ސަރުކާރުގެ ފަރާތުން މި އަހަރަށް ލަފާކޮށް ހުށަހެޅި 5.1 ބިލިއަން ރުފިޔާގެ ސަޕްލިމެންޓަރީ ބަޖެޓު ފާސްކުރަން ރައްޔިތުންގެ މަޖިލީހުގައި ބަޖެޓު ދިރާސާކުރަން ހޮއްވެވި ކޮމިޓީން ފާސްކޮށްފިއެވެ.
މިއީ މިދިޔަ އަހަރު، މި އަހަރަށް މަޖިލީހުން ފާސްކުރި ޖުމުލަ 49.8 ބިލިއަން ރުފިޔާގެ އިތުރަށް ހުށަހަޅާ ބަޖެޓެކެވެ. އެހެންވެ، މި އަހަރުގެ ބަޖެޓު 55 ބިލިއަން ރުފިޔާއަށް އަރާނެއެވެ.
ސަޕްލިމެންޓަރީ ބަޖެޓު ދިރާސާކުރަން އިއްޔެ ބޭއްވި ކޮމިޓީ ބައްދަލުވުމުގައި ސަރުކާރުން ހުށަހެޅިގޮތަށް ބަޖެޓު ފާސްކޮށްދެއްވަން ހުށަހެޅުއްވީ މާމިގިނލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމެވެ. އޭނާ ވަނީ ސަރުކާރުން ހުށަހަޅާފައި އޮތް ގޮތަށް 5.1 ބިލިއަން ރުފިޔާގެ ސަޕްލިމެންޓަރީ ބަޖެޓު ފާސްކުރަން ހުށަހަޅުއްވައިފައެވެ.
ހޯރަފުށީ ދާއިރާގެ މެންބަރު އަލީ މޫސާއާއި ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް ވަނީ އެ ހުށަހެޅުމަށް ތާއީދުކުރައްވާފައެވެ.
ސަޕްލިމެންޓަރީ ބަޖެޓު ފާސްކުރަން ކޮމިޓީގައި ނެގި ވޯޓުގައި ބައިވެރިވެވަޑައިގެން އެއް މެންބަރަކު ފިޔަވާ އެހެން ހުރިހާ މެންބަރުން ވަނީ ބަޖެޓު ފާސްކުރަން ވޯޓުދެއްވައިފައެވެ. ވަކި ގޮތަކަށް ވޯޓު ދޭން ބޭނުންނުވާ ކަމަށް ވޯޓުދެއްވީ ކަނޑިތީމު ދާއިރާގެ މެންބަރު އަމީން ފައިސަލެވެ.
ސަޕްލިމެންޓަރީ ބަޖެޓެއް މަޖިލީހަށް ހުށަހަޅަން ސަރުކާރުން ނިންމީ މި އަހަރަށް ކަނޑައެޅި ބަޖެޓު ހުސްވެގެންނެއް ނޫނެވެ. އެ ގޮތުން، މިދިޔަ މަހުގެ ނިޔަލަށް ބަޖެޓުން ޖުމުލަ ހަރަދުވެފައިވަނީ 37.4 ބިލިއަން ރުފިޔާ ކަމަށް މާލީ ވުޒާރާއިން ބުންޏެވެ. އެއީ، ބަޖެޓުގެ 76 އިންސައްތައެވެ.
ސަޕްލިމެންޓަރީ ބަޖެޓެއް ހުށަހަޅަން ނިންމީ މި އަހަރުގެ ބަޖެޓުގައި އަންދާޒާކޮށްފައިވާ މިންވަރަށްވުރެ އިތުރަށް ބައެއް ދާއިރާތަކުން ހަރަދުކުރަން ޖެހުމުން ކަމަށް މާލީ ވުޒާރާއިން ބުންޏެވެ.
މާލީ ވަޒީރު މަޖިލީހަށް ހުށަހެޅުއްވީ ޖުމުލަ 5,119,508,129 ރުފިޔާގެ ބަޖެޓެކެވެ. އެހެންވެ، މި ބަޖެޓާ އެކު ޖުމުލަ މި އަހަރުގެ ބަޖެޓު 55 ބިލިއަން ރުފިޔާއަށް އަރާނެއެވެ.