ސިޓީ ކައުންސިލްގެ ހަރަދުގައި ކުޅުދުއްފުށީގައި އައިޑީކާޑް ޕްރިންޓްކުރެވޭނެ އިންތިޒާމު ހަމަޖައްސައިދިނުމަށް މިއަހަރުގެ ޖޫންމަހު، މިނިސްޓަ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ، އަލީ އިހްސާން އަރިހުން ކުޅުދުއްފުށީ މޭޔަރު މުހައްމަދު އާތިފް އެދިވަޑައިގެންނެވިކަން ހާމަވެއްޖެ އެވެ.
މާލެ ސަރަހައްދު ފިޔަވާ، އެންމެ ގިނައިން އައިޑީކާޑް ހެދުމަށް ހުށަހަޅަނީ ކުޅުދުއްފުށިންނެވެ. މިހާރުވެސް އައިޑީކާޑާ ބެހޭ ހުރިހާ މައުލޫމާތެއް ޕޯޓަލްއަށް އަޅަނީ ކައުންސިލްތަކުންނެވެ. ޑީއެންއާރުން ގާތްގަނޑަށް ކުރާކަމަކީ ހަމައެކަނި ޕްރިންޓްކޮށްލުމެވެ.
ކުޅުދުއްފުށިން އައިޑީކާޑް ޕްރިންޓްކުރުމުގެ ހިދުމަތާ ބެހޭ ގޮތުން އުތުރު ދާއިރާގެ މަޖިލިސް މެންބަރު މުހައްމަދު ދާއޫދު ކުރެއްވި ސުވާލާ ގުޅިގެން މިނިސްޓަރު އިހުސާން ދެއްވި ޖަވާބުން އާންމުގެ ގިނަ ބަޔަކަށް އޮޅުން އެރި އެވެ.
މަޖިލީހުގައި މިނިސްޓަރު އިހްސާންއާ ސުވާލުކުރަން ލިބުނު ފުރުސަތުގައި މެންބަރު މުހައްމަދު އެއްސެވީ، ކުޅުދުއްފުށީގައި އައިޑީކާޑް ޕްރިންޓް ކުރުމުގެ ހިދުމަތް ފެށޭނީ ކިހާތާކުތޯ ކަމަށެވެ. އެއީ ރަށްރަށުގައި އައިޑީކާޑް ޕްރިންޓްކުރުމުގެ ހިދުމަތް ފެށުމަކީ މިސަރުކާރުގެވެސް ވައުދުގެ ތެރޭގައި ހިމެނޭކަމެއްކަމަށްވާތީ އެވެ.
މިނިސްޓަރު އިހްސާން ދެއްވި ޖަވާބު:
"ގއ އަތޮޅުގައި މިހާރު އަޅުގަނޑުމެން ވާނީ [އައިޑީކާޑް ޕްރިންޓް]ގެ ހިދުމަތްފަށާފަ. ހދ. ކުޅުދުއްފުއްޓަކީވެސް އޭގެތެރެއިން އެއްރަށް، ފަށަން ރާވާފައޮތް ނަމަވެސް މިކަމަކީ ގާތްގަނޑަކަށް ޕްރިންޓިންނާއެއްކޮށް އެއްލައްކަވިހިހާސް ރުފިޔާ ގާތްގަނޑަކަށް ހަރަދުވާ ކަމެއްކަމަށްވާތީވެ، އަޅުގަނޑުމެން ބަޖެޓްކޮށްފައި އިންނާނީ މިހާރު އަންނަ އަހަރުތެރޭ ކުޅުދުއްފުށީވެސްލާން،އެހެންވީމަ މެޝިނަރީސް އަޅުގަނޑުމެންނަށް ލިބޭވަރަކުން ދާނަން." މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު އިހްސާން ދެއްވި ޖަވާބުން ގިނަ ބަޔަކަށް އަޅައިގަތީ، މިނިސްޓްރީގެ ޓައިމްލައިނަށްވުރެ ކުރިން އެ މަސައްކަތް ފަށަން ބޭނުންނަމަ ސިޓީ ކައުންސިލުން މެޝިނަރީސް އާއި ތަން ޕްރޮވައިޑްކޮށްދީ މައުލޫމާތު ހިއްސާކުރުމުން ހިދުމަތް ފަށާނެ ކަމަށެވެ. މިހެން ވިދާޅުވުމުން ގިނަ ބަޔަކަށް ހީވީ ހިދުމަތް ނުފެށި ލަސްވަނީ ސިޓީ ކައުންސިލާ ހެދި ކަމަށެވެ.
މިކަން ސާފުކޮށްދެއްވާ މޭޔަރު އާތިފް ރޭގައި ކުރެއްވި ޕޯސްޓަކުން ހާމަވީ، އައިޑީކާޑް ޕްރިންޓް ކުރުމުގެ ހިދުމަތް ފެށުމަށް ސިޓީ ކައުންސިލުން މިދިޔަ ޖޫންމަހު މިނިސްޓަރު އިހްސާންއާ އެ މިނިސްޓްރީގެ ބައެއް ވެރިންނާއެކު ބައްދަލުކުރައްވައި އެދުނު ކަމަށެވެ. ޖޫންމަހު ކައުންސިލުން ކުރި އެ ޕޯސްޓާއެކު މޭޔަރު ވިދާޅުވީ، މިނިސްޓްރީގެ ބަޖެޓުން އެކަން ކުރެވެން ނެތްނަމަ ސިޓީ ކައުންސިލުން ހަރަދުކޮށްވިޔަސް އައިޑީކާޑް ޕްރިންޓްކުރުމުގެ ހިދުމަތް ފަށަން ބޭނުންވާ ކަމަށެވެ.
މޭޔަރު އާތިފް ވިދާޅުވީ، އެކަމުގެ މުޅި ސެޓަޕަށް މިލިއަނެއްހާ ރުފިޔާ ހަރަދުވާނެކަމަށް މިނިސްޓަރު އޭރު ވިދާޅުވެފައިވާކަމަށާއި އެކަން ކުރިއަށްދާން ވީގޮތެއް މިނިސްޓަރު އަންގަވައިދެއްވާނެކަމަށެވެ. ބޮޑު ހަރަދެއް ދިޔަކަމުގައިވިޔަސް ސިޓީ ކައުންސިލުން އޮތީ އެކަން ކުރަން ތައްޔާރަށްކަމުގައި މިނިސްޓަރު އަރިހުގައި ވިދާޅުވިކަމަށް މޭޔަރު ވިދާޅުވި އެވެ.
ޖޫންމަހު މިނިސްޓަރާ ބައްދަލުކުރައްވައި ދެއްކެވި އިތުރު ވާހަކަތަކުގެ ތެރޭގައި ރަށުގައި ފުލުހުންގެ ހިދުމަތް ފުރިހަމަކޮށްދިނުމަށާއި ފުލުހުން އިދާރާގައި ޖާގައިގެ މައްސަލަ ހައްލުކޮށްދިނުމަށާއި ގާނޫނާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކޮށްދިނުމަށާއި ޑްރަގް ރިހިބިލިޓޭޝަންގެ މަސައްކަތް ފުޅާކޮށްދިނުމަށް އެދިފައިވެ އެވެ.
ޖޫންމަހު ބޭއްވި ބައްދަލުވުމުގައި މިނިސްޓަރު އިހްސާންގެ އިތުރުން ޑެޕިއުޓީ މިނިސްޓަރު އަހުމަދު އަލީ، ސްޓޭޓް މިނިސްޓަރު އަލްއުސްތާޒް ލުބްނާ މުހައްމަދު އަދި އެސިސްޓެންޓް ކޮމިޝަނާ ފަރުހާދު ފިކްރީ ބައިވެރިވެވަޑައިގެންނެވި އެވެ.