ފަތުރުވެރިކަން ތަރައްގީކުރުމަށް ހަނިމާދޫން 5000 އަކަފޫޓްގެ ހަތަރު ބިން ކައުންސިލުން ކުއްޔަށް ދޫކޮށްފި އެވެ. ފަތުރުވެރިކަމަށް ދޫކުރި މި ހަތަރު ބިމުން އެކަނިވެސް ކައުންސިލަށް އަހަރަކު 46,256.5 ޑޮލަރުގެ އާމުދަނީއެއް ލިބިގެންދާނެ އެވެ.
މި ހަތަރު ބިން ހަވާލުކުރުމުގެ ހާއްސަ ރަސްމިއްޔާތެއްގައި މިދިޔަ ބުރާސްފަތި ދުވަހު ވަނީ ބާއްވައި ކުންފުނިތަކާ ހަވާލުކޮށްފަ އެވެ. އެއީ ޔޫރެކާ ހޯލްޑިންގް ޕްރައިވެޓް ލިމިޓެޑް، ބްރޯކް އެންޑް ބިޒީ ޕްރައިވެޓް ލިމިޓެޑް އަދި މިނިންޓް ޕްރައިވެޓް ލިމިޓެޑެވެ.
ހަނިމާދޫ ކައުންސިލްގެ ނައިބު ރައީސް ފިރާގު މުހައްމަދު ވިދާޅުވީ ހަނިމާދޫ ރައްޔިތުންގެ މާލިއްޔަތައް އަދި ވަޒީފާތަކާއި ރައްޔިތުންގެ ޖީބަށް ފައިސާ ވަންނަން ކައުންސިލުން ހުޅުވާލި ދޮރެއް ކަމަށެވެ.
"އަޅުގަނޑުމެންގެ އަމާޒަކީ ހަނިމާދޫ އެއާޕޯޓް ނިމި ހުޅުވެންވާއިރަށް މި ސަރުކާރުގެވެސް އަމާޒާ އެއްގޮތަށް މިސަރަހައްދާއި މި ހަނިމާދޫގައި ގިނަ ބެޑްތަކެއް އިތުރުކުރުން. އެގޮތުން ރާއްޖޭގެ "ރަންބިސްއަޅާ ކުކުޅު" ޓޫރިޒަމް މި ރަށުގައި ފުޅާކުރުމަށް 5000 އަކަފޫޓްގެ 4 ބިން ހަވާލުކުރެވުނު ދުވަހެއް".ފިރާގު ވިދާޅުވި އެވެ.
ފިރާގު އިތުރަށް ވިދާޅުވީ މީގެ ސަބަބުން ފަތުރުވެރިކަމުގައި ހަނިމާދޫއިން ބޭރުގައި މަސައްކަތްކުރާ ރައްޔިތުންނަށް އަމިއްލަ ވަޒަނަށް ބަދަލުވުމުގެ މަގުފަހިވެގެންދާނެ ކަމަށާއި މިއީ މިހާ ބޮޑު އަގަކަށް ޓޫރިޒަމަށް ނިސްބަތުން ރަށުން ބިން ދޫކުރެވުނު ފުރަތަމަ ފަހަރުކަމަށެވެ.
ފިރާގު ވިދާޅުވީ ރަށެއް ތަރައްގީކުރެވޭނީ އެރަށެއްގެ ރައްޔިތުންގެ މާލިއްޔާތު މުއްސަނދިކޮށް ކައުންސިލަށް އާމްދަނީ އިތުރުކުރުމުގެ އިތުރުން ރައްޔިތުންގެ ތަހުޒީބާ އެއްބާރުލުމާއި އެކުގައި ކަމަށެވެ.
"އެހެންކަމުން އަޅުގަނޑުމެން މި މަސައްކަތް ކުރަނީ ހަނިމާދޫގައި އަނެއްކާވެސް ރައްޔިތުން ބޭނުންވާ ތަރައްގީގެ އިތުރު ބޮޑެތި ޕްރޮޖެކްތަކާއި ހިދުމަތްތައް މި ކައުންސިލުން ހިންގުމަށް. އަދި މީގެއިތުުރުން ދެންހުރި ބިންތައްވެސް ވީއެއްމެ އަވަހަކަށް ދީ ރައްޔިތު މާލިއްޔާތު ފުޅާކޮށް މި ހަނިމާދޫ އިތުރަށް ތަރައްޤީކޮށް ރައްޔިތުން ބޭނުންވާ ހިދުމަތްތައް ދެވޭނެ ކަންކަން ކުރަންބޭނުންވާ އާމްދަނީ އިތުރުކޮށް ހިންގުމަށް." ފިރާގު ވިދާޅުވި އެވެ.
ޔޫރެކާ ހޯލްޑިންގް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން ހަލީމެވެ. ބްރޯކް އެންޑް ބިޒީ ޕްރައިވެޓް ލިމިޓެޑަށް ދެ ބިމެއް ހަވާލުކުރެވުނުއިރު އެ ކުންފުނީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ޝާނިއުއެވެ. އަދި މިނިންޓް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ޑިރެކްޓަރ ސުޖާއު އަލީއެވެ.
ހަނިމާދޫ ކައުންސިލްގެ ފަރާތުން މި ހުރިހާ އެއްބަސްވުމެއްގައި ސޮއިކުރެއްވީ ކައުންސިލްގެ ނައިބު ރައީސް ފިރާގު މުހައްމަދެވެ.