސް ނިންމަވައިފައިވާ ގޮތަށް، މުސާރަ 50 ޕަސެންޓް ކުޑަކޮށްފި ނަމަ އެ މަނިކުފާނަށް ލިބިވަޑައިގަންނަވާނީ 50،000 ރުފިޔާއެވެ.
މަޖިލިސް މެންބަރުންގެ މުސާރަތައް ކަނޑައަޅަނީ މެންބަރުން އަމިއްލަފުޅަށް ކަމަށްވާއިރު، މެންބަރުންގެ މުސާރައަކީ މިހާރު ކޮމެޓީ އެލަވަންސާއެކު 82،500 ރުފިޔާއެވެ.
ސަރުކާރުން އަޅާ އިގުތިސާދީ ފިޔަވަޅުތަކުގެ ދަށުން 228 ސިޔާސީ މުވައްޒަފުން ވަކިކުރަން ނިންމައިފައިވާކަން މިދިޔަ ހަފުތާގައި ރައީސް ވަނީ އިއުލާންކުރައްވައިފައެވެ.